A wide advertisement which will be shown on all devices. (700 x 100)

މުދާ އުފުލާ ދެ ބޯޓު ‘މޮނިޓަރިން’އަށް ލީ ކީއްވެގެން ބާ؟

އުޖާބޯޓާއި ނިރުވާނާ ބޯޓު މާލެއިން ފުވައްލަކަށް އައުމުން 14 ދުވަހަށް ‘މޮނިޓަރިން’ އަށް ލުމުން އެކަމާ އެކިފަރާތްތަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ. ފުވައްމުލައް ސިޓީއާއި މާލެއާއި ދެމެދު ދަތުރުކުރާ މިދެބޯޓުގައި ވެސް ދިވެހިންނާއި ބިދޭސީ ފަޅުވެރިންގެެ ގޮތުގައި އާއި ދަތުރުވެރިންގެ ގޮތުގައި މުދާ ގެންދިއުމަށް ދެކޮޅަށް ދަތުރުކުރެއެވެ. ނަމަވެސް އެންމެ ފަހު ދަތުރުގައި ދަތުރުވެރިން ހިމެނޭކަމަކަށް ނުވެއެވެ.

ފުވައްމުލަކަށް މުދާ އުފުލުމަށް ދަތުރުކުރާ މި ދެބޯޓު މާލެއިން އައުމާއެކު ސިޓީ ކައުންސިލުން ވަނީ މޮނިޓަރިން ޙާލަތަށް ގެނެސް ބޯޑުގައި ނޯޓިސް ހަރުކޮށްފައެވެ. އެއާއެކު އާއްމު މީހުން އަންނަނީ ސޯޝަލް މީޑިއާގައި ސިޓީ ކައުންސިލްގެ ނިންމުމަށް ފާޑުކިޔަން ފަށާފައެވެ. އެއްބަޔަކު ބުނަމުން ދަނީ ފުވައްމުލަކުސިޓީީ ކައުންސިލަކީ އެލްޖީއޭ އާއި އެޗްޕީއޭއަށް ވުރެވެސް މަތީ ބައެއް ކަމަށެވެ.

އާއްމުންގެ ފާޑުކިޔުން އަމާޒުވި އެއްސަބަބަކީ މިހަފުތާގައި ވަނީ ކޮވޑްި-19 ނުފެންނަ ރަށްތަކުގެ ބަންދުގެ ހާލަތު ވަރަށް ބޮޑަށް ލުއިކޮށް، ދިރިއުޅުން މުޅިންހެން އާއްމު ހާލަތަކަށް ބަދަލުކުރެވިފައި ވާތީއެވެ. ވުމާއެކު ކޮވިޑް-19 ނެތް ރަށަަކަށް، ކޮވިޑް-19 އަށް ހުށަހެޅިފައި ނުވާބަޔަކު އަރާ ފޭބުމަަކީ މައްސަލައެއް ނޫން ކަމަށް ދެކޭތީ ކަމަށް ބެލެވެއެވެ. ނަމަަވެސް ކޮވިޑް-19 އޮތްކަން ނޭނގޭ ރަށްރަށުން ވެސް އެއްރަށުން އަނެއް ރަށަށް އާއްމު ދަތުރުފަތުރު ކޮށް އުޅުން އަދިވެސް އޮތީ ބަނދުކުރެވިފައި ކަން ހަނދާން ކުރަން ޖެހެއެވެ.

އެލްޖީއޭއިން ކައުންސިލްތަކަށް ކުރިން ފޮނުވި ސިޓީގެ ބައެއް

އެގޮތުން އެލަޖީއޭއިން މިއަދު އަލުން ނެރުނު ސިޓީއެއްގެ 1 ސަފުހާ ސޯޝަލް މިޑީއާގައި ހިއްސާކޮށްފައި ވެއެވެ. މޭޔަރުންނާއި ކައުންސިލް ރައީސުންނަށް އެޑްރެސް ކޮށްފައިވާ އެސިޓގައިި ވާގޮތުން ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެެއް އޮތް ތަނަކުން އަންނަ މީހުން 14 ދުވަހަށް ކަރަންޓީން ކުރަން ޖެހޭކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުރިން އަންގާފައިވާ ކަމަށްްވެއެވެ.

