ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާ ނިޒާމު ފެނަކަ ކޯޕަރޭޝަނާއި ހަވާލުވީ 13 ސެޕްޓެމްބަރު 2018 ގައި ރައީސް ޔާމިންގެ ސަރުކާރުގެ ދުވަސްވަރުގައެވެ. އެޕްރޮޖެކްޓްގެ މަސައްކަތް ރަށުގައި ކުރަމުން ދިޔަ ދުވަސްވަރު ރަށުގެ އާއްމުންގެ މީހުންވެސް މަސައްކަތުގެ ފަރުވާކުޑަކަމާއި ދޯހަޅިކަމުގެ ވާހަކަ ދައްކަމުން ގޮސްފައި ވެއެވެ. އޭރު ފެނަކައިގެ، މެނޭޖުމެންޓުން ނަރުދަމާ ނިޒާމާއި ހަވާލުވިއިރު ކަނޑައެޅިފައިވާ ގިނަ މަސައްކަތް ތަކެއް ހުރީ ނުނިމިއެވެ. އަދި އެއާއެކު އެންމެ އިސްކަމެއް ދީގެން ކުރެވިފައި ވަނީ ނަރުދަމާ ނިޒާމުގައި ނުނިމި ހުރި މަސައްކަތްތައް އަވަހަށް ނިންމައި ޓެސްޓް ކުރުމަށެވެ. އެގޮތުން ޕްރޮޖެކްޓްގެ ޑިފެކްޓް ލައިބިލިޓީ މުއްދަތު ސެޕްޓެމްބަރު 2019 ގައި ހަމަވިއިރު ވެސް ނިންމަޖެހޭ ގިނަ މަސައްކަތްތަކެއް ނިމިފައެއް ނުވެއެވެ.
ޑިފެކްޓް ލައިބިލިޓީގެ މުއްދަތު ހަމަވެ ކޮންޓްރެކްޓަރު ފުވައްމުލަކުން ފުރައިގެން ދިޔައިރުވެސް ފުވައްމުލަކުގެ ގިނަ ގެތަކަށް ނަރުދަމާގެ ހޮޅި މައި ސިސްޓަމާއި ގުޅިފައެއް ނުވެއެވެ. ފުވައްމުލަކުގައި ނަރުދަމާގެ ކަނެކްޝަން ގާއިމުކުރަންޖެހެ 2400 އެއްހާ ގޭގެ ތެރެއިން ސިސްޓަމާއި މިހާތަނަށް ވެސް ގުޅާފައި ވަނީ 1500 އެއްހާ ގެއެކެވެ. ޕްރޮޖެކްޓްގެ ކޮންސަލްޓެންޓް ރިޔަން އާއި ސިސްޓަމް ޑިވެލޮޕަރ ޖަރުމަނުގެ ކުންފުނި- ރޯޑިގާރ އިން އިރުޝާދު ދީފައިވަނީ ސިސްޓަމަށް ވީހާވެސް ގިނަގެތަކެއް ގުޅައިގެން ޓެސްޓް ކުރުމަށެވެ. އެގޮތުން ފެނަކައިން އޭރުވެސް މަސައްކަތް ކުރީ ވީހާވެސް އަވަހަކަށް ގޭގެއަށް ގުޅައިގެން ސިސްޓަމް ޗެކް ކުރެވޭތޯ އެވެ. ނަމަވެސް އެމުއްދަތު ނިމިގެން ދިޔައިރުވެސް ހުރިހާ ގެއަކަށް ނުގުޅި މުޅި ސިސްޓަމް ޗެކު ކުރެވޭގޮތް ވަނީ ނުވެފައެވެ.

