ފުވައްމުލަކު ބަނދަރު ސަރަހައްދުގައި މިސަރުކާރުން އަޅާދިނުމަށް ވައުދުވި މިސްކިތުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ. މި މިސްކިތުގެ ބިންގާ އަޅުއްވާއި ދެއްވީ ރައީސުލް ޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމު އެވެ.
މިރަސްމިއްޔާތުގައި އިސްލާމިކު މިނިސްޓރު އަހުމަދު ޒާހިރު އާއި ރަށުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ. މީގެ އިތުރުން ބަދަރު ސަރަހައްދުގައި މިސްކިތެއް އަޅާ ދިނުމަށް ރައިސް އިބްރާހިމް މުޙައްމަދު ސޯލިހަށް ދެންނެވި މާލެގަމު ހުވަނދަގެ އަބްދުﷲ (ހުވަނދަގެ އަބްދުﷲ ބެ) ވެސް ވަނީ މިރަސްމިއްޔާތުގައި ބިންގާ އެޅުމަށް ތައްޔާރުކުރެވިފައިވާ ބުޑުގެ ތައްތަގަޑަށް ކޮންކްރިޓް އަޅާ ދީފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދުގައި ހިމެނޭ ފުވައްމުލައް ސިޓީ ބަނދަރު ސަރަހައްދުގައި މިސްކިތް އެޅުމުގެ މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކޮށްފައިވަނީ ފާއިތުވި ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގައެވެ.
މި މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަ މޭން ކޮންސްޓްރަޝަން ޕްރައިވެޓް ލިމިޓެޑް އާއެވެ. މިމަސައްކަތް ނިންމަން ހަވާލުކޮށްފައި ވަނީ 365 ދުވަސް (1 އަހަރު) ދުވަހެވެ. ވުމާއެކު މަސައްކަތް އަންނަ އަހަރު (2022) ގެ ނޮވެމްބަރު މަހު 16 ވަނަ ދުވަހަށް ނިންމަން ޖެހޭނެއެވެ. މިމަސައްކަތުގެ އަގަކީ 11.9 މިލިޔަން ރުފިޔާއެވެ.
މި މިސްކިތް އަޅަނީ ފުވައްމުލަކު ދޫނޑިގަމު ފުޓުބޯޅަ ދަނޑު ކުރިމަތިން މަގުގެ އުތުރު ފަރާތުގައެވެ.
ބަނދަރު ސަރަހައްދުގައި މިސްކިތެއް ނެތުމުން އެހިސާބުގައި ނަމާދު ކުރުމަށް ފަސޭހަވާގޮތަށް ކައިރި ހިސާބެއްގައި މިސްކިތެއް އެޅުމަށް ބޭނުންވެގެން ހުށަހެޅުމުން ހަމަޖެހިގެން ދިޔަ މިސްކިތެކެވެ. ފުވައްމުލައް ސިޓީ ބަނދަރު ސަރަހައްދަކީ އަބަދުވެސް ގިނަބަޔަކު ހޭލަމޭލަވާ ސަރަހައްދެކެވެ. ބަނަދާރާއި ކައިރި ހިސާބެއްގައި މިހާރު މިސްކިތެއް ނެތުމުގެ ދަތިކަން ގިނަބޔަކު ފާޅުކުރަމުން ގޮސްފައި ވެއެވެ. އަދި މިމިސްކިތް ނިމުމާއެކު އެކަންބޮޑުވުމަށް ހައްލު ލިބިގެންދާނެއެވެ.
މި މިސްކިތް އަޅާއިދެއްވުމަށް ފުވައްމުލައް ސިޓީގެ ރައްޔިތުންގެ ފަރާތުން ރައީސަށް ހުށަހެޅުއްވީ ހުވަނދަގެ އަބްދުﷲ ދީދީ (އަބްދުﷲ ބެ) އެވެ. އަބްދުﷲ ބެއަކީ އެމްޑީޕީގެ ވަރަށް އިސް ސަޕޯޓަރެކެވެ. ކެމްޕޭން ދުވަސްވަރު އަބްދުﷲ ބެ ފެންނަނީ އެހެން މީހުނާއި ތަފާތުކޮށް އެމްޑީޕީގެ ކެމްޕޭން ހަރަކާތްތަކުގެ ކުރިީ ސަފުންނެވެ. އެމްޑީޕީގެ ހަރަކާތްތަކުގައި އަބްދުﷲ ބެ ފެނިގެންދަނީ ގެ ބޮލުގެ ތޮފިން ފެށިގެން ބޫޓާއި ހަމަޔަށްވެސް ރީނދޫ ކުލައިން ޖަރީވެފައިވާ މީހެއްގެ ގޮތުގައެވެ. އެކަމުން ގިނަބަޔަކަށް އަބްދުﷲ ބެގެ ޖޯޝާއި ފޯރި ފަސޭހައިން ދެނެގަނެވެ އެވެ.
އަ މޭން ކޮންސްޓްރަކްޝަން އިން މިހާރުވެސް ފުވައްމުލައް ސިޓީގެ މަސްޖިދުލް ހުދާ (ކުރީގެ ލިލީ މިސްކިތް) އަލުން އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ.
ޚިޔާލުތައް