ފުވައްމުލައް ސިޓީގައި ގާއިމުކޮށްފައިވާ ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް ފުވައްމުލައް ސިޓީ ކައުންސިލުން އާއްމުކޮށްފިއެވެ. މިފްލެތްތައް ހުރި ފުވައްމުލަކުގެ ދެސަރހައްދެއްގައެވެ. އެއީ ދަޑިމަގާއި ދިގުވާނޑު އަވަށު ސަރަހައްދުގައެވެ.
ދެ ކެޓަގަރީއަކަށް ބަހާލައިގެން ހުޅުވާލި ފުރުސަތުގައި އޭ ކެޓަގަރީއަށް ޝަރުތު ހަމަވި ފުވައްމުލަކުގެ ރައްޔިތުންގެ ތެރެއިން 138 މީހުން ކަމަށް ވަގުތީ ލިސްޓްގައި އިއުލާން ކުރިއެވެ. ނަމަވެސް ފައިނަލް ލިސްޓްގައި ވަނީ 137 މީހެކެވެ.
ބީ ކެޓަގަރީން ހުޅުވާލި 20 ފްލެޓަށް ޝަރުތު ހަމަވެފައި ވަނީ 15 ފަރާތެކެވެ. އެއީ ފުވައްމުލަކަށް ހިޖުރަކުރަން އެދޭ ފަރާތްތަކަށް ހުޅުވާލި ފުލެޓް ތަކެވެ.
ފްލެޓަށް އެދުނު ފަރާތަކަށް އެންމެ މަތިން ޕޮއިންޓް ލިބިފައި ވަނީ 44 ޕޮއިންޓެވެ. އަދި އެންމެ ދަށުން ލިބިފައިވަނީ 24 ޕޮއިންޓެވެ.
ފްލެޓް ލިބޭނެކަމަށް ދާއިމީ ލިސްޓގައި ވާ ބައެއް މީހުން ފްލެޓް ބަލައި ނުގެންފާނެކަމަށް ވެސް މައުލޫމާތު ލިބެއެވެ. މިކަލް ނޫހާއި ވާހަކަ ދެއްކި މީހަކު ބުނީ އަދި ފްލެޓް ގަބޫލުކުރާނީ އެތަން ރަނގަޅަށްް ބަލައި ހިތްހަމަ ޖެހޭފަދަ ތަނަކަށް ވާނަމަ ކަމަށެވެ. އަދި އެތަން ނުފެންނަނީސް، ނުބަލާ ފްލެޓާއި ހަވާލުވުމަީ ބުއްދިވެރި ގޮތެއް ނޫން ކަމަށެވެ.
ނަމަވެސް ފްލެޓް ލިބޭ ފަރާތްތަކަށް ފްލެޓްތައް ދައްކާލުމުގެ ކަމެއް ހަމަޖެހިފައިވާކަން އަދި އެނގޭކަށް ނެތެވެ. މިބުރުގައި ފްލެޓަށް އެދިފައިވާ ފަރާތްތކުގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށްް ވެސް ފްލެޓް ލިބޭނެކަމަށް ވެއެވެ. އަދި ބާކީ ހުރި ފްލެޓްތައް ދޫކުރުމަށް ވަރަށް އަވަހަށް އިއުޅާން ކުރާނެ ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.
ދެލިސްޓގައިވާ 152 މީހުންނަށް ފްލެޓް ދިނުމަށްފަހު ވެސް 42 ފްލެތް ބާކީ ހުންނާނެއެވެ.
ފްލެޓްގައި މިހާރު ކުރަމުން އަންނަ މަސައްކަތަކީ ނަރުދަމާ ނިޒާމާއި ގުޅުވާލުމުގެ މަސައްކަތެވެ.
މިއީ 2008 ގައި އުފެދުނުު އެމްޑީޕީ ސަރުކާރުގައި ފުވައްމުލަކުގައި އަޅަން ނިންމި ފްލެޓްތަކުގެ ތެރެއިން 200 ފްލެޓެވެ. ފުވައްމުލަކުގައި އެޅުމަށް އޭރު ކަނދައެލީ ބައެއް ފްލެޓްތައް ވަނީ ހުޅުމާލެއަށް ބަދަލުކޮށްފައެވެ. މިފްލެޓްތަކުގެ މަސައްކަތް ނިންމީ ކުރީގެ ޕީޕީއެމް ސަރުކާރުގައެވެ.
ދާއިމީ ލިސްޓްގައިވާ ފަރާތްތަކަށް ފްލެޓް ޙަވާލުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުގެ އިދާރާއިން ކުރަމުން ގެންދާ ކަމަށް އެ ކައުންސިލުން ހާމަކުރެއެވެ. ފްލެޓާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފު ކުރެއްވުމަށް ނަންބަރު 6862842 ފޯނަށް ގުޅުއްވުމަށް ސިޓީ ކައުންސިލުން އެދިފައި ވެއެވެ.

ފުވައްމުލަކުގައި ދެބުރިއަށް ގާއިމުކުރެވިފައި ހައުސިން ޔުނިޓްތައް ބޭރުން ބައްލަވާލައްވަނީ
އެމްޑީޕީގެ އާ ސަރުކާރުން ވަނީ ފުވައްމުލައް ސިޓީގައި އިތުރު 800 ފްލެޓާއި ގޯތީގައި ގެ އިމާރާތް ކޮށްދިނުމުގެ މަޝްރޫއެއް އިއުލާން ކޮށްފައެވެ.
ޚިޔާލުތައް