A wide advertisement which will be shown on all devices. (700 x 100)

މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް، އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނަން: ސްޓެލްކޯ އެމްޑީ

މިއަދު މާލެ ސަރަޙައްދުން އެއްކޮށް ކަރަންޓު ކެނޑި ދިމާވިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް، އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑަށް ކުރިމަތިވެފައިވާ މައްސަލަ މިހާރު ވަނީ ހައްލުކުރެވި، މާލެ އާއި ހުޅުމާލެއަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދެވިފައިކަމަށެވެ. ކަރަންޓު އަލުން ދިނުމަށްޓަކައި ސްޓެލްކޯގެ މުވައްޒަފުންނާއި، އެކި ގޮތްގޮތުން އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް ފަހުމީގެ ޕޯސްޓުގައި ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.

އޭގެ އިތުރުން، މިއަދު ދިމާވިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސްޓެލްކޯއިން އަޅާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާކަމަށާއި މިއަދު ރައްޔިތުންނަށް ކުރިމަތިވި އުނދަގޫތަކަށް މަޢާފަށް އެދިވަޑައިގަންނަވާކަމަށްވެސް ފަހުމީގެ ޕޯސްޓުގައިވެއެވެ. މިއަދު ގްރޭޓާމާލެ ގްރިޑް ބްލެކްއައުޓަކަށް ދިއުމަށް މެދުވެރިވި ސަބަބު ދެނަގަނެ އެކަމާ ގުޅުންހުރި މައުލޫމާތު ފަހުން އާންމު ކުރާނެ ކަމުގެ ޔަގީންކަން ވެސް ފަހުމީ ވަނީ ދެއްވާފައެވެ.

މާލެ ސަރަހައްދުން މިއަދު ކަރަންޓް ކެނޑުނީ އެއްވެސް ސިސްޓަމަކަށް ގެއްލުން ލިބިގެން ނޫން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

މުޅި މާލެއާއި ހުޅުމާލެ އަދި ހުޅުލެއިން އެއްކޮށް ކަރަންޓު ކެނޑުނީ މިއަދު މެންދުރު 12:35 ހާއިރެވެ. ސްޓެލްކޯގެ މީޑިއާ އޮފިޝަލް އޭރު ވިދާޅުވީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް ވަނީ މެދުކެނޑިފައިކަމަށާއި މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންކަމަށެވެ.

އޭގެ ފަހުން 13:22 ގައި އޭނާ ވިދާޅުވީ ޓޯޓަލް ބްލެކްއައުޓަކަށްވާތީ، ގްރޭޓަރ މާލެ ގްރިޑް އަލުން އެނަރޖައިޒް ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ޗެކަޕްތައް ފުރިހަމަ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމުގައެވެ. އަދި ޗެކަޕްތައް ނިމުނުހާ އަވަހަކަށް މާލެއާއި ހުޅުމާލެ ޖެންސެޓްތައް އެނަރޖައިޒްކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށެވެ.

މިއަދު އިރުއޮއްސި 18:40 ހާއިރު ހުރިހާ ސަރަޙައްދަކަށް ކަރަންޓުގެ ޚިދުމަތް އަލުން ދޭން ފަށާފައިވާއިރު، މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ، ‏މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވައިފައިވާނެކަމަށާއި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުންވެސް ވެސް މިކަން ހިގައި ދިޔަ ގޮތް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ މިއަދު ބުނެފައެވެ. އަދި ކަރަންޓު ދިއުމާ ގުޅިގެން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ޚާއްސަ ފިޔަވަޅުތަކެއް ފުލުހުން އަޅަމުންދާކަމަށްވެސް ބުނެފައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !