ކޮވިޑް-19 ގެ އިތުރު ޕޮޒިޓިވް ކޭސް އެއް އިއްޔެ، 6 މާރިޗު 2021 ގައި ވެސް ފެނިފައެއް ނުވެއެވެ. ނަމަވެސް މޮނިޓަރިން އުވާލާނެކަމަށް ބެލެވެނީ މި މާރިޗް މަހު 15ގައި ކަމަށް ފުވައްމުލައް-އީއޯސީއިން ވަނީ ހާމަކޮށްފައެވެ.
ފާއިތުވި ފެބްރުއަރީ މަހު 9 ވަނަ ދުވަހު އެޗްޕީއޭއީން ފުވައްމުލައް ސިޓީ މޮނިޓަރިން އަށް ލީ ރަށު ތެރެއިން ނެގި ރޭންޑަމް ސާމްޕަލިންގައި މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. އެގޮތުން ނެރުނު މޮނިޓަރިން އަމުރުގައި ބަޔާންކޮށްފައިވަނީ މޮނިޓަރިން އަށް ލީ ވަގުތެވެ. ފުވައްމުލައް ސިޓީ މޮނިޓަރިން އަށް ލީ 9 ފެބްރުއަރީ 2021 ވަނަ ދުވަހުގެ ރޭގަނޑު 7:02 އިން ފެށިގެންނެއެވެ. މޮނިޓަރިން އިން ނިމޭނެ ކަމަކަށް ވަކި ދުވަހެއް ކަނޑައަޅާފައެއް ނުވެއެވެ.

އެޗްޕީއޭގެ މޮނިޓަރިން އަށް ފުވައްމުލައް ސިޓީ ލީ 9 ފެބްރުއަރީ 2021 ގައި
މޮނިޓަރިންއަށް ލާފައި ވަނީ “ކޮވިޑް-19 އާއި ގުޅިގެން، ސިއްހީގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް” ކަމަށް އެ އަމުރުގައި ވެއެވެ. މޮނިޓަރިންއަށް ލުމަށްމަފަހު އުވާލަންދެން އޮންނާނީ މޮނިޓަރިން ޙާލަތުގައެވެ. ކާފިއުގެ ފިޔަވަޅުތައް ގޮތަށް މޮނިޓަރިން ޙާލަތު ދިގުދަންމާކަށް ނުޖެހެއެވެ. އެއީ މޮނިޓަރިން އަށް ލަނީ މުއްދަތު ކަނޑައަޅައިގެން ކަމަށް ނުވާތީއެވެ.
މޮނިޓަރިން އަމުރުގެ ދަށުން ހިފެހެއްޓިފައި ވަނީ، އެޗްޕީއޭއިން ވަކިގޮތެއް އަންގަންދެން ހުއްދަނެތި ރަށް އަރާފޭބުން އެކަންޏެވެ.
އެޗްޕީއޭގެ މޮނިޓަރިންއަށް ލުމަށް ފަހު ރަށުގެތެރެއިން އިތުރު ކޮވިޑް-19ގެ ކޭސްތަކެއް ޕޮޒިޓިވް ވުމާއި ގުޅިގެން އިތުރު ފިޔަވަޅުތަކެއް (ކޮވިޑް-19 ރައްކާތެރިވުމަށް ފުވައްމުލައް ސިޓީގައި ޚާއްސަ ފިޔަވަޅުތަކެއް އަޅަން އެންގުން) އެޅީ 13 ފެބްރުއަރީ 2021 އިން ފެށިގެން 7 ދުވަހަށެވެ. އަދި އެއިގެ ފަހުން 2 ފަހަރަކު 7 ދުވަހުން 7 ދުވަހުން މުއްދަތު އިތުރު ކުރަމުން ގޮސްފައިވެއެވެ.

އެޗްޕީއޭއިން ފުވައްމުލައް ސިޓީގައި ކާފިއުގެ ފިޔަވަޅުތައް އެޅީ 13 ފެބްރުއަރީ 2021 ގައި
ކޮވިޑް-19 އާއި ގުޅިގެން އެޅި ޚާއްސަ ފިޔަވަޅުތައް ނުވަތަ ކާފިއު ނިމިގެންދިޔައީ 5 މާރިޗު 2021 ނިމުމުން ނެވެ. ވުމާއެކު ކާފިއުގައި 21 ދުވަސް ހޭދަކުރަން ޖެހިފައި ވެއެވެ.
އެޗްޕީއޭގެ މޮނިޓަރިންގައި ފުވައްމުލައް ސިޓީ އޮތުން ރަށުން ދަތުރުފަތުކުރުމާއި ރަށަށް އައުމުގައި ހުއްދަ ނަގަން ޖެހެއެވެ. އަދި އާއްމު އުސޫލެއްގެ ގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ ރަށަށް އަރާފޭބުން މިއޮތީ ހިފެހެއްޓިފައެވެ. ރަށަށް އައުމަށާއި ރަށުން ފުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ޚާއްސަ ހުއްދަ ލިބެނީ އެކަންކަމަށެވެ.

ފުވައްމުލައް ސިޓީ އީއޯސީ ނޫސް ކޮންފަރެންސް ލައިވްކޮށްދެނީ ފަހަތުގައި ގިނަބަޔަކު ތިބެގެން ކުރާ ބުރަ މަސައްކަތުން.
ފުވައްމުލައް ސިޓީގައި އަޅާފައިވާ ޚާއްސަ ފިޔަވަޅުތައް ނިމިގެން ދިޔަޔަސް އެޗްޕީއޭގެ އާއްމު މިންގަޑަށް އެންމެވެސް އަމަލުކުރަން ޖެހެއެވެ. އެގޮތުން ގެއިން ބޭރުގައި އުޅޭ އިރު މާސްކް އެޅުމާއި، ގައިދުރުކަން ބެހެއްޓުމާއި އަތްދޮވުން ނުވަތަ ސެނިޓެއިޒާ ބޭނުންކުރުން ހިމެނެއެވެ.
ކުޅިވަރު ކުޅުމާއި ޕާކްތަކަށް ދިއުން ހުޅިވާލެވިފައި އޮތަސް ފަރުވާތެރިވާން ޖެހޭ ކަންތައްތަކަށް ސަމާލުވާން ކަމާއިބެހޭ ފަރާތްތަކުން އިރުޝާދު ދީފައި ވެއެވެ.

ފުވައްމުލައް ސިޓީ ކޮވިޑް-19 އަޕްޑޭޓްސް 6 މާރިޗު 2021. ފުވައްމުލައް ސިޓީ އޯއީސީ
ފުވައްމުލައް ސިޓިގެ ކޮވިޑް އަދަދުތަކަށް ބަލާއިރު ބަލިގެ 14 އެކްޓިވް ކޭސް ހުރިއިރު އިއްޔެ އިތުރު 3 މީހަކު ބަލިން ސަލާމަތްވެ، ޖުމްލަ 37 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. ފުވައްމުލައ ސިޓީއިން ބަލި ޖެހުނު ޖުމްލަ ހުރީ 51 ގައެވެ.
ޚިޔާލުތައް