ޗުއްޓީއަށް ދިޔަ ފުވައްމުލަކު ތުއްތު ކުއްޖެއްގެ ގައިގާ ސައިކަލުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. އައިޖީއެމްއެޗުގައި ފަރުވާދިނުމަށް ރޭ ދަންވަރު މި ކުއްޖާ ވަނީ މާލެ ގެންގޮސްފައެވެ. މިހާދިސާ ހިނގާފައި ވަނީ އިއްޔެ ހަވީރު އިރުއޮސެން ކައިރިވެފައި ވަނިކޮށް ގއ. ދާންދޫގައި ކަމަށް މައުލޫމާތު ލިބެއެވެ.
މިކަލް ނޫހަށް މައުލޫމާތު ލިބުނު ގޮތުގައި އެއީ އުމުރުން 3 އަހަރުގެ ތުއްތު އަންހެން ކުއްޖެކެވެ. އެކުއްޖާއަށް ސީރިއަސް އަނިޔާތަކެއް ލިބި ގއ. ދާންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އެއަތޮޅު ވިލިނގިލީ ހޮސްޕިޓަލުގައި ވެސް ފަރުވާ ދީފައި ވެއެވެ. މިހާދިސާގައި އެކުއްޖާގެ ބޮލަށް އަނިޔާވެ ފައިގެ ކަށިގަނޑެއް ބިންދައިގެން ގޮސްފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މިހާދިސާއިގައި އެކްސިޑެންޓްވި ސައިލަކު ދުއްވީ އުމުރުން 19 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާއަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބި ގއ. ދާންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އެ އަތޮޅު ވިލިނގިލީ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށް ޚަބަރު ލިބެއެވެ. އޭނާ އަތުގައި އެއްގަމު އުޅަނދުދުއްވުމުގެ ލައިސަންސް ނެތްކަމަށް ފުލުހުން ބުނެއެވެ.
މިހާދިސާ ހިނގިތަން ދުށް މީހުންނާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯރޓް ކުރާ ގޮތުގައި ކުއްޖާ ގައިގާ ޖެހުުނު ސައިކަލްގެ ފަހަތުގައި އެހެން ޒުވާނަކު ވެސް އިނެވެ. ނަމަވެސް ސައިކަލުން ތުއްތު ކުއްޖާ ގައިގާ ޖެހުމުގެ ކުރިން އޭނާ ސައިކަލުން ފުންމާލާފައިވާ ކަމަށާއި އޭނާއަށް ވެސް ބައެއް އަނިޔާތައް ލިބިފައިވާކަމަށް ޚަބަރު ލިބެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ އެ ތުއުތު ކުއްޖާ މަގު ހުރަސްކުރި ވަގުތު ބާރު ސްޕީޑުގައި އައި ސައިކަލުން ޖެހިގެންނެވެ. އެކުއްޖާގެ ބައްޕަ މީޑީއާއަށް މައުލޫމާތު ދީފައިވާ ގޮތުގައި އެމީހުން ތިބީ ދާންދޫ އަތިރިމައްޗާއި ދިމާލުގައި ހުރިގެއްގައި ކަމަށާއި، އިއްޔެ ހަވީރު އެ ތުއްތުކުއްޖާ ގެއިން ނުކުންނަން ދިޔައީ މަގުގެ އަނެއްފަރާގައި ތިބި ބައެއްގެ ގާތަށް (އަތިރިއާއިވީ ފަރާތަށް) ކަމަށެވެ. އެގޮތުން މަގު ހުރަސްކުރި ވަގުތު މަގުގެ ދެކުނުކޮޅުން ސައިކަލެއް ބާރަށް ދުއްވާފައި އަންނަ އަޑަށް ބެލިއިރު އޮތީ އެކުއްޖާ ގައިގާ ސައިަކަލުން ޖެހިފައި ކަމަށެވެ. އެއީ 35 ފޫޓު ވަރުގެ މަގެއްކަމަށާއި އެކުއްޖާގެ ގައިގައި ސައިކަލުން ޖެހުނު އިރު އެކުއްޖާ ހުރީ ދުވާރާއި 5 ވަރަކަށް ފޫޓު ހިސާބުގައި ކަމަށް އެރަށު ކައުންސިލުން ބުނެއެވެ.
ދަޑިމަގު އަވަށަށް ނިސްބަތްވާ އެ އާއިލާއިން ބޮޑުބަންދުގެ ޗުއްޓީއަށް ގއ. ދާންދޫއަށް ދިޔައީ މި ޑިސެމްބަރު މަހު 11 ވަނަ ދުވަހުއެވެ. އަދި އެ އާއިލާއިން ރަށުން ބޭރުގެ ޗުއްޓީއަކަށް ދިޔަ މީއީ ފުރަތަމަ ފަހަރު ކަމަށް އެއާއިލާއިން ހާމަކޮށްފައި ވެއެވެ. ޗުއްޓީގައި މިދިމާވި ހާދިސާއިން އެ އާއިލާއަށް މިވަނީ ވަރަށް ބޮޑު ހިތްދަތިކަމެއް ތަޙައްމަލް ކުރަން ޖެހިފައެވެ.
ޗުއްޓީތަކުގައި މިފަދަ ހިތާމަވެރި ހާދިސާތައް މަދުން ނަމަވެސް ހިނގައެވެ. ނަމަވެސް މިއީ މިކަމާއި މެދު އިތުރަށް ވިސްނައި މިފަދަ ކަންކަން ކުރިމަތިވިޔަ ނުދިނުމަށް އެންމެހާ ފަރާތްތަކުން ވެސް އިސްކަން ދޭން ވީކަމަކެވެ.
ޚިޔާލުތައް