ފުވައްމުލައް ސިޓީގެ ނަރުދަމާގެ މައްސަލައަށް މަޝަވަރާ ކުރުން 2019 އޮކްޓޯބަރ 28
މައްސަލަ ހައްލުކުރެވޭނީ ސިސްޓަމް ޓެސްޓްކުރެވި މައްސަލަތައް އެނގިގެން
ނަރުދަމާގެ ސިސްޓަމުގައި ހުރި މައްސަލަތައް ފުރިހަމައަށް އެގެނީ ކަނެކްޝަންތައް ގާއިމުކުރެވި ސިސްޓަމް ޓެސްޓް ކުރެވިގެންކަން ކޮންސަލްޓެންޓް އާއި ސިސްޓަމް އުފެއްދި ރޯޑިގަރ ކުންފުނީގެ ލަފައިން ސާފުކޮށް އެނގެއެވެ. ކަނެކްޝަންތައް ހެދުމުގެ ކުރިން ހުރިހާ މައްސަލަތަކެއް ފާހަގައެއް ނުކުރެވޭނެއެވެ. އެއާއެކު ފެނަކައިން ނިންމީ މުޅި ސިސްޓމުގައި ހުރި މައްސަލަތައް ދެނެގަތުމުގެ މަސައްކަތް ކުރުމަށެވެ.
އެގޮތުން ފެނަކައިގެ އެމްޑީ އަހުމަދު ސައީދު މުހައްމަދުގެ އިސްނެންގެވުމާއެކު ސިސްޓަމް ޕްރޮވައިޑަރ ޖަރުމަނު ކުންފުނި ހިމެނޭ ގޮތުން ހުރިހާ ސްޓޭކް ހޯލްޑަރުންނާއި (ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، ފެނަކަ-ފުވައްމުލައް، ކޮންސަލްޓެންޓް ރިޔަން، ޖަރުމަނު ކުންފުނި – ރޯޑިގާރ، ތިމާވެއްޓާއި ބެހޭ މިނިސްޓްރީ، ފުވައްމުލަކު ސިޓީ ކައުންސިލް) އެކު ބައްދަލުވެ، 2019 ވަނަ އަހަރު އޮކްޓޯބަރު މަހު ފަހުކޮޅު ފުވައްމުލައް ސިޓީގެ ނަރުދަމާގެ މައްސަލަތައް ހައްލުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވި އެންމެން ގުޅިގެން އިންސްޕެކްޝަނެއް ހެދިފައި ވެއެވެ. އެގޮތުން ކުރެވުނު އިންސްޕެކްޝައިން ފާހަގަ ކުރެވިފައިވާ މުހިންމު މައްސަލަތައް ތަކަކީ:
- ހައުސް ކަނެކްޝަންތަކުން ލީކުވުން.
- މެއިން ހޮޅިލައިން ޗެމްބަރުތަކާއި ގުޅާފައިވާ ކަނެކްޝަނުން ލީކުވުން.
- ކެޗްޕިޓް ތަކުން ލީކުވުމާއި، ކެޗްޕިޓަށް ރަށުގައި ބޮޑުވާ ފެން އެޅުމާއި.
- މަގުމަތީގައި ހުރި ޖަންކްޝަންތަކަށް (ރަށުގެ ފެންގަނޑު ޖަންކްޝަން ތެރެއަށް) މަތިންނާއި އަޑިން ފެންއެޅި އޯވަރ ފްލޯވުމާއި ބޭރަށް ލީކުވުން.
- ގޭގޭގެ ޖަންކްޝަންތައް ގުޅާފައި ހުރިގޮތުން ދިމާވާ މައްސަލަތަކާއި މަގުމައްޗަށް ނަޖިސްފެން އޯވަރ ފްލޯވުން.
- މަގުމަތީގައި ހުންނަ ވެންޓް ޕައިޕް ތަކުން ގަލާއި އުނބުފަދަ ތަކެތި އެތެރެއަށް އެޅިފައި ވުން.
- ހޮޅިލައިން ކަނެކްޝަންތަކުގައި ގާބުރި އާއި ލަކުޑިބުރި ފަދަ ތަކެތި ތާށިވެފައި ހުރުން.
