ސިސްޓަމްގެ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބެންދެން މިހާރު ކުރިޔަށްގެންދެވޭ ޖަންކްޝަންތައް ހިއްކުމުގެމަސައްކަތްތައް 24 ގަޑިއިރު މެދުކެނޑުމެއް ނެތި ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެކަމަށް ފެނަކައިގެ އިމަޖެންސީ ޓީމެއް އެކުލަވާލާފައިވާ ކަމަށާއި މިހާރަށްވުރެ ފަސޭހައިން ކަސްޓަމަރުންނަށް ޝަކުވާ ހުޅށަހެޅޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރިޔަށް ދާކަމަށް ހާމަކުރެއެވެ.
ދާއިމީ ހައްލަކަށް ކެޗްޕިޓްތައް ބަދަލުކުރުން
ކުރިން ބަހައްޓާފައިވާ ކެޗްޕިޓްތައް ބަދަލުކުރަން ނިންމީ އޭގައި ބޮޑެތި މައްސލަތަކެއް ހުރެގެން ނެވެ. އެގޮތުން އެކެޗްޕިޓްތައް އުފެއްދުމުގައި ވެސް ކޮލިޓީ ދަށްވެ ލީކޭޖް މައްސަލަ ހުރިކަމަށާއި ގޭގޭގެ ނަރުދަމާގެ ހޮޅި ގުޅަން ހުންނަ ކޮޅުތަކާއި ކެޕްގެ ދޭތެރެއިން ގަސްގަހުގެ މޫއެތެރެއަށް ވަދެގެން ހުޅުވިފައިވުމާއި ދޫވެފައިވާ ކޮޅުތަކުން އަދި އެނޫންވެސް ގޮތްގޮތުން ރަނގަޅަށް ސީލްނުވެ ހުރުމުންނެވެ. އެއާއެކު ކެޗްޕިޓްތަކުގެ ބައިތައް އުފެއްދުމުގައި ހުރި މައްސަލަތަކަކުން ސިސްޓަމް ވޯޓަރޕްރޫފް ކުރުމުގައި މައްސަލަތައް ޖެހޭކަން ފާހަގަވެފައި ވުމުން ސިސްޓަމް ޕްރޮވައިޑަރ ލަފާދީފައި ވަނީ ކުރީގެ ކެޗްޕިޓްތައް އެއްކޮށް ބަދަލުކުރަން ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކުރެއެވެ. މިވަގުތު މައްސަލަ ފެނިފައިނުވާ ކެޗްޕިޓްތައް ވެސް ބަދަލުކުރީ އެއިގެ ކޮލިޓީއާއި މެދު ސުވާލު އުފެދި ސިސްޓަމް ވޯޓަރޕުރޫފްވުމުގެ ޔަގީންކަން ކުޑަވުމުން ކަމަށެވެ. ކުރީގެ ކެޗުޕިޓުތަކުގެ ބަދަލުގައި އަލަށް ބެހެއްޓުނު ކެޗްޕިޓްތައް ޗެކުކުރެވި ލީކު ނުވާކަން ޔަގީން ކުރެވިފައި ވާކަމަށް ފެނަކައިން ހާމަކުރެއެވެ.
