މާދަމާ، 7 ޖޫން 2021 ވާ ހޯމަ ދުވަހުން ފެށިގެން ފުވައްމުލައް ސިޓީގައި ބިދޭސިން ލައްވައި އެއްވެސް މަސައްކަތެއް ކުރުން ވަގުތީގޮތުން ހުއްޓާލުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ނިންމައިފިއެވެ. ރޭ ބޭއްވެ ފުވައްމުލައް ސިޓީ އީއޯސީ ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު ވަނީ މިކަން ހާމަކުރައްވާފައެވެ. ސިޓީ ކަުއނސިލްުން މިއަދު ނެރުނު އިއުލާނުގައި ވާގޮތުން ބިދޭސީ މީހުންގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލަނީ 1 ހަފުތާއަށް (7-14 ޖޫން 2021) އަށެވެ.
މީގެ ކުރިން ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ މީހުން ދިރިއުޅޭ ގެތަކަށް ބިދޭސީން، ގޮސްގެން މަސައްކަތް ކުރުވުން ވެސް ހުއްޓާލުމަށް އަންގާފައެވެ. ނަމަވެސް އެކަމުގައި އެންމެ އެދެވޭ އެއްބާރުލުމެއް ލިބިފައި ނުވާކަމަށާއި އެކިސިފަސިފާގައި އެފަދަ މީހުން ގެންގޮސްގެން މީހުން މަސައްކަތް ކުރުވަމުންދާ ކަމަށް ކައުންސިލް މެމްބަރު ފާހަގަ ކުރެއްވިއެވެ. އެއާއެކު ބިދޭސިން ކޮވިޑް-19 އަށް ޕޮސިޓިވް ވާ އަދަދު އިތުރުވަމުންދާ ކަމަށް ފާހަގަ ކުރެއްވިއެވެ.
މިކަމުގައި ސިޓީ ކައުންސިލުން ވިސްނަނީ ސިޓީގެ ޖުމްލަ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުން ކަމަށާއި އެގޮތުން ރައްޔިތުންގެ ސަލާމަތްތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ސިޓީ ކައުންސިލުން އަޅަމުންދާނެ ކަމަށް ވިދާޅުވިއެވެ.
ފުވައްމުލައް ސިޓީގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ ޓްރެންޑަށް ބަލާއިރު ބިދޭސީން ޕޮޒިޓިވްވާ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވަމުންދާ ކަމަށް ސިޓީ ކައުންސިލްގެ ޑިރެކްޓާ އަލީ މަސީހު ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރެއްވިއެވެ.
ދިވެހިންގެ ތެރެއިން ވެސް ބައްޔަށް ޕޮޒިޓިވްވާ ބައެއް ފަރާތްތަކަކީ ބިދޭސިންނާއި ކޮންޓެކްޓެ ވެގެން ޕޮޒިޓިވް ވެފައިވާ ފަރާތްތައް ކަން މަސީހު ފާހަގަ ކުރެއްވިއެވެ. އަދި މީގެ ކުރިން ސިޓީ ކައުންސިލުން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން މާކަބޮޑު ކުރިއެރުންތަކެއް ނުލިބުނު ކަމަށާއި އަދި ޕޮޒިޓިވްވާ މިންވަރު އިތުރުވަމުންދާ ކަމަށެވެ.
ރޭގެ ފުވައްމުލައް ސިޓީ އީއޯސީ ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ ޑިރެކްތަރ އަލި މަސީހު.އެއާއެކު މާދަމާއިން ފެށިގެން މިއަޅާ ފިޔަވަޅާއެކު، ކޮންމެހެން ވެސް ބިދޭސިންލައްވާ ކޮންމެހެން ދޭންޖެހޭ ޒަރޫރީ ޚިދުމަތްތައް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ބިދޭސީން ބޭނުންކުރާ ފަރާތްތަކަށް ފުވައްމުލައް ސިޓީ އީއޯސިއިން ހުއްދަ ދޫކޮށްގެން ކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައި ކަމަށް މަސީހު ވިދާޅުވިއެވެ.