- ބައެއް ގެގޭގެ ދިޔަދޮވީގެ ފެން ނަރުދަމާ ނިޒާމުގެ ތެރެއަށް ދާގޮތަށް ހުރުން.
- ވެކިއުމް ސިސްޓަމުގެ ބައެއް ހިސާބުތަކުން ބާރު ބޮޑުވެގެންނާއި ފެން އެޅިގެން އޮޓޯމެޓިކް ކޮންޓްރޯލާ ހުއްޓުން.
- މައި 4 ލައިނުގެ ނިމޭކޮޅަށް ދާއިރު ވެކުއުމް ޕްރެޝާ ދަށްވުން.
މިކަންކަން މިގޮތަށް ދިމާވުމުގައި (9 އަދި 10. ފިޔަވައި) ފާހަގަ ކުރެވިފައި ވަނީ ޕްރޮޖެކްޓްގެ މަސައްކަތް ކުރުމުގައި ހުރި ފަރުވާކުޑަކަމެވެ. މި ސަބަބުތަކާ ހުރެ މުޅި ސިސްޓަމް އޮތީ ފަސޭހައިން ބޭނުންކުރެވޭ ހާލަތެއްގައެއް ނޫނެވެ. ވޯޓަރޕްރޫފް ވެކިއުމް ސިސްޓަމެއްގެ ބަދަލުގައި، ފުވައްމުލަކަށް ވެހޭ ފެނުގެ ބޮޑުބައެއް މިސިސްޓަމުގެ ތެރެއަށް ވަދެގެން ދާތީ ސިސްޓަމްގެ ވެކިއުމް ބަޔާއި ޕަމްޕްބަޔަށް ބާރުބޮޑުވެ ހުއްޓުމާއި ކުރިމަތިވެއެވެ. އަދި ޕަމްޕުތަކުގެ ރިޕެއާ މެއިންޓެނަންސް އަވަސްކުރަން ޖެހެއެވެ.

1. ފުވައްމުލަކަށް ވެހޭފެން ނަރުދަމާ ނިޒާމުގެ ތެރެއަށް 2. ނަރުދަމާއަށް މަގު ކޮނެ ގިނަ ދުވަސްތަކެއް ވަންދެން ބާއްވާފައިވޭ
ކޮންމެ ގޮތަކަށް ކަންވެފައި އޮތަސް މިހާލަތުގައި، ފެނަކައިން ދެކެނީ އެންމެ މުހިންމީ ފުވައްމުލަކުގެ ރައްޔިތުންނަށް މިނިޒާމުގެ ސަބަބުން ދިމާވެފައިވާ ދަތިތައް ހައްލުކޮށްދީ އަވަސް ގޮތެއްގައި މިކަމުން އަރައިގަތުން ކަމަށެވެ. އެގޮތުން މައްސަލައިގެ ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރިޔަށްދާއިރު ވަގުތީ ހައްލެއް ހޯދުމުގެ މަސައްކަތްތައް ވެސް ދަށި ކުރިއަށެވެ.
ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކަށް ބަލާއިރު މިއީ ކުރު މުއްދަތެއްގައި އެހާ ފަސޭހައިން ހައްލުކުރެވޭނެ ކަންކަމެއް ނޫނެވެ. ދާއިމީ ހައްލަކަށް ކުރަންޖެހޭ މަސައްކަތްތަކާއި ވަގުތީ ލުޔަކަށް ކުރަންޖެހޭ މަސައްކަތްތައް ފާހަގަ ކޮށްގެން މަސައްކަތްތައް ފަށާފައިވާ ކަމަށް ފެނަކައިން ހާމަކުރެއެވެ. މިކަމުގައި ފެނަކައިން ހުރިހާ ކަމެއް ވެސް ކުރަމުންދަނީ ކަމާއިގުޅޭ ސްޓޭކް ހޯލްޑަރުން (ސިސްޓަމް ޕްރޮވައިޑަރ ރޯޑިގަރ ކުންފުންޏާއި، ކޮންސަލްޓެންޓް ރިޔަން އާއި ފެނަކަ ކޯޕަރޭޝަނާއި އެންވަޔަމެންޓް މިނިސްޓްރީ)ގެ ލަފާއާއި އެކު ހުރިހާ ފަރާތްތަކުން އެއްބަސްވެފައިވާ ގޮތުގެ މަތިން ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކުރެއެވެ.
