ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތަށް، ހަތަރު ސަރަހައްދަކުން 7 މަގެއް ބަންދުކުރަން ފުވައްމުލައް ސިޓީ ކައުންސިލުން ނިންމައި އެކަން އިއުލާން ކޮށްފިއެވެ. އެމަގުތައް ބަންދުކުރަނީ މި ޖެނުއަރީ މަހުގެ 18 އިން ފެށިގެން 30 ގެ ނިޔަލަށެވެ.
އެގޮތުން ބަންދުކުރުން ނިންމާފައިވަނީ ދަޑިމަގު އެމްޖޭއެސް ވަށައިގެން ވާ 4 މަގަކާއި ދަޑިމަގު-ދިގުވާޑުން ފިނިވާމަގުން ބަޔަކާއި މިސްކިތްމަގުން ދުވައްފާނޑު މަގާއި މާލެގަމުން ބަހަރުމަގުގެ ބައެކެވެ. މަގުކޮނުމުގެ މަސައްކތް ކުރަމުންދާ އިރު މިސަރަހައދުތަކަށް 4 ފުރޮޅުލީ އުޅަނދުތައް ވަނުމަކީ މަނާކަމެއް ކަމަށް ވަނި ކަނޑައަޅާފައެވެ.
ނަމަވެސް އެސަރަހައްދުގައި ހުރިގެތަކަށް ދިއުމަށް ކޮންމެހެން ބޭނުންވާ މީހުން، އެމަގުތަކަށް ވަނުމަށް އެސައިޓެއްގައި ތިބޭ މީހުންގެ ހުއްދަ ހޯދުމަށް ވަނީ އެދިފައެވެ. އަދި ސަލާމަތީ ގޮތުން ރައްކާތެރިވުމުގެ ގޮތުން ސައިޓްގައި ތިބޭ މީހުންގެ އިރުޝާދާއި އެއްގޮތަސް އަމަލުކުރުމަށް ވެސް ވަނީ އަންގާފައެވެ.
އެމްޖޭއެސް ކައިރިން ބަންދުކުރަނީ:
- އެމްޖޭއެސްގެ ކުރިމަތިން ފިނިވާމަގަށް ނިކުންނަށް އޮތް ލައިނޫފަރު މަގު،
- އެމްޖޭއެސްގެ އުތުރުން އޮތް ލައިނޫފަރު މަގު،
- އެމްޖޭއެސްގެ ދެކުނުން އޮތް ގެރަގަނޑު ފަންނު މަގާއި
- އެމްޖޭއެސް ގެ ހުޅަނގުން އިތް ހަނދުވަރީ ގޯޅިއެވެ.
މީގެ އިތުރުން ބަންދުކުރާ 3 މަގަކީ:
ދިގުވާޑުން ފިނިވާމަގުގެ ސީކްރެޓް ފިހާރައިން ފެށިގެން އީސާ ނާއިބު މަގާއި ހަމަޔަށް (ދިގުވާދު މިސްކިތާއި ހިސާބަށް).
މިސްކިތްމަގުން ސިތާނާ ސްޓޯރު ކުރިމަތިން (ރަސްމީ ބޯޅަ ދަނޑުގެ އިރުމަތީ ކޮޅުން) އޮތް ދުވައްފާޑު މަގާއި
މާލެގަމުން ބަހާރުމަގުގެ ހުދުވިލާގެއިން ފެށިގެން ޣާޒީ މަގާއި (ހުރަސްމަގު، ރަސްގެފަންނު) ހަމަޔަށެވެ.
ސިޓީ ކައުންސިލުގެ އިއުލާނުގައި ވާގޮތުން މަގުތައް ބަންދުކުރަން ޖެހުނީ މަގުތައް ހެދުމުގެ މަސައްކަތުގެތެރެއިން، މަގުތަށް ކޮންމަށް އެކްސްކަވެޓަރާއި ލޯޑަރު ފަދަ ތަކެތި ބޭނުންކުރަމުން އަންނާތީ ހަތަރު ފުރޮޅުލީ އުޅަނދުތައް އެމަގުތަކަށް ވަނުމުން މަސައްކަތްތައް ކުރުމަށް ދަތިތައް ކުރިމަތިވާތީއެވެ.
އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތްތައް އަވަސްކުރުމުގެ ގޮތުން ކަމާއި ގުޅުން ހުރި އިދާރާތަކާއި ފާއިތުވި 2020 ވަނަ އަހަރު ޑިސެމްބަރު މަހު ބައްދަލުކޮށް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ މަޝްވަރާކޮށްފައި ވެއެވެ. ނަމަވެސް މަސައްކަތް ކުރެވެމުން ދާލެއް ލަސްކަމުގެ ކަންބޮޑުވުން ރަށުގެ ރައްޔިތުން އަންނަނީ ފާޅުކުރަމުންނެވެ.

ފުވައްމުލައް ސިޓީ އެތެރޭގެ މުހިންމު ބައެއް މަގުތައް – މީގެ ތެރެއިން ބައެއް މަގުތައް މިޕްރޮޖެކްޓްގައި ހެދުމަށް ހަމަޖެހިފައެއް ނުވޭ
ޑިޒައިން އެންޑް ބިލްޑިން އޮފް ފުވައްމުލައް ސިޓީ އިންޓާރނަލް ރޯޑްސް ޕްރޮޖެކްޓްގެ މަސައްކަތް ކުރަމުން އަންނަނީ އެމްޓީސީސީ އިންނެވެ. ފުވައްމުލަައް ސިޓީގެ އެތެރޭގެ 31 މަގެއް ހެދުމުގެ މަސައްކަތް 730 ދުވަސް (ގާތްގަޑަކަށް 2 އަހަރު) ތެރޭގައި ނިންމުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ ޖުލައި 2019 ގައެެވެ. އެގޮތުން މަސައްކަތް ނިންމަން އެންމެފަހުން ކަނޑައަޅަފައި ވަނީ 2021 ވަނަ އަހަރު ނޮވެމްބަރު މަހު މެދެއްހާ ހިސާބަށެވެ.
ޚިޔާލުތައް