ވެރިކަމުން ކުރަމުންދާ އެމްޑީޕީ އިއްތިހާދުގައި ހިމެނޭ ކޯލިޝަން ޕާޓުނަރުންގެ ފަރާތުން ސަރުކާރުންވެފައިވާ ވައުދުތައް ފުއްދުމަށް އެކަށީގެންވާ އެއްބާރުލުން ލިބެމުންދާތަން ނުފެންނަކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ. ހުސެއިން މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާ ވަނީ ސީއެންއެމް ފަސް ކާފު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. “އަސްލު ހަގީގަތުގައި ހެޔޮ ނިޔަތެއްގައި މުޅި އަކުން ސަރުކާރު ހިންގާ މުޅި މި ފަސް އަހަރު ޕާރފޯމް ކުރުމުގެ ވިސްނުން ހުރި ތަނެއް ނުފެނޭ” މެމްބަރު ހުސެއިން ވިދާޅުވިއެވެ.
“އޭގެ ހެއްކެއް އަޅުގަނޑުމެންނަށް މަޖިލިސް ތެރެއިން ސަރުކާރުން މި ހުށަހަޅާ ބިލްތަކައް ކޯލިޝަން ސަރުކާރު ހިންގުމަށް ކުރަންޖެހޭ ކަންކަމަށް އެ ބޭފުޅުންގެ ފަރާތުން މަޖިލިސް ތެރެއިން އެއްބާރުލުން ނުލިބޭ. އާންމު ގޮތެއްގައި ވޯޓްގައި ބައިވެރިނުވާނެ އެހެން ނޫނީ ވޯޓް އިދިކޮޅަށް ދޭނީ . ޖޭޕީގެ ލީޑަރު މުޅިން ގޮތަކަށް ފެންނަނީ ހުށަހަޅާ ބިލްތަކާއި އިދިކޮޅަށް ނޫނީ ވޯޓް ނުދެއްވާ ނޫނީ ވޯޓް ގައި ބައިވެރިނުވާ މަންޒަރު” ހުސެއިން ވިދާޅުވިއެވެ.
ކޯލިޝަން ޕާޓުނަރުން އެގޮތަށް މަސައްކަތް ކުރަމުންގެންދަނީ ރައްޔިތުން އެމްޑީޕީއަށް ކުރަމުން އަންނަ ތާއީދު ގެއްލުވާލަން ކަމަށްވެސް ހުސެއިން ތުހުމަތު ކުރެއްވިއެވެ. ކޯލިޝަން ޕާޓުނަރުން އެގޮތަށް މަސައްކަތް ކުރައްވާ ސަބަބެއް ކަމަށް ހުސެއިން ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތައް އޭގެ ގޮތުގައި ކުރިއަށް ގެންގޮސްފިނަމަ، 2023 ގެ އިންތިޚާބު ކާމިޔާބު ކުރުމަށް ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކައް ބޮޑު ޗެލެންޖަކަށް ވާނެތީއެވެ. “މި 5 އަހަރުތެރޭގައި އެމްޑީޕީން ކަންތައް ރަނގަޅަށް ގެންގޮސްފިއްޔާމު އެމީހުންނަށް ޗެލެންޖަސްތަކާއި ދިމާވާނެ” ހުސެއިން ވިދާޅުވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށްފަހު ކޯލިޝަން ރޫޅާލާނެކަމަށް އެކި މޭރުމުން އެމްޑީޕީގެ އެކިއެކި މެންބަރުން ދަނީ ވާހަކަދައްކަވަމުންނެވެ. އެގޮތުން، އެމްޑީޕީގެ މަޖިލިސް މެންބަރު ދޮންބިލެތް އަހުމަދު ހަލީމު ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބަށްފަހު ކޯލިޝަން މޫނުއަޅާނެ ކަމަށެވެ.
ޚިޔާލުތައް
ރައީސް އަރިހުގައި ދައްނަވާ ތިބުނާ ކޯލިޝަންގައި ބާރައް ބާރައް ބަގުޑި ބައްދާށޭ.