ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ފުވައްމުލަކު އުތުރު ދާއިރާއިން ޕީޕީއެމް މެމްބަރަކު ނުނެރުމަށް ނިންމައިފިއެވެ. ޕީޕީއެމް އިން މިގޮތަށް ނިންމިކަން މީޑިއާތަކުން މިއަދު ރިޕޯޓްކުރަން ފަށާފައިވާ އިރު މިދިޔަ ބުދަ ދުވަހު ޕީޕީއެމް އިން ބޭއްވުމަށް ނިންމި ޕަރައިމަރީވެސް ވަނީ އެދުވަހު ކުއްލި ގޮތަކަށް ކެންސަލްކޮށްފައެވެ. ޕީޕީއެމް ޕީއެމްސީއިން މިދާއިރާއިން ކެންޑިޑޭޓަކު ނުނެރުމަށް ނިންމާފައިވާއިރު އެދެޕާޓީއިން ޖޭޕީގެ ކެންޑިޑޭޓް އަލީ ޝާހަށް ތާއީދު ކުރުމަށް ނިންމާފައިވާ ކަމަށްވެސް ވަގުތު އޮންލައިން އިން ރިޕޯޓްކުރެއެވެ.
ފުވައްމުލަކު އުތުރު ދާއިރާއިން ޕީޕީއެމް އިން ވަކި ކެންޑިޑޭޓަކު ނުނެރެފިނަމަ ޕާޓީތަކުގެ ޓިކެޓުގައި މިދާއިރާއިން ނިކުންނާނެ ކަމަށް ބެލެވެނީ 2 ކެންޑިޑޭޓުންނެވެ. އެއީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރަޝީދު (ދޮންބެ) އާއި ޖޭޕީގެ ފަރާތުން މިހާރުވެސް އެދާއިރާގެ މެމްބަރު އަލީ ޝާހެވެ.
ޕީޕީއެމް އާއި ޖޭޕީއާއި ދެމެދު ކުރިއަށްދިޔަ ސިއްރު ބައްދަލުވުން ތަކަކަށްފަހު ޕީޕީއެމް އިން ޓިކެޓް ދީފައިވާ ބައެއް ދާއިރާތަކުން ޓިކެޓް ދީފައިވާ ފަރާތްތަކަށް ދީފައިވާ ޓިކެޓް ބާތިލުކޮށް ވާދަނުކުރަން ނިންމާ އެކަން ކުރިން ޓިކެޓް ދީފައިވާ ފަރާތްތަކަށް އަންގަމުންދާ މީޑިއާތަކުން ހާމަކުރެއެވެ. އަދި ހަމައެއާއިއެކު ޖޭޕީއިން ވެސް ބައެއް ދާއިރާތަކުން ވާދަނުކުރުމަށް ނިންމަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.
އެގޮތުން، ޕީޕީއެމްއިން ފުވައްމުލަކު ދެކުނު ދާއިރާގެ ޓިކެޓް އަބްދުﷲ މަސީހު މުހައްމަދަށް ދިނުމަށްފަހު އެޕާޓީިގެ ފަރާތުން މަސީހު ނުނިކުތުމަށް ނިންމާ އެދާއިރާއިން ނިކުންނަ ޖޭޕީ ކެންޑިޑޭޓަށް ތާއީދު ކުރުމަށްވެސް ވަނީ ނިންމާފައެވެ.
ޕީޕީއެމް، ޕީއެންސީ އަދި ޖޭޕީ އިން މަޖިލިސް އިންތިޚާބުގައި ގުޅިގެން ނިކުންނަން ނިންމި ކަން ކަށަވަރުވި ނަމަވެސް އެއްވެސް ޕާޓީއަކުން ރަސްމީކޮށް ވަކި އެއްޗެއް ބުނެފައިއެއް ނުވެއެވެ.
ޚިޔާލުތައް