A wide advertisement which will be shown on all devices. (700 x 100)

އެމްޕީ ޝާހު ޖޭޕީ އާއި ގުޅިއްޖެ

އެމްޕީ ޝާހު ޖޭޕީ ޓިކެޓްގައި މަޖުލީހަށް ވާދަކުރާނެ ކަމަށް ބެލެވޭ.

ފުވައްމުލަކު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖުލިސް މެންބަރު، އަލީ ޝާހު ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ރޭ ސޮއިކޮށް ފިއެވެ. ރޭ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ކުނޫޒުގައި ބޭއްވި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ޝާހުގެ މެމްބަރު ކަމުގެ ފޯމު ހަވާލުވެ ވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބްރާހީމެވެ.

މެމްބަރު ޝާހު ރައްޔިތުންގެ މަޖުލީހަށް އިންތިޚާބުވީ ޕީޕީއެމް ޓިކެޓްގައެވެ. ގިނަބަޔަކު ބަލަމުން އައީ ޝާހުއަކީ ޕީޕީއެމްގެ މައުމޫނު ފެޝަނަށް ނިސްބަތްވާ މީހެއްގެ ގޮތުގައެވެ.

2014ގެ ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބަށް ފަހު ޕީޕީއެމްގެ ތެރޭ، ކުރީގެ ނާއިބު ރައީސް އަދީބުގެ ބާރު ގަދަވެގެން ދިޔައިރު ޝާހުއާއި އަދީބުއާއި ދެމެދު ޚާއްސަ ގުޅުންތަކެއް އޮތްކަމަށް ބުނެ، ޝާހު އަކީ އަދީބުގެ މީހެއްކަމަށް ވެސް ބުނަމުން ދިޔައެވެ.

ޝާހު ޕީޕީއެމުން ވަކިވީ ކުރީގެ ރައީސް ޔާމީނާއި ދެމެދު އުފެދުނު ޚިޔާލު ތަފާތު ވުނަތަކާއި ގުޅިގެންނެވެ. މިކަން ބޮޑަށް ތިލަވެގެން ދިޔައީ އޭރު މަޖުލީހުގެ ރައީސް ކަމުގައި ހުންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މަސީހު ރައީސް ކަމުން ވަކިކުރަން ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައިގެ ފޯމުގައި ސޮއިކޮށް މަޖުލީހަށް ހުށަހެޅި ހިސާބުންނެވެ.

ދޭތެރެއަކުން ޝާހު އެމްޑީޕީއާއި ގުޅެން އުޅޭ ކަމަށް ވެސް އަޑު ފެތުރުނެވެ.

އެއާއިއެކު ޝާހު އާއި އެނޫން ވެސް ޕީޕީއެމަށް ނިސްބަތްވި ގިނަ މެންބަރުންތަކެއް އެޕާޓީން ވަކިކުރަން އުޅޭ ޚަބަރު ލިބިގެން، އަވަހަށް އަމިއްލައަށް އެޕާޓީން ވަކިވީއެވެ.

ނަމަވެސް، ޕީޕިއެމުން ނިންމީ ޝާހުއާއި އަދި އެނޫންވެސް އެހެން މެންބަރުންތަކެއް އެޕާޓީން ވަކިކުރީ އެޕާޓީގެ ސުލޫކީ ކޮމެޓީން މައްސަލަ ބެލުމަށްފަހުގައި ކަމަށެވެ. ޕީޕީއެމްގެ އެނިންމުމާއެކު އިލެކްޝަންސް ކަމިޝަނުން ނިންމީ ޝާހުއާއި އެހެން މެންބަރުން (12 މެންބަރުން) ގެ ވެސް މަޖުލިސް ގޮނޑި ގެއްލިފައިވާ ކަމަށެވެ.