އެސިޓީގައި އިތުރަށް ބުނެފައިވަނީ “މުދާ ބަލައި ކުރާ ދަތުރުތަކުގައި، ބޯޓުން މީހަކު ފޭބުމެއްނެތި ނުވަތަ ބޯޓަށް މީހަކު އެރުމެއް ނެތި، ބޯޓުން މުދާ އަރުވައި ބޭލޭނެ އިންތިޒާމު މާލެއިިންނާއި ރަށްރަށުން ހަމަޖެހިފައި ވާތީ، އުޅަނދުތަކުން ކުރާ އެފަދަ ދަތުރުތަކަށް ފަހު އުޅަނދުގެ ފަޅުވެރިން އެކަހެރިވާން ނުޖެހޭނެ ކަމަށް މިއޮތޯރިޓީގެ (އެލްޖީއޭގެ) 4 މެއި 2020 ގެ ސިޓީއިން އަންގާފައިވާނެ ކަމަށް” ބުނެފައި ވެއެވެ.

އަދި އެޗްޕީއޭގެ އުސޫލާއި ގުޅިގެން މިކަމަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށް އެޗްޕީއޭއިން އެލްޖީއޭއަށް އަންގަވާފައިވާ ކަމަށް ވެސް އެލްޖީއޭގެ ސިޓީގައި ވެއެވެ.

އެގޮތުންބަލައި، މުދާ އުފުލާ އުޅަނދުފަހަރުން މީހަކު ރަށަށް އަރައި ފައިބައި ހަދާފައި ނުވާނަމަ އެފަދަ މީހުން އެކަހެރިވާން ޖެހޭނެކަމަށް ނުފެންނަކަމުގައި ތަކުރާރުކޮށް ދަންނަވާ ކަމަށް އެލްޖީއޭގެ ސިޓީގައި ވެއެވެ.

އެލްޖީއޭއިން ކައުންސިލްތަކަށް މިއަދު ފޮނުވި ސިޓީގެ ބައެއްއެ

އެލްޖީއޭއަށް ފެންނަގޮތާއި (ނުވަތަ ލަފާދޭ ގޮތާއި) ސިޓީ ކައުންސިލުން ޚިލާފުވީ ބާވައެވެ؟ ނުވަތަ މީގައި އެހެން ކަމެއް އެބައޮތް ބާވައެވެ؟ ސިޓީ ކައުންސިލަކީ ވެސް ގާނޫނީ ގޮތުން އުފެދިފައިވާ ޝަޚްސެކެވެ. ރަށްތަކާއި އަތޮޅުތައް އަދި ސިޓީތައް ހިންގުމުގައި އަމިލައަށް ގޮތް ނިންމުމުގެ ބާރު ލިބިގެންވާ ޝަޚުސެެކެވެ.

އިތުބާރުހުރި ފަރާތަކުން މިކަލްނޫހަށް މައުލޫމާތު ދިންގޮތުގައި އުޖާލާ ބޯޓާއި ނިރުވާނާ ބޯޓުން މާލެ ދިޔަ ބައެއް ބިދޭސީ ފަޅުވެރިން މާލެ ފައިބާ ފިހާރަތަކުން މުދާ ބޯޓަށް ގެނެސްފައިވާ ކަމުގެ މައުލޫމާތު ސިޓީ ކައުންސިލަށް ލިބިފައިވާކަމަށް ވެއެވެ. އެއީ ރަސްމީ މައުލޫމާތަކަށް ނުވިޔަސް މިކަމުގައި ޝައްކުއުފެދޭ ކަންތަކެއް މެދުވެރިވުމުން ސިޓީ ކައުންސިލްގެ ނިންމުމަކީ އެ ދެ ބޯޓުވެސް “މޮނިޓަރިން” ގައި 14 ދުވަހަށް ބޭއްވުމެވެ.

ސުވާލަކީ ސިޓީ ކައުންސިލުން އެސަބަބު ހާމަނުކޮށްގެން އުޅެނީ ކީއްވެގެން ބާވައެވެ؟

ސިޓީ ކައުންސިލުން ނިރުވާނާ ބޯޓު މޮނިޓަރިން އަށް ގެނައުމަށް ނެރުނު ނޯޓިސް’

އެހެން ނަޒަރަކުން ބަލާއިރު އެލްޖީއޭގެ އުސޫލުގައި ބުނެފައިވަނީ އެއްވެސް ފަޅުވެރިއަކު ބޯޓުން ފައިބައިގެން ނުވާނެ ކަމަށެއެވެ. ވުމާއެކު ރަށު ބަަނދަރަށް ދިޔަޔަސް އަދި މާލޭ ބަނދަރަށް ދިޔަޔަސް ސިޓީ ކައުންސިލްގެ ނިންމުމަކީ މިދުވަސްވަރު އެމީހުން ތިބެންވާނީ ބޯޓުގައި ކަމަށް ބެލެވެއެވެ. އެގޮތުން މާލެއިން ރަށަށް އައި ދެ ބޯޓުގެ ފަޅުވެރިން ވެސް އެއްވެސް ރަށަކަށް އަރާ ފޭބުން އެވަނީ މަނާ ކުރެވިފައި ކަމަށް ސިޓީ ކައުންސިލުގެ ނިންމުމުން ދޭހަވެއެވެ.

ސިޓީ ކައުންސިލުން ބޭނުންކޮށް ފައިވާ ބަސް “މޮނިޓަރިން” އަކީ އެލްޖީއޭގެ ސިޓީގައި ބުނާ އެކަހެރި ކުރުންތޯ ވެސް ސުވާލު އުފެދެއެވެ. އެކަހެރިކުރުން އެޗްޕީއޭއީން މާނަކުރަމުން އައީ ބަލިޖެހިފައިވާ މީހުން އައިސޮލޭޓް ކުރާ ކުރުމަށެވެ. އަނެއްކޮޅުން ‘މޮނިޓަރިން އަކީ ސަމްޕަލް ނެގުން ފަދަ ކަންކަމަށް ވަގުުތީ ގޮތުން ރަށެއް ނޫނީ ތަނެއް، އުޅަނދެއް ބަންދުކުރާ ކުރާކުރުމަށް އެޗްޕީއޭއިން ބޭނުންކުރާ ބަހެވެ. 14 ދުވަހަކީ ބަލި ޖެހިފައިވާ ތަނަކުން އައުމާއި، ބަލީގެ ކޮންޓެކްޓަކަށް ވެގެން އެޗްޕީއޭއިން މީހުން ކަރަންޓީނު ކުރާ މުއްދަތެވެ. ވުމާއެކު ބަސްތައް ބޭނުން ކުރުމުގައި އެކިފަރާތުން އެކި މާނާގައި ބޭނުންކުރާ ކަން ހާމަވެއެވެ. ސިޓީ ކައުންސިލުން  ‘މޮނޓަރިން ހާލަތުގައި’ ކަމަށް މާނަ ކުރަނީ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތްކަން” ހާމަކުރުމުގެ ގޮތުން ކަމަށް ބެލެވެއެވެ.

ސިޓީ ކައުންސިލުން އުޖާލާ ބޯޓު ދެވަނަ ފަހަރަށް މޮނިޓަރިން އަށް ލުމަށް ނެރުނު ‘މޮނިޓަރިންގެ ނޯޓިސް’

ބޯޓުން ރަށަށް ދަތުރުކުރާ މީހުންގެ އެންމެހައި ކަންތައްތައް ބަލަހައްޓަން ސިޓީ ކައުންސިލް ޒިންމާވާގޮތަށް އެޗްޕީއޭއީންނާއި އެލްޖީއޭއިން އެންގި އެންގުން އަދިވެސް ދެމި އެބައޮތެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !