A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް، ބިޑަށް ހުޅުވާލައިފި

ފުވައްމުލަކު ހޮސްޕިޓަލް ފޮޓޯ: ތާރިގު އަހުމަދު

ފުވައްމުލަކު ހޮސްޕިޓަލުގެ އައު އިމާރާތް ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ޑިޒައިންކޮށް އިމާރާތް ކުރުމަށް ބިޑަށް ހުޅުވާލައިފިއެވެ. މިއީ މިއަހަރު (2020) ވަނަ އަހަރުގެ ބަޖެޓްގައި ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ ގޮތަށް ހިމަނާފައިވާ ޕްރޮޖެކްޓެކެވެ.

މިއަހަރުގެ ބަޖެޓްގައި ސަރުކާރުން މި ޕްރޮޖެކްޓަށް ހުށަހެޅި 3.85 މިލިޔަން ރުފިޔާ މަޖުލީހުގެ ކޮމެޓީން ވަނީ 8 މިލިޔަން ރުފިޔާއަށް އިތުރުކޮށްފައެވެ. އަދި އަންނަ އަހަރުގެ ބަޖެޓަށް ސަރުކާރުން ހުށަހެޅި 7.5 މިލިޔަން ރުފިޔާ މަޖުލީހުގެ ކޮމެޓީން ވަނީ 21.25 މިލިޔަން ރުފިޔާއަށް އިތުރު ކޮށްފައެވެ. މިއީ ފުވައްމުލަކުގައި މިއަހަރު އަލަށް ފަށަން ރާފައިވާ ޕްރޮޖެކްޓެކެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ އައު އިމާރާތް ކުރުމަށް ޕްލޭން ކުރެވިފައި ވަނީ މިހާރު ޏ. އަތޮޅު ތައުލީމީ މަރުކަޒާއި ހޮސްޕިޓަލާއި ދެމެދު ހުރި ކުރީގެ ހެޑްމާސްޓަރުގެ ގެ(މިހާރު ޏ.އޭއީސީ އިދާރީ ބައި) ހުރި ތަނުގައެވެ. އަދި  އަލަށް ކުރެވޭ އިމާރާތާއި މިހާރުގެ ހޮސްޕިޓަލާއި ގުޅުވާލެވިގެން ދާނެ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު މައުލޫމާތު ދެއްވިއެވެ.

ފުވައްމުލަކު ހޮސްޕިޓަލް ފޮޓޯ: އިސްމާއީލް ރަޝީދު 2013

ފުވައްމުލަކު ހޮސްޕިޓަލުގެ އައު އިމާރާތަށް ކޮންޓްރެކްޓަރަކު ހޯދުމުގައި ޝަރުތުހަމަވާ ފަރާތެއް ކަނޑައަޅާނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައި.ސީ.ބީ) އުސޫލުގެ މަތިން ކަމަށާއި، ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރގެ “ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު”އާއި އެއްގޮތަށް ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. ރާއްޖެއިން ބޭރު ކުންފުނިތަކަށް ބައިވެރި ކުރެވޭނީ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީއާ އެއްގޮތަށެވެ.

ފިނޭންސް މިނިސްޓްރީން ބިޑަށް ހުޅުވާލުމަށް ކުރި އިޢުލާނުގައި ވާގޮތުން މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި މަސައްކަތް ކުރުމަށް އެދޭ ފަރާތަކުން 1.4 މިލިޔަން ރުފިޔާ ބަހައްޓަން ޖެހެއެވެ.

ބީލަމުގައި ބައިވެރިވުމަށް  1،500 ރުފިޔާ ގެ ނޮން-ރިފަންޑަބްލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. ރަޖިސްޓްރޭޝަން ފީގެ ފައިސާ ބަލައިގަތުން 3 ޑިސެމްބަރ 2020 އަށް، ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި ޕޭ މެދުވެރި ކޮށް ހަމަޖެހިފައިވެއވެ. ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ އެއް ފިނޭންސް މިނިސްޓްރީއަށް ފޮނުވަންޖެހޭނެ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ އެތެރެ. ފޮޓޯ: ކައުސަރު އ.ލ

މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓް ކޮޕީ ފޯމެޓުގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.

ބީލަން ހުޅުވުން އޮންނާނީ  6 ޑިސެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް  ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަން ވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެ ކަމަށްވެސް އިޢުލާނުގައި ބުނެފައި ވެއެވެ.

މި މަސައްކަތުގެ ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !