ފުވައްމުލައް ސިޓީއިން ކޮވިޑް-19އަށް ޕޮޒިޓިވްވި ޒުވާން އަންހެން މީހާ ބަލިން ރަނގަޅުވެ ދޫކޮށްލާފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ހާމަކުރައްވައިފިއެވެ. ބައްޔަށް ޕޮޒިޓިވް ވީ މާލެއިން ފުވައްމުލައް ސިޓީއަށް އައިސް 14 ދުވަހު ހޯމަ ކަރަންޓީން ފުރިހަމަކޮށްފައި، ނެގި ސާމްޕަލުން ބައްޔަށް ޕޮޒިޓިވްވި މީހެއްކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
މި އޯގަސްޓް މަހުގެ 5 ވަނަ ދުވަހު އޭނާ ކޮވިޑް-19 އަށް ފައްސަވި ކަމަށް ކަނޑައަޅައި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް، އިތުރަށް 14 ދުވަހު ކަރަންޓީނުގައި ބެހެއްޓުމަށް ފަހުބަލީގެ އެއްވެސް ނިޝާނެއް ފެނިފައި ނުވުމުން މިހާރު ވަނީ ދޫކޮށްލާފައެވެ. އޭނާގެ އިތުރު ޓެސްޓެއް ނަހަދައެވެ. އޭނާ ދޫކޮށްލާފައިވާ ކަމަށް ހޮސްޕިޓަލު މެނޭޖަރު ވެސް ހާމަކުރައްވާފައި ވެއެވެ.

ފުވައްމުލައް ސިޓީގެ ހޮސްޕިޓަލް
ނަމަވެސް، ބަލި ޖެހުނުކަމަށް ކަނޑައަޅާފަވާ މީހާގެ އާއިލާއިން ގަބޫލުކުރަނީ އޭނާއަށް ކޮވިޑް-19 ޖެހިފައި ނުވާކަމަށެވެ. އެޗްޕީއޭގެ ނަތީޖާއަކީ ‘ފޯސް ޕޮޒިޓިވް” އެއްކަމަށްވުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާގެ ފިރިމީހާ މިކަލް ނޫހަށް ކުރިން ބުނެފައި ވެއެވެ. އަދި އޭނާގެ ކުރީގެ ވާހަކަތަކަށް މިހާރު އިތުރަށް ބާރުލިބޭ ކަމަށް ވެސް ބުންޏެވެ. މިކަލް ނޫހަށް ބުނި ގޮތުގައި އޭނާގެ އަންހެންނުންގެ ކިބައިން ބަލީގެ އެއްވެސް ނިޝާނެއް ކުރިން ވެސް އަދި ފަހުންވެސް ފެނިފައެއް ނުވެއެވެ. ވުމާއެކު ކޮވިޑް ޓެސްޓްގައި މައްސަލައެއް އުޅޭ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވެތީ ޓެސްޓު އަލުން ހަދައިދޭން އެދުނީ ކަމަށް ބުންޏެވެ. ނަމަވެސް އެޗްޕީއޭއާއި ހަވާލާދީ ފުވައްމުލަކު ހޮސްޕިޓަލުން ބުނެފައި ވަނީ މާލެއިން އައިސްފައިވާ މީހަކަށްވާތީ ކޮވިޑް ޓެސްޓް ރިޕީޓްކޮށް ނުދެވޭނެ ކަމަށެވެ.
ތަކުރާރުކޮށް އެދިގެން ވެސް ޓެސްޓް އަލުން ހަދައި ނުދިނުމުން ފުވައްމުލައް ސިޓީއަކީ ކޮވިޑް ބަލި އޮތްތަނެއްގެ ގޮތުގައި ލޭބަލްވެގެން ދިޔައީ ކަމަށް ފިރިމީހާ ބުންޏެވެ. އަދި އޭގެ ސަބަބުން އޭނާގެ އާއިލާއަށް އެތަށް ގޮންޖެހުމެއް ތަހަންމަލް ކުރަން ޖެހުނު ކަމަށެވެ.
މީގެ އިތުރުން ކޮވިޑް-19 އަށް ފައްސިވި މީހާއާއި “ޑައިރެކްޓް ކޮންޓެކްޓް”ވި މީހުން ވެސް 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަކޮށް ސާމްޕަލް ނަގައި ކުރި ޓެސްޓްގެ ނަތީޖާ ވަނީ ނެގަޓިވް ވެފައެވެ. އެއާއެކު ބަލި ނެތްކަން ޔަޤީންވުމުން އެމީހުން ވެސް މިހާރު ކަރަންޓީނުން ދޫކޮށްލާފައި ކަމަށް މެނޭޖަރު ހާމަކުރައްވައެވެ. މިއަދުގެ މިނަތީޖާއާއެކު މިހާރު މިވަނީ ފުވައްމުލައް ސިޓީއަކީ ކޮވިޑް ބަލި ނެތްރަށެއްގެ ގޮތުގައި ވެފައެވެ.

ހޯމް ކަރަންޓީން ނިންމި މީހުންގެ ސާމްޕަލް ނަގާ ފުވައްމުލަކު ހޮސްޕިޓަލުގެ ޓީމު
ނަމަވެސް މާލެ ސިޓީ ސަރަޙައްދުން ފުވައްމުލައް ސިޓީއަށް ދަތުރު ކުރައްވާ ބޭފުޅުން، އަމިއްލަ ނަފުސާއި އެހެންމީހުންގެ ރައްކާތެރިކަމަށް ސަމާލުކަން ދެއްވުމަށާއި، ކަރަންޓީނުގެ މުއްދަތުގައި އެޗްޕީއޭގެ އިރުޝާދުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ހޮސްޕިޓަލުގެ ފަރާތުން އެދިފައިވެއެވެ. އަދި ފުވައްމުލައް ސިޓީގައި ކޮވިޑް ބަލި ފެތުރުނަ ނުދިނުމަށް ސިޓީ ކައުންސިލްގެ އިދާރާއާއި ފުވައްމުލަކު ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތުގެ ބައިވެރިންގެ ގޮތުގައި ރައްޔިތުން ތިއްބެވުން އެދި އިލްތިމާސް ކޮށްފައި ވެއެވެ.
ކޮވިޑްގެ އެކިއެކި ކަންކަމުގައި ކޮމިއުނިކޭޝަންތައް ލަސްވުމާއި ބައެއް ފަހަރު އަމަލުކުރަން ކަނޑައޅާފައިވާ ގައިޑްލައިނާއި އެއްގޮތަށް ކަންތައްތައް ކުރެވެމުން ނުދާކަމުގެ ކަންބޮޑުވުން އާއްމުން ފާޅުކުރެއެވެ.

ހޯމް ކަރަންޓީނުގެ ނޯޓިސް ކޮންމެ ގެއަކުވެސް ހަރުކުރެވިފައި ހުންނަން ޖެހޭ.
މިކަލް ނޫހާއި ވާހަކަ ދެއްކި މާލެ ސިޓީއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުވައްމުލަައް ސިޓީ ޒުވާން އަންހެން ކުއްޖެއްގެ މަަންމަ ބުނި ގޮތުގައި އޭނާގެ ދަރިފުޅު އުޅޭ އޮފީހުގެ 2 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ އޭނާގެ ދަރިފުޅަކީ ‘ކްލޯޒް ކޮންޓެކްޓަކަށް’ ވެ ބަލީގެ ނިޝާންތައް ހުރުމުން، އެކަން އެޗްޕީއޭއަށް އަންގައި ސާމްޕަލް ނަގައި ޓެސްޓް ކުރަން އެދިގެން ދެ ދުވަސް ވެގެންދިޔައިރު ވެސް ޓެސްޓް ނެހެދުމުން، އެންމެ ފަހުން އަމިއްލައަށް ފްލޫ ކުލިނިކަށް ގޮސް ދައްކައިގެން ޓެސްޓް ހެދުމުން ޕޮޒިޓިވްވި ކަމަށެވެ. އަދި ދަރިފުޅުގެ ކްލޯޒް ކޮންޓެކްޓްސްގެ ގޮތުގައި އާއިލާ އެހެން މީހުންނާއި ޚުދު މަންމަ ވެސް ހިމެނޭތީ ކަރަންޓީން ކުރަން އަންނާނެ ކަމަށް ބުނިގޮތަށް ޚަބަރެއްވެސްނުވެ، އެކަން ނުވެދިޔައީ ކަމަށެވެ. އަދި ބައްޔަށް ޕޮޒިޓިވްވި ފަހުން 14 ދުވަސް ވެގެން ދިޔައިރުވެސް ބަލި ޖެހުނު މީހާ އައިސޮލޭޓް ވެސް ނުކުރެވި ދިޔަކަމަށެވެ. ފޯނުން ގުޅައިގެންނާއި އީމެއިލް ކޮށްގެން ވެސް އެޗްޕީއޭގެ ޖަވާބެއް ނުލިބިގެން ފުލުހުން މެދުވެރިކޮށް ވެސް އެތައް ފަހަރަކު ގުޅިކަމަށެވެ. ފަހުން، 17 ދުވަސް ފަހުން އެޗްޕީއޭއީން ގުޅާފައި އެމީހުނަށް ނުގުޅިގެން އުޅެނީ ކީއްވެތޯ ސާފުކުރި ކަމަށެވެ. އަދި އެވާހަކަ ބުނުމުން ކަރަންޓީން ކުރަން އަންނާނެ ކަމަށް ބުނުމުން، އެކަންތައް ނިމިއްޖެ ކަމަށާއި މިހާރު 14 ދުވަހަށްވުރެ ގިނަ ދުވަސްވެ، ބަލިން ރަނގަޅުވެފައިވާ ކަމަށް އެމީހުން ގާތު ބުނިކަމަށް ބުނެފައިވެއެވެ. އަދި އެކަން އެޗްޕީއޭގެ ކަމާބެހޭ ފަރާތްތަކުގައި ބުނާނެކަމަށް ބުނެފައި ނިންމާލީ ކަމަށެވެ.
މިކަހަލަ ތަފާތު އެތައް ވާހަކަތަކެއްގެ އަޑު އިވެއެވެ. ޕޮލިސީތައް ހުއްޓަސް އެކަން ކުރަން ތިބޭ ބަޔަކު ރަނަގަޅަށް އެކަމެއް ނުކުރާހާ ހިނދަކު އެކަން ރަގަނޅު ކުރެވޭނެ ގޮތެއް ނޯންނާނެއެވެ.
ޚިޔާލުތައް