އެގޮތުން ހުއްދަ ދިނުމުގައި ބިދޭސިން ދިރިއުޅޭ ތަނަށާއި އެމީހުންނަކީ ވެކްސިން ޖަހާފައި ތިބި ބައެއްތޯއާއި މައިގަނޑު ގޮތެއްގައި އެމީހުންގެ އުޅުން ހުންނަގޮތް ބަލާފައި ކަމަށެވެ. އެގޮތުން ހުއްދަ ދޫކުރުމަށް ހަމަޖެހިފައި ވަނީ ފިހާރަތަކާއި ރެސްޓޯރަންޓްތަކުން ޑެލިވަރީގެ ޚިދުމަތް ފަދަ ޒަރޫރީ ޚިދުމަތްތައް ދިނުމަށް ކަމަށް ވިދާޅުވިއެވެ. ހުއްދައަށް އެދޭ ހުރިހާ ފަރާތްތަކަށް ހުއްދަ ކޮންހެން ދިނުމަށް ނިންމާފައި ނުވާކަމަށެވެ.
ފާއިތުވި އެއްމަހަށް ދުވަހުގެ ތެރޭގައި ބަލި ކޮންޓްރޯލް ނުވެފައި ވަނީ މީހުންގެ ހަރަކާތްތައް މަދުނުކުރެވިގެން ކަމަށް ފާހަގަކުރެއްވިއެވެ. މީހުންގެ ހަރަކާތްތައް ކޮންޓްރޯލް ނުކޮށް ދޫކޮށްލައިފިނަމަ މިކަމުގައި ގެއްލުން ބޮޑުވާނެކަމަށް ބެލެވޭ ކަމަށެވެ.
މިކަމުގައި ގިނަބައެއްގެ އެއްބާރުލުން ބޭނުން ކަމަށް ފާހަގަ ކުރެއްވިއެެވެ. މަސީޙު އިތުރަށް ވިދާޅުވީ ފިހާރަތަކުން މައުލޫމާތު ދެއްވި ގޮތުގައި ބައެއް ފަރާތްތަކުން ދުވާލަކު އެވްރެޖްކޮށް 15 ފަހަރު އެއްޗެހި ޑެލިވަރީ ކުރުމަށް އޯޑަރުދެއްވާ ކަމަށެވެ. ވުމާއެކު ފިހާރަތަކަށް އޯޑަރު ދެެއްވާއިރުވެސް ޕްލޭންކޮށް ބޭނުންވާ އެއްޗެއްސަށް ވީހާވެސް މަދު ފަހަރަކު އޯޑަރު ދެއްވާނަމަ ހަރަކާތްތައް މަދު ކުރެވިގެންދާނެ ކަމަށެވެ.
ފުވައްމުލައް ސިޓީގައި ވެސް ގާވާއިދާއި އެއްގޮތަށް ތިބި މިހުންނާއި އަދި ގަވާއިދާއި ޚިލާފަށް އުޅޭ މީހުންގެ ކަންތައްތައް ވެސް މިދުވަސްކޮޅުގައި ބަލައިދިނުމަށް ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު ވިދާޅވުިއެވެ. ބައެއް ފަރާތްތަކުން އަދިވެސް ޕޮޒިޓިވްވެފައިވާ ބިދޭސީ ފަރާތްތައް މަސައްކަތަށް ނެރެގެން މަސައްކަތް ކުރާކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ރައްޔިތުންގެ ރައްކާތެރިކަމައްޓަކައި ސިޓީ ކައުންސިލުން އަަޅަންޖެހޭ ފިޔަވަޅުތަކެއް އަޅަމުންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކިތަންމެ ބޮޑެތި ގޮންޖެހުންތަކަކާއި އުނދަގޫތަކެއް ހުރިކަމުގައި ވިޔަސް އަދި ކިތަންމެ ބޮޑު ގެއްލުންތަކެއް ވީނަމަވެސް އެންމެންގެ ސަލާމަތައްޓަކައި އެފަދަ ފިޔަވަޅުތައް އަޅަން މަޖުބޫރުވެފައިވާ ކަމަށް ކައުންސިލް މެމްބަރު ވިދާލުވިއެވެ.
ޚިޔާލުތައް