ހަސަން ހައްޒާމު
ފުވައްމުލަކުގައި ދެން އިމާރާތްކުރާ ހައުސިން ޔުނިޓްތައް އަޅަން ނިންމާފައިވަނީ 11 ބުރިއަށް ކަމަށް މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވެއްޖެއެވެ.
‘އަފުން ނިއުސް’ އިން ގެނެސްދިން އަފުންވެށި ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިސްމާއިލް ވިދާޅުވި ގޮތުގައި ބޯހިޔާވަހިކަމަކީ ފުވައްމުލަކުގެ ގިނަ ރައްޔިތުންތަކެއް ބޭނުންޖެހިފައިވާ ރައްޔިތުންނަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން އެންމެ ފަހުން 40 ފްލެޓަށް އެދި އިއުލާންކުރި ފަހަރުވެސް 800 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ. އެކަމަށް ހައްލެއް ގެނައުމަށްޓަކައި ސަރުކާރުން ނިންމާފައިވަނީ ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އިމާރާތްކުރުމަށެވެ.

މޭޔަރު- އިސްމާއީލް ރަފީގު އަފުން ނިއުސްގެ އަފުންވެށި ޕްރޮގްރާމުގައި
އެންމެ ފުރަތަމަ ސަރުކާރުން ނިންމާފައި ވަނީ ފުވައްމުލަކުގައި 200 ހައުސިން ޔުނިޓް އެޅުމަށެވެ. އެގޮތަށް ނިންމައި ޓެންޑަރިން އަށް ލާފައިވަނިކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި ސިޓީ ކައުންސިލްގެ އެދުމަކަށް ވަނީ ފުވައްމުލަކު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ފަހު އިތުރު 200 ހައުސިން ޔުނިޓް ފުވައްމުލަކުގައި އިމާރާތްކޮށްދެއްވަން ނިންމާފައެވެ.
މޭޔަރު ވިދާޅުވި ގޮތުގައި ފުވައްމުލަކު ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ގެނައުމަށް އައު ހައުސިން ޔުނިޓްތައް އަޅަން ހަމަޖެހިފައި ވަނީ 11 ބުރި އަށެވެ. އެގޮތުން 400 ހައުސިން ޔުނިޓް އަޅަން ނިންމާފައި ވަނީ ރަށުގެ 5 ސަރަހައްދެއްގައި 5 ބްލޮކެއްގައެވެ. ސީޓި ކައުންސިލުން މިހާރު ވަނީ ފްލެޓް އަޅާ ސަރަހައްދުގެ ބިން ކަނޑައަޅައި ސަރުކާރަށް އަންގާފައެވެ. އެއީ މާދަޑު އަވަށުގައި އާއި ފުނޑު އަވަށުގައި އަދި ދޫނޑިގަމުގައި އަޅާ 5 ބްލެކްގެ އިމާރާތެވެ.

ފުވައްމުލަކުގައި ދެބުރިއަށް އިމާރާތްކުރެވިފައިވާ ހައުސިން ޔުނިޓްތައް
މޭޔަރު ވިދާޅުވި ގޮތުގައި 11 ބުރިއަށް އުސްކޮށް އިމާރާތް ކުރުމުގެ ބޭނުމަކަށްވީ ހައުސިންގެ ޔުނިޓް އެޅުމަށް ބޭނުން ކުރާ ބިމުގެ ޖާގައިގެ ސަރަހައްދު ކުޑަ ކުރުމަށެވެ. މޭޔަރު އިތުރަށްވިދާޅުވި ގޮތުގައި އަލަށް އިމާރާތްކުރާ ހައުސިން ޔުނިޓް އިމާރާތުގައި ލިފްޓު ބެހެއްޓުމުގެ އިތުރުން އެ އިމާރާތްތަކުގެ ގްރައުންޑް ފްލޯތައް ހެދިގެން ދާނީ ވިޔަފާރީގެ ބޭނުންތަކަށާއި ސާވިސް ސެންޓަރުތައް ވެސް ހުންނާނެ ގޮތަކަށް ކަމަށެވެ. ފުވައްމުލަކުގައި މީގެ ކުރިން ހައުސިން ޔުނިޓް އަޅާފައިވަނި 2 ބުރިއަށް ދަޑިމަގު އަވަށާއި ދިގުވާޑު އަވަށުގައި 200 ހައުސިން ޔުނިޓެވެ.
ސިޓީ ކައުންސިލުން މިހާރު ވަނީ ހައުސިން ޔުނިޓް އަޅާ ސަރަހައްދުތަކާއި ބިންތައް ކަނޑައަޅައި އިއުލާންކޮށްފައެވެ. އަދި މިބިންތަކުގައި ހައުސިން ޔުނިޓް އިމާރާތް ކުރުމަށްޓަކައި ބިން ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ. މޭޔަރު ވިދާޅުވި ގޮތުގައި ވަރަށް އަވަހަށް 400 ހައުސިންގ ޔުނިޓްގެ މަސައްކަތް އިއުލާންކުރެވި އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
ޚިޔާލުތައް