ދެން ހުރި މައިގަނޑު މައްސަލައަކީ މަގުމަތީގައި ހުރި މެއިން ޗެމްބާ ތަކުގެ ލީކްތަކެވެ. އެލީކުތަކާއި ހޮޅިލައިން ކަނެކްޝަންގެ ލީކްތައް ރަނގަޅުކޮށް އިތުރަށް ދުވިޔަ ނުދިނުމަށް ކްލޭމްޕް އަޅުވައި ވޯޓަރޕްރޫފު ކުރެވުމުން މުޅި ސިސްޓަމްގެ މަސައްލަތަކަށް ދާއިމީ ހައްލެއް ލިބިގެން ދާނެކަމަށެވެ. އެގޮތުން މަގުމަތީގެ ޗެމްބަރުގެ މައްސަލަތަކާއި މެއިން ލައިނުގެ ކަނެކްޝަންތަކުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތައް ކުރަމުން އަންނަކަމަށް ފެނަކައިން ވިދާޅުވެއެވެ. ނަމަވެސް އެއްކޮށް ނިންމާލުމަށް އިތުރު ބައެއް ސާމާނު ރާއްޖެއިން ބޭރުން، ޖަރުމަނުން ގެންނަން ޖެހެއެވެ. އެ އެއްޗެއްސަށް އޯޑަރު ދެވި ވަނީ ޑެލިވަލީގެ މަގުމަތީގައި ކަމަށެވެ. ކޮވިޑް-19 އާއި ގުޅިގެން އެތަކެތި ލިބުމުގައި ލަސްކަމެއް އައިސްފައިވެއެވެ. ނަމަވެސް ކުރިޔަށް އޮތް 2 ހަފުތާތެރޭގައި މާލެއާއި ހަމަޔަށް އަންނާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފެނަކަ-ފުވައްލައް އިން ހާމަކުރެއެވެ. އެތަކެތި ލިބުމާއެކު އެ މަސައްކަތް ވެސް ފުރިހަމަކޮށްލެވޭނެ ކަމަށް ފެނަކައި ބުނެއެވެ.
ވެކިއުމް ސިސްޓަމް ހުއްޓެން ދިމާވަނި ބާރުބޮޑުވުމާއި ފެން އެޅުމުން ކަމަށް ވުމުން، ސިސްޓމް ވޯޓަރ ޕްރޫފްކޮށް ނިމުމުން ފެން އެޅުމުގެ މައްސަލަ ހައްލުކުރެވި އަދި ވެކިއުމް ސިސްޓަމްގެ އޮޓޮމެޓިކު އޮޕަރޭޝަނަށް ލުއި ލިބި މައްސަލަ ހައްލުކުރެވިގެން ދާނެއެވެ. އެކިގޮތްގތުން ހުއްޓޭ ވެކިމް ޕްރެޝަރ ސްވިޗު (ކޮންޓްރޯލަރ) ބަދަލުކުރެވޭ ގޮތަށް އިތުރު ކޮންޓްރޯލަރ ތަކެއް ރިޒާވްގައި ބެހެއްޓުމަށް ހޯދުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ. އަދި ފެން އެޅިގެން ވަގުތީގޮތުން ހުއްޓޭ ކޮންޓްރޯލަރތައް ހިއްކުމަށްފަހު އަލުން ބޭނުން ކުރެވެތީ އެގޮތުން ވެސް ކޮންޓްރޯލަރތައް އަލުން އެޅުވުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށް ގެނދެވެއެވެ.
ދެންއޮތީ ސިސްޓަމްގެ ބައެއް ހިސާބުތަކުން ޕްރެޝާ ދަށްވާ މައްސަލައެވެ. މިހާރު ސިސްޓަމަށް ގުޅިފައި ވަނީ 1500 ހާ ގެއަށް ވެ އަދި އިތުރަށް 1000 ވަރަކަށް ގެއަށް (ޖުމްލަ 2400) ގުޅަން ޖެހޭއިރު ސިސްޓަމުގެ ޕްރެޝާ އިތުރަށް ދަށްވެގެންދާނެ ކަމަށް ބެލެވެއެވެ. ވުމާއެކު މިކަން ހައްލުކުރުން ކަމާބޭހޭ ފަރާތްތަކާއި އެކު މަޝްވަރާކުރެވި ގޮތެއް ކަނޑައެޅިގެން ދާނެއެވެ.
