ފުވައްމުލައް ސިޓީގެ ވިޔަފާރިވެރި ތަކުގައި ގަވާއިދާއި އެއްގޮތަށް ބިދޭސިން ގެންގުޅޭނެ ގޮތުގެ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް މިއަދު (7 އޮގަސްޓް 2021) ފަށައިގެން ކުރިޔަށް އެބަގެންދެއެވެ.
ކުރުނދުމާ މާލަމުގައި ކުރިޔަށްގެންދާ މިސެޝަންތަކަކީ ފުވައްމުލައް ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ގުޅިގެން ބާއްވާ ސެޝަންތަކެކެވެ. އެގޮތުން މިއަދު މިބޭއްވީ ފުރަތަމަ ސެޝަން ކުރިޔަށް ގެންގޮސްފައިވާއިރު މިމަހު 10 އާއި ހަމަޔަށް އިތުރު ސެޝަންތަކެއް ކުރިޔަށްގެން ދިއުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ފުވައްމުލައް ސިޓީގައި ބިދޭސިން ގެންގުޅޭ ހުރިހާ ފަރާތްތަކަށް ވެސް ހުޅުވާލެވިފައިވާ ބައްދަލުވުންތަކެއް ކަމަށް ސިޓީ ކައުންސލުން މައުލޫމާތު ދެއްވައެވެ.
މިބައްދަލުވުން ތަކުގައި ދިވެހިރާއްޖެއަށް ބިދޭސީން އެތެރެ ކުރުމުގައި އަމަލު ކުރަންޖެހޭ އުސޫލްތަކާއި، އެފަރާތްތަކަށް ވޯކްޕާމިޓް ދޫ ކުރުމާއި އަދި ވިސާ ދިނުމުގެ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ދެމުން ގެންދާނެ ކަމަ ސްމައުލޫމާތު ލިބެއެވެ.
ފުވައްމުލައް ސިޓީގައި ދިރިއުޅޭ ބިދޭސިން ގަވާއިދުގެ ތެރެއަށް ވެއްދުމާއި ގުޅޭ (ރެގިއުލަރައިޒޭޝަން) ގެ ޕްރޮގްރާމް ބައްދަލުވުން މި އޯގަސްޓްމަހު 10 (2021) ވާ އަންގާރަ ދުވަހުން ފެށިގެން ފުވައްމުލައް ސިޓީ ކައުންސިލް (ކުރުނދުމާ މާލަމް) ގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ. މިބައްދަލުވުމުގެ މައުލޫމާތު ސިޓީކައުނސިލުން ކުރިން ވެސް އާއްމުކޮށްފައި ވެއެވެ.
އެގޮތުން 10 އޮގަސްޓްގައި ބާއްވާ ސެޝަންގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެކަމަށް ކަނޑައަޅާފައިވާ އޮންލައިން ފޯމް މެދުވަރިކޮށް ނުވަތަ ސިޓީ ކައުންސިލްގެ ހޮޓްލައިން ނަމްބަރު 1618 އަށް ގުޅައި ނަން ނޯޓްކުރުމަށް ހުޅުވާލާފައި ވެއެވެ.
ފުވައްމުލައް ސިޓިގައި ވެސް އެއް ހާހެއްހާ ބިދޭސިން ތިބި ކަމަށް ބެލެވެއެވެ. އެގެތެރެއިން ގިނ ަމީހުންނަކީ ގަވާއިދާއި އެއްގޮތަށް އުޅެމުންދާ މީހުން ނޫންކަމަށް ވެއެވެ. އެމީހުން ގަވާއިދުގެ ތެރެއަށް ވެއްދުމަށް މިއީ ރަނގަޅު ފުރުސަތެކެވެ. ފުވައްމުލައް ސިޓީގައި ދިރިއުޅޭ އާބާދީ އަކީ 9،963 ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް – އެންބީއެސް (2021) އިން ހާމަކުރެއެވެ. މީގެތެރެއިން ގާތްގަޑަކަށް %10 އަކީ ބިދޭސީން ކަމަށް ބެލެވެއެވެ.
ފުވައްމުލަކުގައި ދިރިއުޅޭ ބަންގްލާދޭޝް މީހުނާއި އެމްބަސީން ބައްދަލުކުރުން، 2019 އޮކްޓޯބަރުމިއަހަރު ދުނިޔޭގެ އާބާދީ ދުވަހާއި ގުޅުވައިގެން ދިވެހިރާއްޖޭގެ ގައުމީ ތަފާސް ހިސާބާއި ބެހޭ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މިއަހަރު (2021) ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ 5 ލައްކަ 68 ހާސް (568،000) ކަމަށް، ވާއިރު އެއިގެ ތެރެއިން %32 އަކީ ބިދޭސީ މަސައްކަތު މީހުން ކަމަށް ވެއެވެ. އެއީ އަދަދުގެ ގޮތުން 1 ލައްކަ 82 ހާސް (182،666) އަށް ވުރެ ގިނަ މީހުންނެވެ. އަދި މި މީހުންގެ ތެރެއިން %68 އަކީ ބަނގްލާދޭޝް މީހުން ކަމަށް ވެއެވެ. އެއީ 1 ލައްކަ 24 ހާސް (124،200) އަށް ވުރެ ގިނަ ބަނގްލާ ދޭޝް މީހުންނެވެ. މިއީ އާބާދީގައި ހިމެނޭ މަސައްކަތު އުމުރުފުރާގެ ތެރެއިން 20-44 އަހަރާއިި ދެމެދުގެ ރާއްޖޭގެ މީހުންނަށް ވުރެ ގިނަ ބިދޭސިން ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ހާމަކުރައްވާފައި ވެއެވެ.
ވުމާއެކު މުޅި ރާއްޖޭގައި ވެސް ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ވަނީ ބޮޑު މައްސަލައަކަށް ވެފައެވެ. އެކަން ހައްލުކުރުމުގެ ގޮތުން އެމީހުން ގަވާއިދުގެ ތެރެއަށް އެމީހުން ވެއްދުމާއި އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލުމުގެ މަސައްކަތްތަކެއް 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ފުވައްމުލައް ސިޓީގައި ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން ފުވައްމުލައް ސިޓީގައި ދިރިއުޅެމުން ދިޔަ ބަނގަލާދޭޝް މަސައްކަތު މީހުންގެ 18 މީހަކު 2020 ވަނަ އަހަރު ކޮވިޑް-19ގެ ހާލަތުގައި އަނބުރާ ގައުމަށް ފޮނުވާލާފައި ވެއެވެ. އެއީ އަމިއްލައަށް އެދިގެން ދިޔަ މީހުންނެވެ. އަދި ބައެއް މީހުން ގަވާއިދުގެ ތެރެއަަށް ވައްދާފައި ވާކަމަށް ވެސް ވެއެވެ. ނަމަވެސް އަދަދުތަކެއް ހާމަކޮށްފައެއް ނުވެއެވެ.
ޚިޔާލުތައް