ފުވައްމުލައް ހޮސްޕިޓަލަށް އިތުރުކުރެވޭ ބައި އިމާރާތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ރައިސާ ޕްރައިވެޓް ލިމިޓެޑް އާއި އެކު ފުވައްމުލައް ސިޓީ ކައުންސިލުން ސޮއިކޮށްފިއެވެ. ސޮއިކުރުމުގެ މި ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގައެވެ.
މި އެއްބަސްވުމުގައި ސިޓީކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީއެވެ. އަދި ރައިސާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އަލީ ސައީދު މާލެގަމު، ޝޭޑީރެސްޓް އެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޙުސައިން މުޙައްމަދު ދީދީ އާއި ފުވައްމުލަކު ހޮސްޕިޓަލުގެ އައު މެނޭޖަރު މުހައްމަދު ޟިރާރުގެ އިތުރުން ބައެއް ކައުނސިލް މެމްބަރުން ވެސް ބައިވެރި ވަޑައިގެންފައި ވެއެވެ.
ފުވައްމުލަކު ހޮސްޕިޓަލުގެ ހުޅަނގު ދެކުނުގައި އިތުރުކުރެވޭ ބައި (އެކްޓެންޝަން)ގެ މަސައްކަތް ނިންމުމަށް ތާވަލް ކުރެވިފައިވަނީ 120 ދުވެހުގެ ތެރޭގައެވެ. މި މަސައްކަތުގެ އަގަކީ 4 މިލިޔަން ރުފިޔާއެވެ.

ފުވައްމުލަކު ހޮސްޕިޓަލަށް އިތުރުކުރެވޭ ބައިގެ މަސައްކަތު އެއްބަސްވުމުގައި ސޮއި ކުރުން.
މިއީ މި ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލުގެ އިމާރާތަށް އިތުރުކުރާ ދެވަނަ ބައެވެ. މީގެ ކުރިން ހޮސްޕިޓަލަށް އިތުރުކުރި ބައިގައި ވަނީ ޑައިލިސިސް ސެންޓަރާއި ބައެއް އެހެން ޚިދުމަތްތައް ގާއިމުކޮށްފައެވެ. ފުވައްމުލަކު ހޮސްޕިޓަލުން އެވްރެޖްކޮށް ދުވާލަކު 160 މީހުން ޑޮކްޓަރަށް ދެއްކުމަށާއި އެކިކަންކަމުގައި ފަރުވާ ހޯދާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ވުމާއެކު ފުވައްމުލައް ސިޓީ ހޮސްޕޓަލުގެ ފެންވަރު މަތިކޮށް ދެވޭ ހިދުމަތްތައް އިތުރުކުރުމަކީ ސަރުކާރުން ކޮންމެހެންވެސް ކުރަން ޖެހިފައިވާ ކަމެކެވެ.
މިއަދު ސޮއިކުރި އެއްބަސްވުމަކީ ފުވައްމުލަކު ހޮސްިޓަލުގެ ލެބޯރަޓަރީ ބަޔަށް އިތުރު ކުރެެވިގެންދާ ބައެއް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. މިބައި ނިމުމުން ފުވައްމުލަކު ހޮސްޕިޓަލުގެ ޕީސީއާރު ލެބް ވެސް ގާއިމުކުރެވިގެންދާނެ އެވެ. އަދި ފިޒިއޮތެރަޕީ ޑިޕާޓްމެންޓް ވެސް ހޮސްޕިޓަލުގެ އިމާރާތުގެ ތެރެއަށް ގެނެވި، ބައެއް އޮޕީޑީ ކޮޓަރިތައް ވެސް އަލަށް އިތުރުކުރެވޭ ބަޔަށް ބަދަލު ކުރެވިގެންދާނެ ކަމަށް ވެއެވެ. އެއި ހޮސްޕިޓަލުގެ އައު އމާރާތް ކުރުމަށް ބައެއް އޯޕީޑީ ރޫމްތައް ހުސްކުރަން ޖެހޭތީ ކަމަށް ވެއެވެ.