ރަށުތެރެއަށް ނަޖިސް ލީކުވާ މައްސަލައަށް ވަގުތީ ލުޔެއް ހޯދުން
މަގުމައްޗަށާއި ގެގޭގެ ފާޚާނާތަކަށް ނަޖިސް ލިކުވާ މައްސަލައަކީ ނުހަނު ކަންބޮޑުވުން އޮތް މައްސަލައެކެވެ. އެކަން ހައްލުކުރުމަށް، ނާއިބު ރައީސް ފައިސަލް ނަސީމާއި ފެނަކަ ކޯޕަރޭޝަން އަދި ފުވައްމުލަކު ސިޓީއިން އެކުގައި އަންނަނީ މަސައްކަތް ކުރަމުން ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކުރެއެވެ. ފުރިބަންޑުންވާ ޖަންކްޝަންތައް ފާހަގަކޮށް ހިއްކުމަށް ކޮންޓްކްޓް އުސޫލުން މީހުނާއި ސާމާނު ހޯދައި އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރުވެސް ކޮންޓްރެކްޓް އުސޫލުން މީހުނާއި 4 ޕިކަޕު ހޯދައި އަދި ސިޓީ ކައުންސިލުގެ 2 ޕިކާޕާއި މުވައްޒަފުން އެކުވެގެން ރަށުގެ އެކި ހިސާބުތަކުގައި ފުރިފައިވާ ޖަންކްޝަންތައް ހިއްކުމުގެ މަސައްކަތް 24 ގަޑިއިރު މެދުކެނޑުމެއްނެތި އަންނަނީ ކުރަމުންނެވެ. އަދި އެގޮތުން ހިއްކާ ނަޖިސްފެން ޕަމްޕު ސްޓޭޝަންތަކަށް ގެންގޮސް ކަނޑައެޅިފައިވާ ގޮތުގެ މަތީން ބޭރުކުރެވެއެވެ. މިހާރު ދުވަލަކު 70-80 އައި ދެމެދުގެ ޗެމްބަރު ތަކެއް ހިއްކުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އޭގެތެރެއިން ބައެއް ޗެމްބަރުތައް 2 ފަހަރު އަދި ބައެއް ޗެމްބަރުތައް ދުވަލަކު 3 ފަހަރުވެސް ހިއްކަން ޖެހެއެވެ.

ނަރުދަމާ ނިޒާމު ފުރިގެން ގެން ބޭރުވާތީ މަގުމަތީ މެއިން ޗެމްބަރތައް ހިއްކުމުގެ މަސައްކަތް 24 ގައޑިއިރު ކުރެވެމުންދޭ. ފޮޓޯ؛ ފެނަކަ-ފުވައްމުލައް
ފެނަކައިގެ އަމާޒަކީ ނަޖިސް ލީކުވުމުގެ ޝަކުވާތަކަށް ދުވަހުން ދުވަހަށް އެޓެންޑު ވުން ކަމަށެވެ. މިކަމުގައި ކުރިން ދިމާވި ދަތިތަކަށް ހައްލުހޯދުމުގެ ގޮތުން އިތުރު ލުއިތަކެއް މިވަނީ ހޯދިފައެވެ. އެގޮތުން އިހައްދުވަހު ވަނީ މާލެއިން 3000 ލިޓަރުގެ ބައުޒަރަކާއި 8 ޓަނުގެ ލޮރީ އަކާއިއެކު ޓޭންކްތައް ވަނީ ފުވައްމުލަކަށް ގެނެސްފައެވެ. އެއާއެކު ނަޖިސް ހިއްކުމުގެ މައްސަލަ އަވަސްކުރެވި އެކަމުގައި ރައްޔިތުންނަށް ދިމާވާ އުނދަގޫ ކުޑަކުރެވިގެން ދާނެކަމަށް ވެއެވެ. މީގެ އިތުރުން ވެސް މި މަސައްކަތަށް ކެޕޭސިޓީ އިތުރުކުމުގެ ގޮތުން އިތުރު 12000 ލިޓަރުގެ ބައުޒަރެއް ގެނައުމުގެ މަސައްކަތް ކުރެވެމުން ދާކަމަށް މައުލުމާތު ލިބިފައި ވެއެވެ.