ނަރުދަމާ ނިޒާމުގައި ހިމެނޭ ޕަމްޕް ސްޓޭޝަންތައް
ފުވައްމުލަކު ނަރުދަމާ ނިޒާމުގައި ހިމެނޭ 2 ޕަމްޕު ސްޓޭޝަނުގައި ހުރީ ޖުމްލަ 12 ޕަމްޕެވެ. ނަމަވެސް ޕަމްޕު ސްޓޭޝަންތައް ޑިޒައިން ކުރެވިފައިވާ ގޮތުން އެއްފަހަރާ ބޭނުންކުރަން ޖެހެނީ ޖުމްލަ 8 ޕަމްޕެވެ. އެއީ ކޮންމެ ޕަމްޕު ސްޓޭޝަނެއްގައި ވެސް ފަހަރަކު 4 ޕަމްޕު ހިނގަމުންދާ ގޮތަށެވެ. ޑެއިލީ އޮޕަރޭޝަނުގައި ކޮންމެ ޕަމްޕު ސްޓޭޝަނެއްގައި 4 ޕަމްޕު ރަންކުރަމުން ދިޔަޔަސް، އެއީ ދޭތިން ދޭތިން ހިންގަމުންގޮސް ވަގުތު ހަމަވުމުން އޯޓޮމެޓިކުން އަނެއް ދެ ޕަމްޕަށް ބަދަލުވަމުންދާ ގޮތަށެވެ.
ޕަމްޕު ސްޓޭޝަން ތަކުގައި ކަންބޮޑުވާންޖެހޭ ވަރުގެ މައްސަލައެއް ނެތް ކަމަށް ހާމަކުރެއެވެ. ނަމަވެސް 2 ޕަމްޕެއްގައި މައްސަލަތަކެއް ހުރިކަމަށް ވެއެވެ. އެއީ ތެޔޮ ލީކުކުރުމުގެ މައްސަލައަކާއި ޕަމްޕެއްގެ ކަޕްލާގެ މައްސަލައެވެ. އެޕަމްޕުގެ ކަޕްލާ ރާއްޖެއިން ބޭރުން ގެނައުމަށް ވަނީ އޯޑަރުކުރެއެވެ.
އޮޓޯމެޓިކް މި ޕަމްޕް ސްޓޭޝަންތަކުން އޮޕަރޭޝަންގައި ރަންކުރަން ޖެހެނީ އެވްރެޖްކޮށް ދުވަހަކަށް 8 ގަޑިއާއި 12 ގަޑިއިރެވެ. ނަމަވެސް ފުވައްމުލަކަށް ވާރޭވެހި ފެންބޮޑުވާ ހާލަތްތަކުގައި އެފެންތައް ސިސްޓަމްގެ ތެރެއަށް އެޅިގެން، ބޭރުކުރުން ޖެހުމުން ޕަމްޕްތަކަށް ބާރުބޮޑުވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ފެނަކައިން ހާމަކުރެއެވެ. އެގޮތުން 24 ގަޑިއިރު ޕަމްޕު ސިސްޓަމް މަސައްކަތް ކުރަން ޖެހޭނަމަ އެއިގެ މެއިންޓެނަންސް އަވަސް ކުރަން ސަމާލުވާން ޖެހޭނެއެވެ.
