ރައީސް ޔާމީނު ވިދާޅުވިޔަސް ތިމަރަފުއްޓަށް ފޫޅުކެނޑި މީހަކު ރައްޔިތުންނަށް ޚިޔާނާތްތެރި ނުވާނެ ކަމަށް ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އަލީ ޝާހު ވިދާޅުވެއްޖެއެވެ. އަލީ ޝާހު މިމޭރުމުން ޚިޔާލުފާޅުކުރައްވާފައިވަނީ ޓްވިޓާ މެދުވެރިކޮށް މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
“ތިމަރަފުއްޓަކީ ދެހާޖީން އުފަންވި ފަސްގަނޑު، އަބަދުވެސް ތިމަރަފުށި ބުނަމުން އައީ ރައީސް ޔާމީނު ވިދާޅުވިޔަސް ތިމަރަފުއްޓަށް ފޫޅުކެނޑި މީހަކު ރައްޔިތުންނަށް ޚިޔާނާތްތެރި ނުވާނެ” ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޓެގްކުރެއްވުމަށްފަހު ކުރެއްވި ޝާހުގެ ޓްވީޓުގައިވެއެވެ.
ޝާހުގެ ވާހަކަފުޅުގައި އިޝާރާތްކުރައްވަނީ ބޮޑުތަކުރުފާނު ޕޯޗުގީޒުންގެ އަތްދަށުން މިރާއްޖެ ސަލާމަތްކުރެއްވުމަށް ކުރެއްވި މަތިވެރި ޖިހާދުގައި އުތީމު ތިންބެއިންނާއިއެކު ބައިވެރިވެ ވަޑައިގަތް ޢަލީ ހާޖީ އާއި ހަސަން ހާޖީގެ ވާހަކައެވެ.
ޢަލްހާއްޖަ އަލީ (އަލީ ހާޖީ) އާއި އައްހާއްޖަ ހަސަން (ހަސަން ހާޖީ) އަކީ ތިމަރަފުއްޓަށް ނިސްބަތްވާ ދެ އަބްތާލުންނެވެ.
ބޮޑު ތަކުރުފާނު ރާއްޖެ ޕޯޗުގީޒުންގެ އަތްދަށުން މިނިވަންކުރެއްވުމަށްފަހު އަލީ ހާޖީއަށްވަނީ ދޮށިމޭނާ ކަމަށް ކޮލިލައްވާފައެވެ. އަދި ހަސަން ހާޖީ އަށް ވަނީ ވެލާނާ ކަމަށް ކޮލިލައްވާފައެވެ. އެހެންކަމުން ފަހުން މިދެއަބްތާލުންގެ ފުރިހަމަ ނަންފުޅަކީ އަލީ ދޮށިމޭނާ ކިލެގެފާނާއި ހަސަން ވެލާނާ މަނިކުފާނެވެ.
ޚިޔާލުތައް