ފާއިތުވެ މިދިޔަ ދުވަސްތަކަކީ ހުޅަނގުމޫސުމުގެ ވިއްސާރައާއެކު މުޅިރަށަށް ބޯކޮށް ވާރޭވެހި ގިނަ ޖަންޝަންތައް ފުރި ބަންޑުންވެ، ހިއްކުމަށް ގޮންޖެހުންތަކަކާއި ކުރިމަތިވި ދުވަސްވަރެކެވެ. އެާއެކު ފާއިތުވި ދުވަސްތަކުަގއި ދިމާވި ގޮންޖެހުންތައް ބޮޑުކަމަށް ވެއެވެ.
ޖަންކްޝަނަކުން ލިކުވާ ކަން ރިޕޯރޓު ކުރުމުން އެތަނަކަށް ޖަންކްޝަން ހިއްކާ ގްރޫޕެއް ފޮނުވައި ޕަމްޕުޖަހައިގެން އެޖަންކްޝަނެއް ނޫނީ ޗެމްބަރެއް ހިއްކަމުގުގެ އިންތިޒާމެއް ފެނަކަ-ފުވައްމުލަކުގައި ވާނީ ގާއިމުކުރުވިފައެވެ. މިއީ މިހާރު 24 ގަޑިއިރު ކުރެވެދުންދާ މަަސައްކަތެއް ކަމަށް ފެނަކައިން ހާމަކުރެއެވެ. ބައެއް ޖަންކްޝަންތަކަކީ އަލަށް ލީކުވާތަންތަން ކަމަށް ވުމުން، ލީކުވާ ހުރިހާ ޖަންކްޝަނެއް ހުރިތަނެއް ފެނަކައަށް ނޭނގި ހުރެދާނެ ކަމަށް ބެލެވެއެވެ.
ސިސްޓަމްގެ މައްސަލަތައް އެއްކޮށް ރަނގަޅު ކުރެވެންދެން މިހާރުވެސް ކުރިޔަށްގެންދެވޭ ގޮތަށް 24 ގަޑިއިރު މެދުކެނޑުމެއް ނެތި ޖަންޝަންތައް ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެކަމަށް ފެނަކައިގެ އިމްޖެންސީ ޓީމެއް އެކުލަވާލާފައިވާ ކަމަށް ހާމަކުރެއެވެ. މިހާރަށްވުރެ ފަސޭހައިން އިމަޖެންސީ ޓީމަށް މައްސަލަ ރިޕޯޓުކުރެވޭނެ އިންތިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރެވެމުން ކަމަށް ފެނަކައި ހާމަކުރެއެވެ.

ނަރުދަމާ ނިޒާމު ފުރިގެން ބޭރުވާތީ މަގުމަތީ ޖަންކްޝަންތައް ހިއްކުމުގެ މަސައްކަތް 24 ގައޑިއިރު ކުރެވެމުންދޭ. ފޮޓޯ؛ ފެނަކަ-ފުވައްމުލައް
ޚިޔާލުތައް