ވުމާއެކު ނަރުދަމާ ސިސްޓަމަށް ދިމާވެގެން އުޅޭ މައްސަލައާއި ޕަމްޕު ސްޓޭޝަނާއި މާކަ ބޮޑު ގުޅުމެއް އޮތްކަމަކަށް ނުބެލެވެއެވެ. ނަމަވެސް ފުވައްމުލަކުގެ ނަދަރުދާމއާއަށް އިތުރު 1000 ހެއްހާ ގޭގެ ފާޚާނާ ނިޒާމު ގުޅަން ޖެހޭއިރު ޕަމްޕު މައި 4 ލައިނަށް ބާރު ކުޑަ ކުރުމަށާއި ސިސްޓަން އަޕްގްރޭޑް ކުރުމުގެ ގޮތުން އިތުރު 2 ޕަމްޕަސްޓޭޝަން ޣާއިމުކުރުމުގެ ވިސްނުން ފެނަކައިން ގެންގުޅޭކަމަށް ވެއެވެ. އިމުކޮށް
ފެނަކަ ކޯޕަރޭޝަނުގައި މިނިޒާމަށް އަހުލުވެރި އިންޖިނިއަރުން އެބަތިބި ކަމަށާއި އެއިގެ އެކަކު ދާދި ފަހުން ވެސް ފުވައްމުލަކުގައި މަސައްކަތްކޮށްފައިވާ ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކުރެއެވެ. އެއިގެ އިތުރުން މުޅި ދިވެހިރާއްޖެއަށް ބެލިކަމުގައި ވިޔަސް މިވަރުގެ ވެކިއުމް ސިސްޓަމެއް އެހެން ރަށެއްގައި ނެތްކަމަށާއި މިކަހަލަ ހައިބްރިޑް ސިސްޓަމެއްގެ މަސައްކަތުގެ ތަޖުރިބާ ހުރި މީހުން ފެނަކަ-ފުވައްމުލަކުގެ ވޯޓާރ އެންޑް ސްވަރޭޖް ޑިޕާޓްމެންޓްގައި އެބަތިބި ކަމަށް ހާމަކުރައްވައެވެ. އެއިގެ އިތުރަށް މިސިސްޓަމަށް މީހުން ތަމްރީނުކުރުމުގެ މަސައްކަތް ވެސް ކުރިޔަށް ރޭވިފައިވާކަމަށެވެ. ސިސްޓަމަށް ދިމާވެގެން އުޅޭނީ ގާބިލް މީހުން ނެތުމުގެ މައްސަލައެއް ނޫންކަމަށެވެ.
ސިސްޓަމް އޮޕަރޭޓަރގެ ހައިސިއްޔަތުން ފެނަކައަށް ޖެހިފައި މިވަނީ މުޅި ސިސްޓަމް އެއްކޮށް މައްސަލަތައް ހޯދައި ހައްލުކުރުން ކަމަށެވެ. އެކަމަށް ބޭނުންވަނީ ވަގުތާއި ތަކެތި ކަމަށެވެ. ބޭރުން ގެންނަން ޖެހޭ ތަކެއްޗެއް ފިޔަވައި އެހެން ތަކެތި ލިބިފައި ހުރި ކަމަށެވެ. ސަރުކާރާއި ފުވައްމުލައް ސިޓީ ކައުންސިލް އަދި ނާއިބު ރައީސް ފައިސަލް ނަސީމުގެ އެހީތެރިކަން އަބަދުވެސް ލިބެމުން އަންނަކަމަށް ފެނަކައިން ފާހަގަ ކުރިއެވެ. މިފަދަ ކަމެއް ފުރިހަމަކުރުމަށް ދެން އޮތީ ވަގުތާއި މޫސުމުގެ ގޮންޖެހުން ކަމަށެވެ.
ފެނަކައިން އަޒުމު ކަނޑައަޅައިގެން ތިބީ ފުވައްމުލަކުގެ ރައްޔިތުންނަށް ދިމާވެފައިވާ ނަރުދަމާގެ މައްސަލައަށް، ރެއާއި ދުވާލުގެ 24 ގަޑިއިރު މަސައްކަތް ކޮށްގެންވެސް އަވަސް ފުރުސަތެއްގައި ހައްލެއް ހޯދައިދިނުމަށެވެ. ރޭގައި (11 ޖޫން 20202) ބޭއްވި ރައްޔިތުންގެ މަޖުލީހުގެ ސަރުކާރުގެ މުއައްސަސާތަކުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަަލާ ކޮމެޓީގައި ފެނަކައިގެ އެމްޑީ ވިދާޅުވީ ބަޖެޓް ލިބުމުގައި ހުރަހެއް ނެތްނަމަ ދާއިމީި ހައްލެއް ގެނައުމަށް މިހާރު ހަދާފައިވާ ޕްލޭނާއި އެއްގޮތަށް މަސައްކަތް ފެށޭތާ 6 މަސް ދުވަހުގެ ތެރޭގައި މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ޚިޔާލުތައް