A wide advertisement which will be shown on all devices. (700 x 100)

ސިނގިރޭޓު ކޮންޓެއިނަރު ވައްކަން: ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން މަޤާމުން ވަކިކޮށްފި

ސިނގިރޭޓު ކޮންޓޭނަރު މައްސަލާގައި ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރަކު މަޤާމުން ވަކިކުރައްވަން އަންގަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިދައިން ވިދާޅުވީ ސޯޝަލް މީޑިއާގެ މަންސައެއްކަމަށްވާ އެކްސްގަ ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން (241 ކޮމިޓީ އިން) ދިރާސާކުރައްވާފައިވާ “ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް” ގެ ތެޔޮ ބޯޓެއްގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް ދިވެހިރާއްޖެއަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައާއި، ބޮންޑެޑް ވެއަރހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ނޭނގި ޤާނޫނާއި ގަވާއިދާ ޚިލާފަށް އެ ބޮންޑެޑް ވެއަރހައުސްއިން ނެރެފައިވާ މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުންް ފޮނުއްވި ސިޓީގައި ދެއްވާފައިވާ މަޢުލޫމާތާއި ލަފާއަށް ރިޢާޔަތްކޮށް، ޑެޕިޔުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް ގެ މަޤާމުގައި ތިއްބެވި 2 ބޭފުޅަކަށް ފިޔަވަޅު އެޅުވުމަށް އަންގާފައިވާ ކަމަށެވެ.

އަދި ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މިއަދުއެ މީހުން ވަޒީފާއިން ވަކިކޮށް، ކަސްޓަމްސް ގެ އިތުރު 3 މުވައްޒަފަކާއި ގުޅޭގޮތުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ޢަމަލުކުރައްވަމުންގެންދަވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން، ބައްލަވަންޖެހޭ ކަންކަން ބެއްލެވުމަށްފަހު ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން، އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް އަންގައިފައިވާ ކަމަށެވެ.

މި ރިޕޯޓް ރައްޔިތުންގެމަޖިލީހުން ފާސް ކުރެއްވީ މިމަހުގެ 27 ވަނަ ދުވަހުއެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި މި ރިޕޯޓުގައި 4 އިދާރާއަކަށް ކަންކަން އިސްލާހުކުރުމަށް ވަނީ އެންގުންތައް އަންގާފައެވެ. އެގޮތުން އެ އިދާރާތަކަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި ދާޚިލީ ސަލާމަތާއި ފަންނިޔަތާއި ބެހޭ ވުޒާރާއާއި ދަތުރުފަތުރާ މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއާއި އަދި ދިވެހި ފުލުހުންގެ ޚިދުމަތެވެ..

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !