ފުވައްމުލައް ސީޓީ އިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ 2 ވަނަ މީހެއްގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމަށް މާލޭ ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ. އެމީހާގެ ގައިން ސާމްޕަލް ނަގާފައި ވަނީ އިއްޔެ، އެޕްރީލް މަހު 26، 2020 ވަނަ ދުވަހުގެ ރެއެވެ.
މިއީ ފުވައްމުލަކު ހޮސްޕިޓަލުގައި ފަރާތުން ކޮވިޑް-19 އަަށް ޝައްކު ކުރެވޭ ސާމްޕަލް ނެގި 3 ވަނަ ފަހަރެވެ. މީގެ މިމަހު 21 ވަނަ ދުވަހު ވެސް ވަނީ ކޯވިޑް-19 އަށް ޝައްކު ކުރެވޭ މީހެއްގެ ސާމްޕަލް ނަގައި ޓެސްޓްކޮށްފައެވެ. އެމީހަގެ ނަތީޖާ ވަނީ ނެގަޓިވް ވެފައެވެ.
މިހާތަނަށް ފުވައްމުލަކުން އެއްވެސް މީހަކު މިބައްޔަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ. ނަމަވެސް އެންމެ ފުރަތަމަ ފުވައްމުލަކު ހޮސްޕިޓަލުން ސާމަޕަލް ނެގި ފުވައްމުލަކު ބޭރުގައި އޮތް އައިލެންޑް ސަފާރީ 1 ގައި ތިބި 2 ފަތުރުވެރިން ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.
މީގެ ދެތިން ދުވަސް ކުރިން މާލެ ސިޓީއިން ފުރައިގެން ފުވައްމުލަކަށް އައި މުދާއުފުލާ، އުޖާލާ ބޯޓުގެ ފަޅުވެރިންނާއި ދަތުރުވެރިން، ކޮވިޑް-19 އާއި ގުޅިގެން ވަނީ 14 ދުވަހަށް އެކަހެރިކޮށްފައެވެ. އެ ބޯޓުގެ 8 ފަޅުވެރިން އެކަހެރި ކޮށްފައި ވަނީ ބޯޓުގައެވެ.
އެބޯޓުން މުދާހިފައިގެން ރަށުން މާލެއަށް އައި މާލެއިން ރަށަށް ދަތުރުކުރާ 6 ދަތުރުވެރިން އެކަހެރިކޮށްފައި ވަނީ ވޭލި ރެސިޑެންސް ގެސްޓް ހައުސްގައެވެ. އެކަހެރި ކުރުން ނުވަތަ އައިސޮލޭޝަން ގެ މުއްދަތުގައި މި ފަރާތްތަކުގެ ހުރިހާ ހަރަދުތަކެއް ވެސް ބަލަހައްޓާނީ ފުވައްމުލައް ސިޓީ ކައުންސިލުންކަމަށް އެކައުންސިލުން ހާމަކުރެއެވެ.
މި ގޮތަށް އެކަހެރި ކުރުމާއި މެދު ފުވައްމުލަކުގެ ބައެއް ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރެއެވެ. އެއީ ރަށަށް މުދާ އުފުލަން ޖުމްލަ 3 ބޯޓު އޮންނައިރު 3 ބޯޓުގެ ދަތުރުތައް ވެސް ހުއްޓި، ރައްޔިތުންނަށް ބޭނުންވާ މުދާ ރަށުން ލިބުމުގައި ދަތިވެގެން ހިގަައިދާނެތީއެވެ. އުޖާލާ ބޯޓުވެސް ފުވައްމުލަކަށް ދަތުރކުރީ ކަމާއި ގުޅޭ އިދާރާތަކުން ހުއްދަ ހޯދައިގެން ކަމަށްވެއެވެ. އަދި ބޯޓުގެ ފަޅުވެރިންނަށް މާލެ ތެރެއަށް ފައިބައިގެން ދިއުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ބެލެވޭ ހިނދު އަދި ބައްޔާއި ގުޅުން ހުރި ބަޔަކާއި ބައްދަލުވިކަމަށް އެގެން ނެތުމާއި ބައްޔަށް ޝައކުކުރެވޭ އެއްވެސް އަލާމާތެއް ނެތުމާއެކު އެއީ ބައްޔަށް ޝައްކުވާ ބައެއް ކަމުގައި ބެލެން ނެތުމުންނެވެ.
ޚިޔާލުތައް