ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓްގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ ދެކުނު ދާއިރާގެ ޓިކެޓް ދިނުމަށް ބޭއްވި ޕްރައިމަރީ އަބްދުﷲ ފަލާހް ޝަރީފް، ފުނާޑު، މާނެލް ކާމިޔާބުކޮށްފިއެވެ.
އިއްޔެ މާލެ އާއި ފުވައްމުލަކުގައި ބޭއްވި އެމްޑީޕީގެ ޕްރައިމަރީ އަތޮޅު ކައުންސިލްގެ ރައީސް ފަލާހް ކާމިޔާބުކުރީ ދޫނޑިގަން ކައުންސިލްގެ ރައީސް ދޫނޑިގަން ގާކެނޑިގެ އިބްރާހިމް މުހައްމަދު އާއި ވާދަކޮށްގެންނެވެ. ފަލާހް އަށް ލިބިފައިވަނީ 235ވޯޓެވެ. އެއީ މާލޭގައި ބެހެއްޓި ވޯޓް ފޮށިން 81 ވޯޓާއި ފުވައްމުލަކުގައި ބެހެއްޓި ވޯޓް ފޮށިން 154 ވޯޓެވެ. އިބްރާހިމް މުހައްމަދަށް ލިބިފައިވަނީ 130 ވޯޓެވެ. އެއީ މާލޭގައި ބެހެއްޓި ވޯޓް ފޮށިން 28 ވޯޓާއި ފުވައްމުލަކުގެ ވޯޓް ފޮށިން 102 ވޯޓެވެ. ބާތިލް ވޯޓަކީ 4 އެވެ.
މިނަތީޖާ އާއި އެކު އެމްޑީޕީގެ ޓިކެޓްގައި ފުވައްމުލަކު ސިޓީގެ ދެކުނު ދާއިރާގައި ވާދަކުރުމަށް ފަލާހް ވަނީ ހޮވިފައެވެ. އަދި ޕްރައިމަރީ އިން ބަލިވި އިބްރާހިމް މުހައްމަދު ފަލާހް އަށް ސިޓީ ކައުންސިލްގެ ގޮނޑި ކާމިޔާބުކޮށްދިނުމަށް މަސައްކަތްކުރާނެކަން ރޭ އިއުލާންކޮށްފައިވެއެވެ.
މިދާއިރާ އަށް ދެން ވާދަކުރަނީ ޕީޕީއެމްގެ ކެންޑިޑޭޓް ދޫނޑިގަން ކައުންސިލްގެ މެމްބަރ މުހައްމަދު ޝަޒީމް (ޝައްޓު) އެވެ. މިދާއިރާގެ ގިނަ ބަޔަކު ގަބޫލް ކުރާގޮތުގައި ދެކުނު ދާއިރާގެ ގޮނޑި ފަލާހް ފަސޭހަ ކަމާއި އެކު ކާމިޔާބުކުރާނެއެވެ.
އެމްޑީޕީ އިން ފުވައްމުލަކުގެ އެހެން ދާއިރާއެއްގެ ޕްރައިމަރީ ބާއްވާފައެއް ނުވެއެވެ. އެހެން ދާއިރާތަކަށް ކުރިމަތިލާފައިވަނީ އެންމެ ކެންޑިޑޭޓެކެވެ.



ޚިޔާލުތައް