ފުވައްމުލައް ސިޓީ ގައި މަސައްކަތް ކުރާ ބިދޭސީން ‘ހަރެހެރި’ ޕޯޓަލްގައި ރަޖިސްޓްރީ ކުރަން ފުވައްމުލައް ސިޓީ ކައުންސިލުން އަންގައިފިއެވެ. ‘ހަރެހެރި’ ޕޯޓަލް އަކީ ލޭބާ ރިލާޝަންސް އޮތޯރިޓީން ހަދާފައިވާ ޕޯޓަލް އެކެވެ. މިޕޯޓަލްގައި ބިދޭސީން ރަޖިސްޓްރީކޮށް ބަލަހައްޓަނީ ކައުންސިލްތަކުންނެވެ.
ބިދޭސީންނާއި ހަވާލުވެފައިވާ މީހުން، އެމީހުންނާއި ހަވާލުވެފައިވާ ބިދޭސީ މީހާ ރަޖިސްޓްރީ ކުރުމަށް ސިޓީ ކައުންސިލުން އާއްމުކޮށް ވަނީ އިއުލާންކޮށްފައެވެ. އެގޮތުން ކުރިޔަށް އޮތް ޑިސެމްބަރު މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 2:00ގެ ކުރިން ފުވައްމުލައް ސިޓީ ކައުންސިލުގައި ރަޖިސްޓްރީ ވާން ޖެހެއެވެ.
ޕާސްޕޯޓު ނެތުމާއި ވިސާނުނަގައި މަސައްކަތް ކުރާ ބިދޭސީ ފަރާތްތަކުން ރަޖިސިްޓްރީ ކުރަންޖެހެނީ އެމީހަކު ދިރިއުޅޭ ގެއެއްގެ ވެރިފަރާތުގެ ހަވާލުގައި ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ. ބިދޭސީންގެ ޕޯޓާލް ގައި ރަޖިސްޓްރީ ވުމަށް މި ފޯމުގައިވާ މައުލޫމާތު ފުރިހަމކުރުމަށް އެދިފައި ވެއެވެ.
ކަނޑައެޅިފައިވާ މުއްދަތަށް ފަހުގައި ރަޖިސްޓްރީ ނުކުރާ ބިދޭސީން ލައްވާ މަސައްކަތް ކުރުވާ ފަރާތްތައް ޖޫރިމައިނާ ކުރެވޭނެކަމަށް ވެސް ހާމަކުރައްވައެވެ. އެގޮތުން ރަޖިސްޓްރީ ނުކުރާ ބިދޭސީން ލައްވާ މަސައްކަތް ކުރުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަނީ “ވަޒީފާ އަދާ ކުރުމަށް ދިވެހިރޭއްޖެއަށް ބިދޭސީން ގެނައުމުގެ ގަވާއިދު 2011/R-22 ގެ 24 ވަނަ މާއްދާގެ ދަށުން ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.
ލާމަރުކަޒީ ގާނޫނުގައި ވާ ގޮތުން އެކައުންސިލެއްގެ އިޚުތިސާސްގައި ހިމެނޭ ސަރަހައްދުތަކުގައި ދިރިއުޅޭ ބިދޭސީންގެ ދަފުތަރެއް އެކުލަވާލައި ބެލެހެއްޓުމަކީ ކައުންސިލްގެ ޒިންމާއެކެވެ. އެގޮތުން ފުވައްމުލައް ސިޓީގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު މިޕޯޓަލް އަށް އެޅުމުގެ މަސައްކަތް ފުވައްމުލައް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ.
ޚިޔާލުތައް