އެހެނީ، އެދުވަސްކޮޅު ތެރޭގައި ރައްޔިތުންގެ މަޖުލީހުން މެޖޯރިޓީ އޯތް ޕީޕީއެމުން ވަނީ އެންޓި-ޑިފެކްޝަން ގާނޫނެއް ހަދައި މަޖުލީހުގެ ފްލޯރ ކްރޮސް ކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ފާސްކޮށް ކުރީގެ ރައީސް ޔާމީނު އެބިލް ތަދީގުކުރިއެވެ.

ނަމަވެސް މަޖުލީހުން ވަކިވި ކަމަށް އިލެކްޝަންސް ކަމިޝަނުން ކަނޑައެޅި 12 މެންބަރުން ސުޕްރީމް ކޯޓުގައި ދައުވާކުރަމުން، އަހަރަކަށްވުރެ ގިނަ ދުވަހު މަޖުލީހަށް ނުވަދެވި ތިބުމަށް ފަހު، ހުކުމް ކުރީ އެ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ. އެއާއެކު ޝާހުއާއި ދެންތިބި 12 މެންބަރުންގެ ރައްޔިތުގެ މަޖުލީސް މެންބަރުކަމާއި މެދު އުފެދިފައި އޮތް ދެބަސްވުން ނިމުމަކަށް އައިސް މަޖުލީހަށް ވަދެވޭގޮތް ވިއެވެ.

އަންނަ އަހަރު މާޗު މަހުގައި އައު ދައުރަކަށް ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބު ބާއްވާއިރު، މަޖުލިހުގެ ގޮނޑިއަށް އަލުން އިންތިޚާބު ވުމަށް މެންބަރުން ދަނީ އެކިގޮތް ގޮތުން މަސައްކަތް ކުރަމުންނެވެ. އެގޮތުން ޕާޓީ ބަދަލުކުރުމާއި އެހެން ޕާޓީތަކާއި ގުޅޭތަން އަންނަނީ ފެންނަމުންނެވެ.

ރިޔާސީ އިންތިޚާބަށް ފަހު، އެންޓި-ޑިފެކްޝަން ގާނޫނު އުވާލުމާއި ގުޅިގެން މަޖުލީހުގައި ތިބި ވަކިޕާޓީއަކަށް ނިސްބަތް ނުވާ ގިނަ މެންބަރުންތަކެއް ވަނީ ޖޭޕީއާއި ގުޅިފައެވެ. އަދި ޕީޕީއެމަށް ނިސްބަތްވި ބައެއް މެންބަރުން ވެސް ވަނީ ޖޭޕީއާއި ގުޅިފައެވެ.

އެމްޑީޕިއާއި ގުޅިފައި ވަނީ ދެ މެންބަރެކެވެ. އެއީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ ކަލޯ) އާއި ތިމަރަފުށީ ދާއިރާގެ މެންބަރު މުސްތަފާ އެވެ. އެމެންބަރުން އެމްޑީޕީއާއި ގުޅުނީ އެޕާޓީގެ ޕްރައިމަރީގައި ވާދަކޮށް، ޕާޓީ ޓިކެޓް ކާމިޔާބު ކޮށްގެން މަޖުލިސް އިންތިޚާބަށް ނުކުތުމަށް ކެރިގެން ކަމަށް މީޑިއާގައި ބުނެފައި ވެއެވެ.

ޖޭޕީއާއި ގުޅޭ މެންބަރުންނަށް ޕްރައިމަރީ އަކާއި ނުލައި މަޖުލީހަށް ވާދަކުރުމުގެ ފުރުސަތު އެޕާޓީން ދޭނެކަމުގެ ޔަގީންކަން އެ މެމްބަރުންނަށް ދެމުން އަންނަކަމަށް ބުނެ ސޯޝަލް މީޑިއާގައި އަޑުތައް ފެތުރިފައި ވެއެވެ.

ނަމަވެސް ޝާހުއަށް ޖޭޕީ ޓީކެޓް ދޭނެ ކަމަށް ހަމަޖެހިފައިވާކަން އަދި ހާމަކޮށްފައެއް ނެތެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !