ނިމިދިޔަ ސަރުކާރުން ފުވައްމުލަކުގައި އެޅި ނަރުދަމާގެ ނިޒާމް ފެއިލްވުމާއި ގުޅިގެން، ފުވައްމުލައް ސިޓީގެ ރައްޔިތުން ވަނީ ސިއްހީ ކާރިސާއަކާއި ކުރިމަތިލާން ޖެހިފައެވެ.
މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބު އޮޅުން ފިލުވުމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު، ވަނީ ރައްޔިތުންގެ މަޖްލީހުގެ 2 ވަނަ ދައުރުގެ 20 ވަނަ ޖަލްސާގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުޙައްމަދު އަސްލަމްއާ ސުވާލުކޮށްފައެެވެ.
ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވެފައި ވަނީ ފުވައްމުލަކުގައި ގާއިމްކޮށްފައިވާ ނަރުދަމާގެ ނިޒާމަކީ ވެކިއުމް ސިސްޓަމެއްގެ ތެރޭގައި އަޅާފައިވާ ނިޒާމެއް ކަމަށެވެ. “އާންމުކޮށް ވަރޭވެހޭ ދުވަސްވަރު މައްސަލަ އަންނަނީ، ސިސްޓަމް އޯވާލޯޑް ވަނީ، ޖަންކްޝަންތަކުން ފެންއަރާ މައްސަލަ އަސްލު މައްސަލައަކަށް ވެގެން އަންނަނީ.” އަސްލަމް ވިދާޅުވިއެވެ.
ނަރުދަމާގެ މައްސަލާގައި އެންވާރމެންޓް މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ގެ އިންޖިނިއަރުންނާއި ފެނަކައިގެ އިންޖިނިއަރުންގެ މެދުގައި ހިޔާލުތަފާތު ވުންތަކެއް ހުރިކަމަށް އަސްލަމް ވަނީ ފާހަގަކުރައްވާފައެވެ.
އެންވަޔާންޓް މިނިސްޓަރީ އާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ އިންޖިނިއަރުން ދޭކޭގޮތުގައި ފުވައްމުލަކު ނަރުދަމާ ނިޒާމްގައި ޖެހިފައިވާ މައްސަލަ
އަސްލަމް ވިދާޅުވިގޮތުގައި އެންވާރމެންޓް މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާ ގެ އިންޖިނިއަރުން ވިދާޅުވާގޮތުގައި ނަރުދަމާ ނިޒާމުގެ ސިސްޓަމުގައި މައްސަލައެއް ނުއުޅޭ ކަމަށެވެ. އަދި ދިމާވެގެން އުޅެނީ ސިސްޓަމް ބޭނުންކުރުމުގައި، ސިސްޓަމުގެ ތެރެއަށް ވާރޭފެން ވަދެ އޭގެތެރެއަށް، ޕަމްޕްކުރަން ފެށުމުން ދިމާވެގެން އުޅޭ މައްސަލައެއް ކަމަށެވެ. އެކަމުގެ ސަބަބުން ވެކިއުމް ސިސްޓަމް ކޮންމެވެސް ވަރަކަށް ހަލާކު ވަނީ ކަމަށެވެ.
ފެނަކައިގެ އިންޖިނިއަރުން ދޭކޭގޮތުގައި ފުވައްމުލަކު ނަރުދަމާ ނިޒާމްގައި ޖެހިފައިވާ މައްސަލަ
މިނިސްޓްރީތަކުގެ އިންޖިނިއަރުން މި މައްސަލާގައި ދެކޭގޮތާއި ހިލާފަށް، ފެނަކައިގެ އިންޖިނިއަރުން، ދެކޭގޮތުގައި، ގާއިމްކޮށްފައިވާ ނަރުދަމާގެ ނިޒާމަކީ، ފުވައްމުލަކަށް އެންމެ އެކަށީގެންވާ ނަރުދަމާގެ ނިޒާމެއް ނޫންކަމަށެވެ. އެހެންކަމުން ފެނަކައިން ބޭނުންވަނީ ނަރުދަމާގެ މޭޖާ ޑިޒައިން ޗޭންޖެއް ގެނައުމަށެވެ.
ދެފަރާތުގެ ހިޔާލު ތަފާތު ވުންތަކައް ނިމުމެއް!
ފެނެކައާއި މިނިސްޓްރީ އާއި ދެމެދު ނަރުދަމާގެ ނިޒާމުގައި ދިމާވެގެން އުޅޭ މައްސަލާގައި، ހިޔާލު ތަފާތުވެ މި މައްސަލާގައި އެ ދެފަރާތް ތާށިވެފައި ވަނިކޮށް މިނިސްޓާ އަސްލަމް ނިންމެވީ، ފެނަކައަކީ މި ނިޒާމް އޮޕްރޭޓް ކުރާ ފަރާތަށްވެފައި، ފެނެކައިގެ އިންޖިނިއަރުން ބުނާ ގޮތަކަށް ނަރުދަމާއަށް ދިމާވެފައިވާ މައްސަލަތައް މެނޭޖްކުރުމަށްޓަކައި، މިނިސްޓްރީގެ އިންޖިނިއަރުންގެ މިކަމުގައި ދެކޭގޮތް މިވަގުތަށް މަޑުޖައްސާލުމަށެވެ. އަދި ފެނަކައިން ބޭނުންވާ ގޮތަށް މަސައްކަތް ކުރިޔަށް ގެންދިޔުމަށް މިނިސްޓްރީއިން މިހާރުވަނީ ހުއްދަވެސް ދީފައިކަމަށް މިނިސްޓާ ވިދާޅުވިއެވެ. ” ހެންވީމާ އެކަން އެގޮތަށް ކުރިޔަށް ދާނެ، ގާތްގަނޑަކަށް ފެނަކައިން ލަފާކުރާ ގޮތުގައި 2 ނުވަތަ 3 މިލިއަން ޑޮލަރު ޑިޒައިން ޗޭންޖަށް ހަރުދުވާނެކަމަށް” މިނިސްޓާ އަސްލަމް ވިދާޅުވިއެވެ. އަދި އެހިސާބުން މިކަމުގައި ދައްކާނެ އިތުރު ބަހަނާއެއް އޮންނާނެކަމަށް ގަބޫލް ނުކުރައްވާކަމަށާއި، އެހިސާބުން އޮޕަރޭޓަރު ނިޒާމަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނެވުނީ ކަމަށް، މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
ފުވައްމުލަކު ނަރުދަމާގެ ނިޒާމަށް ދިމާވެފައިވާ މައްސަލަ ވީހާވެސް އަވަހަކަށް ހައްލުވެގެން ދިޔުމަކީ ރައްޔިތުންގެ ވަރަށް ބޮޑުއަދޭހެކެވެ.
ޚިޔާލުތައް