މިހާރުގެ ފުވައްމުލަކު ހޮސްޕިޓަލް މަތިން – 2021
މިހާރު ހުރި ފުވައްމުލަކު ހޮސްޕިޓަލުގެ އިމާރާތަކީ މީގެ 20 ވަރަކަށް އަހަރު ކުރީގެ ޕްލޭނަކަށް ހެދިފައިވާ އެނެމް ކުރީގެ އަތޮޅު ހޮސްޕިޓަލުގެ އިމާރާތެކެވެ. އަދި އެ އިމާރާތުގައި މިހާރު ހުރި ލެބޯރަޓަރީގައި ވަނީ ޖާގައިގެ ދަތިކަން ބޮޑުވެފައި ކަމަށް މައުލޫމާތު ލިބެއެވެ.
ފުވައްމުލައް ސިޓީ ހޮސްޕިޓަލަކީ ޓާޝަރީ ލެވެލްގެ ސަބް-ސްޕެޝަލިޓީ ހޮސްޕިޓަލަކަށް ހެދުމަށް މިސަރުކާރުން ވައުދުވެފައި ވެއެވެ. އެގޮތުން ފުވައްމުލަކުގެ ހޮސްޕިޓަލް ބޮޑުކުރުމުގެ ޕްރޮޖެކްޓްގެ އައު އިމާރާތެއްކޮށް ހޮސްޕިޓަލުގެ ޖާގަ ބޮޑު ކުރުމަށް ވަނީ ނިންމާފައެވެ.
ޓާޝަރީ ހޮސްޕިޓަލަކަށް ފުވައްމުލަކު ހޮސްޕިޓަލް ބަދަލު ކުރުމަށް، މިހާރު ހޮސްޕިޓަލުގެ އިރު-އުތުރުން އޮތް ބިމުގައި 4 ބުރީގެ އިމާރާތެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެމަސައްކަތުގެ ޕްލޭނިން ބައިތައް މިހާރުވެސް ދަނީ ކުރިޔަށެވެ. އެގޮތުން ހޮސްޕިޓަލުގެ އައު އިމާރާތުގެ ކުރެހުމާއި، ބިލް އޮފް ކުއަންޓިޓީ އާއި، ޓެކްނިކަލް ސްޕެސިފިކޭޝަންސް ތަކާއި، ޓެންޑަރ ޑޮކިޔުމެންޓް ތައްޔާރު ކުރުމަށް މިނިސްޓްރީ އޮފް ހެލްތްއިން ހުޅުވާލާފައި ވަނީ ފާއިތުވި އޮގަސްޓް މަހުގެ ތެރޭގައެވެ. މިމަސައްކަތުގެ ބީލަން އާމުކޮށް ހުޅުވާލީ ނިމިގެން ދިޔަ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

ފުވައްމުލަކު ހޮސްޕިޓަލަށް އިތުރުކުރެވޭ ބައި 2021
މިއީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން 2020 އަހަރުގެ ބަޖެޓްގައި ހިމަނައި އަދި ފަހުން ބަޖެޓަށް ފައިސާ އިތުރުކޮށް މިއަހަރު (2021) ގެ ބަޖެޓްގައި 21.25 މިލިޔަން ރުފިޔާއާއެކު ހިނަމާފައިވާ ޕްރޮޖެކްޓެކެވެ. މި ހޮސްޕިޓަލުގައި 250 ކޭވީގެ ސޯލާ ސިސްޓަމެއް ހުންނަންޖެހޭ ކަމަށް ހެލްތް މިނިސްޓްރީއިން ހާމަކޮށްފައި ވެއެވެ.
ކޮވިޑް-19ގެ ދަތިތަކާއި ބޮޑެތި ގޮންޖެހުންތަކާއެކު ފާއިތުވެގެން ދިޔަ ކުރު މުއްދަތުގެ ތެރޭގައި ވެސް މިސަރުކާރުން ފުވައްމުލަކު ހޮސްިޓަލަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާފައިވާ ކަމަށް މިކަލް ނޫހާއި ވާހަކަ ދެއްކި ކަމުގެ މައުލޫމާތު އެންގޭ ފަރާތަކުން ހާމަކުރެއްވިއެވެ.
ޚިޔާލުތައް