ޓެލެކޮމް ކޮމްޕެނީ އުރީދޫ އާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން މިއަހަރުގެ މާހިބުންގެ ދުވަސް (މާހެފުން) މާދަމާ ފުވައްމުލަކު ތުނޑީގައި ފަހަގަ ކުރުމަށް ތައްޔާރުވަމުން އެބަދެއެވެ. މާހިބުން ދުއްވުމުގެ ހަރަކާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހެނދުނު 8:00 އިން ހަވީރު 6:00 އަށެވެ.
އުރީދޫން އިސްނަގައިގެން ކުރިޔަށް ގެންދާ މިހަރަކާތުގައި ކުޑަކުދިންގެ ގުޑި (މަޑި) އެރުވުމާއި ފުޑް ފެސްޓިވަލެއްގެ އިތުރުން މޯލްޑިވިއަން އައިޑޮލް އިން މަޝްހޫރުކަން ހޯދި ޝަލަބީ ބައިވެރިވާނެކަމަށް މައުލޫމާތު ލިބެއެވެ. އަދި އުރީދޫގެ ޚާއްސަ ހަރަކާތްތަކެއް ހަވީރު 4:00 ގައި ފެށިގެން ދާނެ ކަމަށް ވެއެވެ.
މިފަހަކަށް އައިސް ކޮންމެ އަހަރަކުވެސް މާހިބުން ދުއްވުން ފުވައްމުލަކު ތުނޑީގައި ގިނަ ބަޔަކާއެކު އަންނަނީ ބާއްވަމުންނެވެ. އެގޮތުން މިފަހަރުވެސް ގިނަ އަދަދެއްގެ ބަޔަކު މިހަރަކާތުގައި ބައިވެރިވާނެ ކަމަށް ވެއެވެ. މިއީ ހުރިހާ އުމުރެއްގެ އާއިލާ މީހުންނާއި އެކުވެރިން އެއްވެ އުފާފާޅުކޮށް، މަޖާކޮށް ރޯދަމަހަށް މަރުހަބާ ކިޔުމުގެ ގޮތުން ކުރެވޭ ކަމެކެވެ.
މި މާހިބުން ދުއްވުމުގެ، އިޖުތިމާއީ މިއީދުގައި ވީހާވެސް ގިނަބަޔަކު ބައިވެރިވުމަށް އުރީދޫ އާއި ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ދައުވަތު އަރުވާފައެވެ.
މާހިބުން ދުއްވުމުގެ ގޮތުން ފުވައްމުލަކުގެ މީހުން އާއްމުކޮށް ކޮށްއުޅޭ ކަންތައްތަކަކީ ކާއެއްޗެހި ހިފައިގެން މޫދު ކައިރީ ތިބެ، ކެއުމާއި ކުޅުމާއި މަޖާ ކުރުމާއި މޫދަށް އެރުމުގެ ހަރަކާތެވެ. ރޯދަމަށް ހަނދު ބެލުމުގެ ހަރަކާތެއްގެ ގޮތުގައި ވެސް މިކަންތައްތައް ވަނީ ގުޅިފައެވެ.
ގިނަފަހަރަށް ހަނދު ފެނޭތޯ ބެލުމުގެ ކަންތައްތައް ކުރިޔަށް ދާނީ މާހިބުން ދުއްވުމުގެ ހަރަކާތްތައް ނިމޭ ހިސާބުން ނެވެ. އެއީ ޝައްވާލް މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމުންނެވެ. ޝައްވާލް މހުގެ 30 ދުވަސް އަންނަނަމަ އެއީ ދެ މާހިބުން ލިބޭ އަހަރެކެވެ. ނަމަވެސް ފަހު މާހިބުން ދުއްވުމަށްވުރެ ގިނަބަޔަކު އިންތިޒާރުކޮށް ބައިވެރިވަނީ ފުރަތަމަ މާހިބުމުގައެވެ.
ކުރީޒަމާނުގައި އެކިއަވަށުތަކުގެ މީހުން އެމީހުނާއި އެންމެ ކައިރި އަދި ފަސޭހަ ދިމާއަކުން މޫދު ކައިރީގައި ހިސާބުގަނޑު މީހުން އެއްވެގެން މާހިބުން ދުއްވި ކަމުގައިވިޔަސް މިފަހުން މިހަރަކާތް ބަދަލުވެފައި ވަނީ މުޅިރަށުގެ އެންމެން ހެން ރަށުގެ ހުޅަނގު އުތުރުން، ތުނޑިއަށް އެއްވެ މަޖާނަގާ ބޮޑު ދުވަހެއްގެ ގޮތުގައެވެ.
ޚިޔާލުތައް