މިއަދާއި މާދަމާ ވެސް ފުވައްމުލައް ސިޓީއަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުން ދައްކައެވެ. މެޓް އޮފީހުން މިއަދު ހެނދުނު ފުވައްމުލަކާއި އައްޑޫ ހިސާބަށް “ޔެލޯ އެލާރޓް” ވެސް ނެރުނެވެ. ނަމަވެސް މިހާރު ޔެލޯ އެލާރޓްގެ ހާލަތެއް ނެތެވެ.
ދެކުނުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން، ގަޑިއަކު 7 މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މޫސުން ލަފާކުރެއެވެ.
ފުވައްމުުލައް ހިމެނޭ ސަރަހައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ. ކަނޑުގައި ރާޅު ހުންނާނެ ކަމަށް ބެލެވެނީ 2 ފޫޓާއި 5 ފޫޓާއި ދެމެދުގައެވެ.
މި ވިއްސާރައިގައި ދެކުނުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެއެވެ.
ވުމާއެކު ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މީޓީއޮލޮޖިކަލް ސެންޓަރުން އެދިވަޑަައިގަންނަވައެވެ.
އިއްޔެއްސުރެން ފުވައްމުލަައް ސީޓީއަށް ވެހެމުންދާ ވާރޭގައި ރަށުގެ ގިނަ މަގުތަކެއްގައި ވަނީ ފެންބޮޑުވެފައެވެ.
މިއަދު ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ނެރުނު ރަހުމަތްތެރިކަމުގެ އިރުޝާދު ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ އާއްމުންނާއި ހިއްސާކުރުމަށް ނެރެފައެވެ.
އެ އިރުޝާދުގައި ވާ ގޮތުން މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ބެލެވޭތީ ފެން ބޮޑުވެދާނެ ކަމަށް ސަމާލުވުމަށް އަންގާފައި ވެއެވެ.
އެގޮތުން ފެންބޮޑު ވެދާނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ފެން ނުވާންނާނެހެން ވެލިބަސްތާތައް ޖެހުމަށް ތައްޔާރުވުމަށާއި ފެންޖެހިގެން ހަލާކުވާ ސާމާނު ބިމުން މައްޗަށް ހިއްލައި ފެން ނުޖެހޭނެ ގޮތަކަށް ބެހެއްޓުމަށާއި ފުރާޅު އެއްލާލަފާނެ ހެން ހީވާނަމަ ކުރިޔާލާ ރައްކާތެރިކަމުގެ ފިޔަވަޅުު އެޅުމަށާއި، ގަދ ވަޔާ އެއްލާލަފާނެހެން ހީވާ ތަކެތި ވާޖަހައި ހައްޔަރު ކުރުމަށް އިރުޝާދު ދީފައި ވެއެވެ.
އަދި ކަނޑު ދަތުރު ކުރާ އިރު މޫސުމަށް ބެލުމަށާއި މޫސުމުގެ ސަބަބުން ދިމާ ވާ ހާދިސާތަކުގެ މައުލޫމާތު ކައުންސިލް މެދުވެރިކޮށް އެސެންޓަރަށް އެންގުމަށް ވެސް އިރުޝާދު ދީފައި ވެއެވެ.
މިހަފުތާގެ ކުރިޔަށް ހުރި ދުވަސްތަކުގެ މޫސުން ވެސް ދައްކަނީ ވަރަށް ވިއްސާރަކޮށެވެ. އަންނަ ހުކުރާއި ހަމަޔަށް ގުގުރައި ވާރޭ ވެހޭނެކަމަށް މޫސުން ދައްކައެވެ.
ޚިޔާލުތައް