މާދަމާ، 10 ޖޫން 2020 އިން ފެށިގެން ފުވައްމުލަކު އިޖުތިމާއީ މަރުކަޒުގެ ޖިމްގެ އާއްއްމުންނަށް ހުޅުވާލެވޭނެ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރައްވައި ފިއެވެ.
އަލަށް ޖިމް ހުޅުވާއިރު އިޖުތިމާއީ މަރުކަޒުގެ އައުޓްޑޯ ޖިމް ވެސް ހުޅުވާލެވޭނެ ކަމަށް ސިޓީ ކައުންސިލުގެ އިއުލާނުގައި ވެއެވެ. ޖިމް އަލަށް ހުޅުވާލާއިރު އިންޑޯ ޖިމްގެ ޚިދުމަތް ލިބޭނީ އެމަރުކަޒުގައި ރަޖިސްޓްރީވެ މެމްބާޝިޕް ފީއެއްގެ ގޮތުގައި 200 ރުފިޔާ ދައްކަން ފަރާތްތަކަށް އެކަންޏެވެ. ނަމަވެސް އައުޓްޑޯ ޖިމްގެ ޚިދުމަތް ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަށް ހިލޭ ހިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.
ކުރިން މުޅިން ހިލޭ ޚިދުމަތް ދެމުން އައި ޖިމްގައި ރަޖިސްޓްރީވެ މެމްބަޝިޕް ފީއެއް ދައްކާ ގޮތަށް ހަމަޖެއްސީ ސިޓީ ކައުންސިލްގެ 19 ވަނަ އާއްމު ޖަލްސާއިން އެގޮތަށް ފާސްކޮށްގެން ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.
ކޮވިޑް-19 އާއި ގުޅިގެން ޖިމްގެ ޚިދުމަތްތައް މެދުކަނޑާލުމަށްފަހު އަލުން ހުޅުވާލަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާގޮތަށް އުސޫލެއް ގާއިމުކޮށްގެންނެވެ.
ޖިމްގެ ޚިދުމަތް ހޯދައްވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އޮންލައިން އެޕްލިކޭޝަނެއް ފުރިހަމަ ކުރަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
ފުވައްމުލަކު އިޖުތިމާއީ މަރުކަޒުގެ ޖިމް ބޭނުންކުރުމުގެ އުސޫލުގެ މުހިންމު ކަންކަން:
- މިދުވަސްވަރު ޖިމް އެއްފަހަރާ ބޭނުން ކުުރެއްވެނީ ގިނަވެގެން 8 މީހުންނަށް 1 ގަޑިއިރަށެވެ.
- ޖިމް ބޭނުންކުރައްވާ ފަރާތްތަކުން 2 ފޫޓު ވަރުގެ ކުޑަ ތުވާއްޔަކާއި ޖިމްގައި ބޭނުންކުރަން ޚާއްސަ ބޫޓަކާއި އަންގި ގެނައުމަށާއި ކަސްރަތަށް އެކަށީގެންވާ ހެދުމެއްގައި އައުމަށް ވެއެވެ.
- ކަސްރަތަށް ގުރޫޕް ހައްދަވާއިރު ގައިދުރުކަން ބެހެއްޓުމާއި ސާފުތައިހުކަމަށް ސަމާލުކަން ދިނުމަށް ވެއެވެ. ބަލިވެ އުޅޭނަމަ، ނުވަތަ ބައްޔެއްގެ އެއްވެސް އަލާމާތެއް ހުރިނަމަ ޖިމް އަށް ވަޑައިނުގަތުމަށާއި ޖިމްގެ ކޮންމެ އިކުއިޕްމެންޓެއް ވެސް އެއްފަހަރާ ބޭނުން ކުރައްވާނީ އެކަކު ކަމަށް އުސޫލުގައި ވެއެވެ.
- މީގެ އިތުރުން އެއްފަހަރާ ބޭނުކުރާ ޕްލާސްޓިކް ޖިމްއަށް ނުވެއްދުމަށާއި ޖިމް ބަލަހައްޓާ ފަރާތްތަކުގެ އެންގުންތަކާއި އެއްގޮތަށް އަމަލުކުރުމަށްް ވެއެވެ.
ފުވައްމުލަކު ކުރީގެ ޒުވާނުންގެ މަރުކަޒުގައި މިހާރުގެ ގޮތުންނަމަ އިޖުމާއީ މަރުކަޒުގައި ހުންނަ ޖިމްއަކީ ގިނަބަޔަކު ބޭނުންކުރަމުން އައި ޖިމްއެއްކަަމަށް މިކަލް ނޫހަށް ކުރިން މައުލޫމާތު ލިބިފައި ވެއެވެ. އެގޮތުން ދުވާލާއި ރޭގަނޑުގެ ގަޑިތައް ފުލްކޮށް ބޭނުންކުރަމުން ދިޔަކަމަށް ވެއެވެ. ފާއިތުވި އަހަރުވެސް ދުވާލެއްގެ މައްޗަށް 100 އެއްހާ މީހުން އެޖިމް ބޭނުން ކުރަމުން ދިޔަކަމަށް އެއިރު އިޖުތިމާއީ މަރުކަޒާއި ހަވާލުވެގެން ހުރި މުހައްމަދު ފައިޝަމު ހާމަކޮށްފައި ވެއެވެ. އަދި އެމަރުކަޒުގައި އެންމެ ކާމިޔާބުކަމާއެކު ކުރިޔަށް ގެންދެވޭ ހަރަކާތަކީ ޖިމް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
މިއީ ފުވައްމުލައް ސިޓީގައި އާއްމުން ބޭނުންކުރުމަށް ހުރި ހަމައެކަނި އިންޑޯ ޖިމެވެ.
ޚިޔާލުތައް