A wide advertisement which will be shown on all devices. (700 x 100)

ގަވާއިދުގެ ތެރެއަށް ބިދޭސިން ވެއްދުމާއި ގުޅޭ މައުލޫމާތު ދެނީ

ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ފުރުވާލުމަށް އެއާޕޯޓަށް ގެންގޮސްަފއި. ފޮޓޯ: ފސ

ފުވައްމުލައް ސިޓީގައި ދިރިއުޅޭ ބިދޭސިން ގަވާއިދުގެ ތެރެއަށް ވެއްދުމާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބޭއްވުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ތާވަލު ކޮށްފިއެވެ. މިއީ ފުވައްމުލައް ސިޓީ ކައުންސިލާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 29 ޖުލައިން ފެށިގެން 15 އޮގަސްޓް (2021) އާއި ދެމެދުގެ މުއްދަތެއްގައެވެ. އެގޮތުން ބޭއްވޭ މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެކަމަށް ކަނޑައަޅާފައިވާ އޮންލައިން ފޯމް މެދުވަރިކޮށް ނުވަތަ ސިޓީ ކައުންސިލްގެ ހޮޓްލައިން ނަމްބަރު 1618 އަށް ގުޅައި ނަން ނޯޓްކުރުމަށް ހުޅުވާލާފައި ވެއެވެ.

ބިދޭސިން ގާނޫނުގެ ތެރެއަށް ފެއްތުމަށް ދޭ އިތުރު ފުރުސަތެއް – 2021 ޖުލައި.

މި ސެޝަންގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައި ވަނީ، ގަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސިން ގަވާއިދުގެ ތެރެއަށް ވެއްދުމަށް ރަޖިސްޓްރީކުރުމާއި (ރެގިއުލަރައިޒް ކުރުން)، އަމިއްލައަށް އެދިގެން އަނބުރާ ގައުމަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ދިނުމެވެ.

މީގެ އިތުރުން ބިދޭސިންގެ ކަންކަމާއި ގުޅޭގޮތުން މިހާރު ބޭނުންކުރާ އެކްސްޕެޓް ސިސްޓަމް އާއި ގުޅޭ މައުލޫމާތު ދިނުން ވެސް މިސެޝަނުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވެއެވެ. އެގޮތުން ބިދޭސީންގެ ކޯޓާ އާކުރުމާއި، ވޯކްޕާމިޓް ފައިސާ ދައްކާނެ ގޮތާއި، ބިދޭސިން ގެނައުމާއި އަދި ބިދޭސިންނާއި ގުޅޭ އެހެނިހެން ކަންތައްތަކުގެ މައުލޫމާތު ދިނުމަށް ރޭވިފައި ވެއެވެ.

ދާދި ފަހުން، ދުނިޔޭގެ އާބާދީ ދުވަހާއި ގުޅުވައިގެން ކަމާއި ގުޅޭ ރަސްމީ އިދާރާ (ތަފާސް ހިސާބާއި ބެހޭ އޮފީސް) އިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރު (2021) ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ 5 ލައްކަ 68 ހާސް  (568،000) ކަމަށް، ވާއިރު އެއިގެ ތެރެއިން %32 އަކީ ބިދޭސީ މަސައްކަތު މީހުން ކަމަށް ވެއެވެ. އެއީ އަދަދުގެ ގޮތުން 1 ލައްކަ 82 ހާސް (182،666) އަށް ވުރެ ގިނަ މީހުންނެވެ. އަދި މި މީހުންގެ ތެރެއިން %68 އަކީ ބަނގްލާދޭޝް މީހުން ކަމަށް ވެއެވެ. އެއީ 1 ލައްކަ 24 ހާސް (124،200) އަށް ވުރެ ގިނަ ބަނގްލާ ދޭޝް މީހުންނެވެ. މިއީ އާބާދީގައި ހިމެނޭ މަސައްކަތު އުމުރުފުރާގެ ތެރެއިން 20-44 އަހަރާއިި ދެމެދުގެ ރާއްޖޭގެ މީހުންނަށް ވުރެ ގިނަ ބިދޭސިން ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ހާމަކުރައްވާފައި ވެއެވެ.

