ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ފުވައްމުލަކުގެ އީޒީ ފިލް ތެޔޮ ފިހާރާގެ ތިޖޫރީގައި ހުރި ފައިސާތައް ރޭ ވަގަށް ނަގައިފިއެވެ. މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން އެ އައުޓްލެޓްގެ މެނޭޖަރު މާލިކު ވިދާޅުވީ ފައިސާ ގެންގޮސްފައި ވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށް ބެލެވޭ ކަމަށެވެ. ފައިސާ ގެއްލިފައިވާ ކަން އެނގުނީ މިއަދު ހެނދުނު ތެޔޮފިހާރަ ހުޅުވުމުން ކަމަށެވެ.
ތެޔޮ ފިހާރައަށް ވަދެފައ ިވަނީ ފުރާޅުން ޓިނު ނަގައިގެން ކަމަށް ބައެއް ފަރާތަކުން ހާމަކުރެއެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯރޓު ކޮށްގެން މިހާރު ތަހުގީގު ކުރަމުން ދާކަމަށް ވިދާޅުވިއެވެ.
ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ހުންނަ އެ ތެޔޮ ފިހާރައިން ރޭ ގެއްލިފައި ވަނީ ގާތްގަޑަކަށް 40000 (ސާޅީސް ހާސް) ރުފިޔާ ކަމަށް މެނޭޖަރު މާލިކު ވިދާޅުވިއެވެ.
24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓާ އެތަނުގެ ސެކިއުރިޓިއަށް މި ވައްކަން ކުރިކަން ނޭނގުން ކަމަށް ވެއެވެ. ރެއަކީ ފުވައްމުލަކަށް ވަރަށް ވިއްސާރަ ރެއަކަށް ވުމުން ގާޑަށް އެތަނުގެ ސެކިއުރިޓީ ރަނގަޅަށް ނުބެލެހެއްޓުނީ ކަމަށް ވެއެވެ.
ރާއްޖޭގެ ގިނަ އިމާރާތާއި ތަންތަނުގައި އަގުހެޔޮކޮށް ސެކިއުރޓީ ބަލަހައްޓަން ހަދައިގެން ސެކިއުރިޓީގެ ކަންކަން ބަލަހައްޓާނެ ގޮތަކާއި މެދު ފުންކޮށް ވިސްނާ އެކަން ރަނގަޅަށް ކުރެވޭނެ ގޮތަކަށް މަގުފަހިކޮށްދީފައި ނުހުންނަކަން ފާހަގަ ވެއެވެ.
އެގޮތުން ބައެއް އިމާރާތްތަކުގެ ސެކިއުރިޓީން ވާރެއިން ހިޔާވެގެން ތިބެވޭފަދަ ތަންތަން ހަދާފައި ނެތުމާއި، ކަމެއް ދިމާވުމުން އެހީ ހޯދާނެ ފަސޭހަ ގޮތްތަކެއް ވެސް އިންތިޒާމު ކުރެިވިފައި ހުންނަ ކަމަކަށް ނުވެއެވެ.
ފުވައްމުލަކު އެފްއެސްއެމް އީޒީ ފިލް ފިހާރާގައި މިފަދަ އިންތިޒާމު ހަމަޖެހިފައި ވާގޮތް އެނގިފައެއް ނުވެއެވެ.
މި ވައްކަމާއި ގުޅިގެން މިއަދު ހެނދުނު އެ ތެޔޮފިހާރަ ވަނީ ވަގުތީ ގޮތުން ބަންދު، ޚިދުމަތް މެދުކަނޑާލާފައެވެ.
ޚިޔާލުތައް