މެލޭޝިޔާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ އަތުން އަންނަ ޖުލައި 1 އިން ފެށިގެން ހަ ޕަސަންޓުގެ ޓެކްސްއެއް ނަގަން އެ ގައުމުން ނިންމި ނަމަވެސް، މިކަމުގެ ސަބަބުން ދަރިވަރުންނަށް ބުރައެއް އުފުލަން ނުޖެހޭނެ ގޮތަށް ކަންކަން ހަމަޖައްސައިދޭނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ހައިދަރު ވިދާޅުވީ، މެލޭޝިޔާއިން މިފަދަ ޓެކްސްއެއް ނަގަން އުޅޭކަން މިހާތަނަށް ރަސްމީކޮށް ރާއްޖެއަށް އެނގިފައި ނުވާކަމަށެވެ. ނަމަވެސް އެފަދަ ޓެކްސްއެއް ނަގަން ފަށައިފި ނަމަ، އެކަމާ ގުޅިގެން ދަރިވަރުންނަށް މާލީ ބުރައެއް ކުރިމަތިނުވާނެ ގޮތަށް ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މެލޭޝިއާ ސަރުކާރުން ރަސްމީކޮށް އަދި އަންގާފައި ނެތް ނަމަވެސް ދަރިވަރުންނަށް ބުރަޔަކަށް ނުވާނެހެން ދިވެހި ސަރުކާރުން ކަންކަން ހަމަ ޖައްސާދޭނެކަމަށާއި މެލޭޝިއާ ސަރުކާރާ ވާހަކަ ދައްކައިގެން ޓެކްސް އެގްޒެމްޝަނެއް ނުވަތަ ރިޑަކްޝަނެއް ނުވަތަ ޓެކްސްއެއް ދައްކަން ޖެހޭ ކަމަށްވަންޏާ ސަރުކާރުން ކިޔަވަން ފޮނުވާފައި ތިބި ދަރިވަރުންގެ ޓެކްސް ސަރުކާރުން ދައްކާދޭ ގޮތަށް ހަމަޖައްސައިދިނުމަށް މަސައްކަތްކުރައްވާނެކަމަށް ޑރ ހައިދަރު ވިދާޅުވިއެވެ.
މެލޭޝިއާގެ މާލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނާގޮތުން އެގައުމުގެ ކޮލެޖު، ޔުނިވާސިޓީ، ޕްރީ ސްކޫލް އަދި އެހެނިހެން ތައުލީމީ ސެންޓަރުތަކުން ތައުލީމު ހާސިލުކުރާ ބޭރުގެ ދަރިވަރުުންގެ އަތުން ނަގަން ނިންމާފައިވަނީ %6 ގެ ޓެކުހެކެވެ.
ޕްރައިވެޓް އެޑިއުކޭޝަނުން ނަގާ 6 އިންސައްތަ ސާވިސް ޓެކްސް ނަގަން ފަށާނީ އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
މެލޭޝިޔާގައި މިހާރު އަމަލުކުރަމުންދާ ސޭލްސް އެންޑް ސާވިސް ޓެކްސް (އެސްއެސްޓީ) ގަވާއިދަށް ބަދަލު ގެނެސް، މި ޓެކްސް ދައްކަން ޖެހޭ ގޮތަށް ހަމަޖައްސާފައިވަނީ، ބޭރު ދަރިވަރުންގެ ތެރެއިން އަހަރެއްގެ މައްޗަށް 60،000 މެލޭޝިޔާ ރިންގިޓަށް ވުރެ ގިނައިން ފައިސާ ދައްކާ ދަރިވަރުންގެ އަތުންނެވެ.
މި ހިނގާ ޖޫން މަހުގެ ކުރީކޮޅު މެލޭޝިޔާގެ ފިނޭންސް މިނިސްޓްރީން ވަނީ އެ ގައުމުގެ ފިސްކަލް ހާލަތު ރަނގަޅުކޮށް، އާމްދަނީ އިތުރުކުރުމަށް ޓެކްސްގެ ބޭސް ފުޅާކުރާނެ ކަމަށް ބުނެފައެވެ. މިގޮތުން، ބޭރު ދަރިވަރުންގެ އަތުން ޓެކްސް ނެގުމުގެ އަމާޒަކީ އެ ގައުމުގެ އާމްދަނީ އިތުރުކުރުން ކަމަށް ބެލެވެއެވެ.
މެލޭޝިޔާގެ އަމާޒަކީ މި އަހަރު އެ ގައުމުގައި ކިޔަވާ ބޭރު ދަރިވަރުންގެ އަދަދު 250،000 އަށް އެރުވުމެވެ. ނަމަވެސް، އެ ގައުމުން ބޭރު ދަރިވަރުންގެ އަތުން ޓެކްސްއެއް ނަގަން ފެށުމުން، އެ އަދަދު ހާސިލު ކުރެވިދާނެ ކަމާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. މިކަމަށް ރިއާޔަތްކޮށް، ދިވެހި ދަރިވަރުންނަށް އެއްވެސް އިތުރު ބުރައެއް ކުރިމަތިނުވާނެ ގޮތެއް ހޯދުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރަމުންދާނެ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.
ޚިޔާލުތައް