ފުވައްމުލަކުގައި ދިރިއުޅޭ ބަންގްލާދޭޝް މީހުނާއި އެމްބަސީން ބައްދަލުކުރުން، 2019 އޮކްޓޯބަރު

ފުވައްމުލައް ސިޓީގައި ދިރިއުޅޭ އާބާދީ އަކީ 9،963 ކަމަށް އެންބީއެސް (2021) އިން ހާމަކުރެއެވެ. މީގެތެރެއިން ފުވައްމުލައް ސިޓީގައި ދިރިއުޅޭ ބިދޭސީންގެ އަދަދު ރަސްމީ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. ފުވައްމުލައް ސިޓީގައި އުޅޭ ބިދޭސިންގެ އަދަދު އެއްހާހަށް ވުރެ ދަށް ވާނެ ކަމަށް ގިނަ ފަރާތްތަކަކުން ލަފާކުރެއެވެ. މިއަހަރުގެ ކުރީކޮޅު ބޭއްވުނު ނޫސް ކޮންފަރެންސެއްގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ކުރީގެ ޑެޕިއުޓީ މޭޔަރު ހާމަކުރެއްވި ގޮތުގައި 800 އެއްހާ ބިދޭސިން ފުވައްމުލައް ސިޓީގައި ދިރިއުޅެމުން ދާކަމަށް ބެލެވެއެވެ. އެއިގެތެރެއިން ގިނަ ބިދޭސީންނަކީ ގަވާއިދާއި ޚިލާފަށް އުޅޭ ބަގްލާދޭޝް މީހުންކަމަށް ބެލެވެއެވެ.

ފުވައްމުލައް ސިޓީގައި ގަވާއިދާއި ޚިލާފަށް ދިރިއުޅެ ބިދޭސިން ގަވާއިދަށް ފެއްތުމުގެ ގޮތުން މައުލޫމާތު ދިނުމަށް 2019ގައި ބޭއްވި ސެޝަނަކަށް ގިނަ އަދަދެއްގެ ބިދޭސިން ހާޒިރުވެފައި

ވުމާއެކު މުޅި ރާއްޖޭގައި ވެސް ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ވަނީ ބޮޑު މައްސަލައަކަށް ވެފައެވެ. އެކަން ހައްލުކުރުމުގެ ގޮތުން އެމީހުން ގަވާއިދުގެ ތެރެއަށް އެމީހުން ވެއްދުމާއި އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލުމުގެ މަސައްކަތްތަކެއް 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ފުވައްމުލައް ސިޓީގައި ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން ފުވައްމުލައް ސިޓީގައި ދިރިއުޅެމުން ދިޔަ ބަނގަލާދޭޝް މަސައްކަތު މީހުންގެ 18 މީހަކު 2020 ވަނަ އަހަރު ކޮވިޑް-19ގެ ހާލަތުގައި އަނބުރާ ގައުމަށް ފޮނުވާލާފައި ވެއެވެ. އެއީ އަމިއްލައަށް އެދިގެން ދިޔަ މީހުންނެވެ. އަދި ބައެއް މީހުން ގަވާއިދުގެ ތެރެއަަށް ވައްދާފައި ވާކަމަށް ވެސް ވެއެވެ. ނމަވެސް އަދަދުތަކެއް ހާމަކޮށްފައެއް ނުވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • Anonymous

    ހައުދަހާ ފައްކާ ގައުމެކެވެ މިގައުމުގެ ވިޔާފާރީގެ ވަޒީރު އެހެރީ ގައުމަށް ކޮންމެ ފަދަ ދެރަކަމެއް ލިބުނަސް އަމިއްލަ އެދުން ކުރިޔަށް ނެރެން ގެޅިފޫގަ އެވެ