ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ބައިވެރިވެވޭ ގޮތަށް އުރީދޫއިން ކުރިއަށް ގެންދާ އުރީދޫ އަތޮޅު ދުވުމުގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ. ހިލޭ ބައިވެރިވެވޭ މިދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފައިވަނީ މިމަހު 27 ވަނަ ދުވަހު ހަވީރު 6:00 ގެ ކުރިންނެވެ. ވާޗުއަލްކޮށް ކުރިއަށްދާ މިދުވުން އޮންނާނީ މިމަހު 28 ވަނަ ދުވަހުގެ ދަންވަރު 12 އިން ފެށިގެން 29 ވަނަ ދުވަހުގެ ރޭ 11:59 އާއި ހަމައަށެވެ.
މިދުވުން ކުރިއަށްދާނީ ދެ ކެޓަގަރީއަކަށް ބަހާލައިގެނެވެ. އެއީ 15 ކިލޯމީޓަރާއި 5 ކިލޯމީޓަރުގެ ކެޓަގަރީ އެވެ. ފަނަރަ ކިލޯ މީޓަރުގެ ދުވުމުގައި ބައިވެރިވެވޭނީ އުރީދޫން ކުރިން އެޕްރޫވް ކޮށްފައިވާ 20 ދުވުންތެރިއަކަށެވެ. ނަމަވެސް ފަސް ކިލޯމީޓަރުގެ ދުވުމުގައި ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ އެވެ.
މިދުވުމަށް ރަޖިސްޓްރީ ކުރުމުން ކޮންމެ ދުވުންތެރިއަކަށް ވެސް ޑިޖިޓަލް ބިބަކާއި ކޮންފަމޭޝަން މެސެޖެއް ލިބޭނެ ކަމަށެވެ. ދުވެ ނިމުމުން “ސްޓްރާވާ އެޕް” ނުވަތަ “ގާމިން ކަނެކްޓް” ނުވަތަ “ރަންޓާސްޓިކް” ނުވަތަ “ނައިކް ރަން ކްލަބް” ނުވަތަ “ރަންކީޕާ” އެޕްލިކޭޝަން މެދުވެރިކޮށް، ދުވި ރޫޓު ޓްރެކް ކުރުމަށް ފަހު ސްކްރީންޝޮޓް، ކޮންފަމޭޝަން މެސެޖާއެކު ލިބޭ ލިންކަށް އަޕްލޯޑް ކުރަން ޖެހެ އެވެ. މި ސްކްރީންޝޮޓް އަޕްލޯޑު ކުރުމުން ޑިޖިޓަލް މެޑަލެއް ލިބޭއިރު، މި މެޑަލް ފިސިކަލް މެޑަލަކަށް ބަދަލު ކުރަން ބޭނުންވާ ނަމަ އެ ފުރުސަތު ވެސް އުރީދޫން ދޭނެކަމަށް އުރީދޫއިން ހާމަކުރެއެވެ.
މިއީ، އުރީދޫން ރާއްޖޭގައި ހިދުމަތް ދޭތާ 15 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ދުވުމެކެވެ. މި ދުވުމުގެ ލައިވް ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި އާއްމުކުރާނެ އެވެ.
އުރީދޫ ދުވުމުގައި ބައިވވެރިވުމަށް ރަޖިސްޓްރީވާން ހުށަހަޅާ ލިންކު http://ore.do/regstr
ޚިޔާލުތައް