ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ރަސްމީކޮށް ފެށުމުގެ ގޮތުން އެމްޑީޕީއިން މިއަދު މުޅިރާއްޖޭގައި ކެމްޕޭން ޕޯސްޓަރު ހިއްޕުމުގެ ހަރަކާތެއް އެއްފަހަރާ ކުރިޔަށް ގެންގޮސްފިއެވެ.
މާލެއާއި މުޅިރާއްޖޭގައި އެއްވަގުތެއްގައި ފެށި މިހަރަކާތަށް އެމްޑީީގެ ގިނަ ބަޔަކު ނުކުމެފައިވެއެވެ. ފުވައްމުލައް ސިޓީގައި މިހަރަކާތުގެ ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މެދުދާއިރާގެ އެމްޑީޕީ ހަރުގޭގައެވެ. މި ހަރަކާތުގައި ރައްޔިތުންގެ މަޖުލިސް ތަމްސީލު ކުރައްވާ ފުވައްމުލައް ސިޓީގެ 3 މެމްބަރުން އިސްވެ ބައިވެރިވެ ވަޑައިގަތެވެ.
މާލޭގައި މިހަރަކާތް ފަށްޓަވާދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި އެމްޑީޕީގެ ރައީސް ނަޝީދެވެ. ރައީސް ސޯލިހު ވިދާޅުވީ “އަޅުގަނޑުމެންގެ އަމާޒަކީ، މަގްޞަދަކީ ކުރިއަށް މިއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރުން” ކަމަށެވެ. ލޯކަލް ކައުންސިލްތައް އެމްޑީޕީއަށް މުހިއްމުވާ އެންމެބޮޑު ސަބަބަކީ، “މިހާރު ލާމަރުކަޒީ ނިޒާމު ގާއިމުކުރެވި، ކައުންސިލްތަކަށް ލިބިދީފައިހުރި ބާރުތަކާއި ގުޅިގެން ސަރުކާރުން ހިންގަންޖެހޭ މަޝްރޫއުތައް ހިންގުމުގައި ކައުންސިލްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށްބޮޑަށް ބޭނުން” ވާތީ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.
ވުމާއެކު ކުރިއަށްއޮތް އިންތިހާބުގައި ސަރުކާރުގެ އެޖެންޑާ ތަންފީޒު ކުރާނެ ބަޔަކު ކައުންސިލްތަކުގައި ތިބުމަކީ ވަރަށް މުހިއްމުކަމެއް ކަމަށާއި، އެމްޑީޕީގެ ކެންޑިޑޭޓުން މިކަމަށް ބަރާބަރަށް ތައްޔާރުވެ ތިބި ކަމަށް ވުމުން، މިސަރުކާރަށް ތާއީދު ކުރައްވާ، އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުންގެ އަރިހުން ރައީސް ސޯލިހު އެދިވަޑައިގަތެވެ.
ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު އެބަދަލުތައް ތަންފީޒު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެގޮތުން އެޖެންޑާ 19 އެކުލަވާލައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އެމްޑީޕީގެ ފަރާތުން ވަނީ އެކަމަށް ވައުދު ވެފައެވެ. ގާނޫނަށް މިހާރު މިވަނީ އެބަދަލުތައް ގެނެވިފައި ކަމަށާއި އަދި ވަކިން ހާއްސަ ގޮތެއްގައި ކައުންސިލްތަކަށް ދެވުނު ބޮޑު ބަޖެޓާއި އެކުގައި ކައުންސިލްތަކުގެ މަސައްކަތްތައް ހިނގަމުންދާގޮތް ވަރަށް ބޮޑުތަނުން ތަފާތުވާނެ ކަމަށް ވިދާޅުވިއެވެ. އެތަފާތާއި އެކުގައި މަސައްކަތް ކުރާނެ ކައުންސިލްތަކެއް މުޅި ރާއްޖެއިން އިންތިހާބު ކުރުމުގެ މަސައްކަތުގައި ރައީސޯލިޙާއި އަދި ރައީސް ނަޝީދުގެ އިތުރުން އެމްޑީޕީގެ އެންމެން އުޅުމުންދާކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ހިންގާންހުރި މަޝްރޫއުތައް ހިންގުމުގައި، ސަރުކާރުން އެމަޝްރޫއުތައް އެކުލަވާލިއިރު، ގެންގުޅުނު ވިސްނުން ތަންފީޒުކުރާ ކައުންސިލަތަކެއް އައުމުގެ މުހިންމުކަން ބޮޑު ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
މިއިވެންޓްގައި އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަށާނީ ވެސް 60 ޕަސެންޓް ގޮނޑިއާ އެކުކަމަށެވެ.
ޕާޓީގެ އިސްފަރާތްތކުގެ އުއްމީދުތައް މިހިސާބުގައި ހުރިއިރު ފުވައްމުލައް ސިޓީއިން އެމްޑީޕީއަށް މިއިންތިޚާބުގައި %70 އަށްވުރެ މަތިން ލިބޭނެ ކަމަށް ޕާޓީގެ ސަޕޯރޓަރުން ބުނެއެވެ. ފުވައްމުލައް ސިޓީގެ 6 ގޮނޑީގެ ތެރެއިން 2 ގޮނޑި ފަހަރެއްގައި ގެއްލިދާނެކަމަށް މިކަލް ނޫހާއި ވާހަކަ ދެއްކި ސަޕޯޓަރުން ބުނެއެވެ.
ޚިޔާލުތައް