A wide advertisement which will be shown on all devices. (700 x 100)

ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނީ ރަސްދަރިކަލެއް!؟

ދަރުމަވަންތަ ހޮސްޕިޓަލުގެ 18 ވަނަ ފަންގިފިލާގައި އެޑްކުރެވިފައިވާ ފަރާތަކަށް ޚާއްސަ އިމްތިޔާޒުތަކެއް ދީގެން އެފަންގިފިލާ އެފަރާތަށް ޚާއްސަކުރެވި ފަރުވާ ދެމުންދާ ވާހަކަ މީގެ ދެ ދުވަސްކުރިން ދިވެހި ޗެނަލުން ވަނީ ގެނެސްދީފައެވެ. އެއީ ކޮންފަރާތެއްކަން ބަޔާންނުކޮށް ދިވެހި ޗެނަލުން ބުނެފައިވަނީ އެއީ އައިޖީއެމް ހޮސްޕިޓަލުގެ ސީއީއޯ އިބްރާހީމް ސަލީމްގެ އާއިލީ ބޭފުޅުން ކަމުގައެވެ. ނަމަވެސް މިޚަބަރާއިއެކު އައިޖީއެމް ހޮސްޕިޓަލުން ވަނީ މި ޚަބަރު ދޮގުކޮށް ނޫސްބަޔާނެއް ނެރެފައެވެ. ފަހުން ސޯޝަލް މީޑިއާއަށް ތިލަވެފައިވާ ގޮތުންނާއި އަދި ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގުގެ 18 ވަނަ ފަންގިފިލާގައި ފަރުވާ ދެމުންދަނީ ރައީސް އޮފީހުގެ ސަބުރާ ނޫރައްދީނުގެ ކާފަ އަލް އަމީރު މުހައްމަދު ނޫރައްދީނާއި އެމަނިކުފާނުގެ އަބިކަނބަލުން ކޮލިގޭ ނާސިރާއެވެ.

ދިވެހި ޗެނަލުގެ ޚަބަރާއި ގުޅިގެން އައިޖީއެމް ހޮސްޕިޓަލުން ބުނެފައިވަނީ، އެ ހޮސްޕިޓަލަށް އެކި ބަލިބައްޔަށް ފަރުވާ ދެމުންދާ ބަލި މީހުންގެ ތެރެއިން ދިވެހި ޗެނަލުން ޚަބަރު ގެނެސްދީފައިވާ ދެ ބަލި މީހުންނަކީ މެއި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކޮވިޑް-19 ގެ އޭރުގެ ހާލަތާއި ގުޅިގެން، ޓްރީޓޮޕް ހޮސްޕިޓަލަކީ ކޮވިޑް19 އަށް ޚާއްޞަ ހޮސްޕިޓަލުގެ ގޮތުގައި ހަމަޖެހުމާއި ގުޅިގެން އައިޖީއެމް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ އަދި ހޮސްޕިޓަލުގައި ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން ރަޖިސްޓަރީކޮށް، އެނދުމަތިކޮށް، އުޞޫލުތަކާއި އެއްގޮތަށް ފަރުވާ ދެމުންދާ ބަލި މީހުން ކަމަށެވެ. އަދި އެ ބަލި މީހުންނަކީ ވެސް އާސަންދައިން ކަވާ ނުކުރާ ޕްރައިވެޓް ރޫމް ޗާޖް ފަދަ ޚަރަދުތައްވެސް، ކަނޑައެޅިފައިވާ ޤަވާއިދާއި އެއްގޮތަށް ބަރާބަރަށް ދައްކަމުން އަންނަ ފަރާތްތަކެއް ކަމަށެވެ.

“މި ޕޭޝަންޓުންނަކީ މި ހޮސްޕިޓަލުގެ ސީ.އީ.އޯ އިބްރާހީމް ސަލީމްގެ އާއިލީ ބޭފުޅުންކަމުގައި މި ޚަބަރުގައި ރިޕޯޓްކޮށްފައިވާއިރު މިއީވެސް ކަނޑައެޅިގެން ދޮގު މަޢުލޫމާތެއް ކަމުގައްޔާއި، ހޮސްޕިޓަލުގެ ސީ.އީ.އޯ އާއި މި ޕޭޝަންޓުންނާއި އާއިލީ އެއްވެސް ގުޅުމެއް ނެތްކަމުގައިވެސް ދަންނަވަމެވެ”. އެ ބަޔާނުގައި ވެއެވެ.

އައިޖީއެމް ހޮސްޕިޓަލުން ބުނެފައިވަނީ އެފަރާތުން ހިންގާ ދަރުމަވަންތަ ހޮސްޕިޓަލުގެ 18 ވަނަ ފަންގިފިލާގައި އެޑްމިޓުކޮށްފައިވާ ބަލިމީހުންނަކީ ހޮސްޕިޓަލްގައި ކަނޑައަޅާފައިވާ ނިޒާމުގެ ތެރެއިން ރަޖިސްޓްރީކޮށް އެޑްމިޓްކޮށްގެން އުސޫލުތަކާ އެއްގޮތަށް ފަރުވާ ދެމުން އަންނަ ދެ ޕޭޝަންޓުން ކަމަށެވެ. ނަމަވެސް އެއުސޫލުތަކެއް ސާފުކޮށް ނުދެވުނު ކަމަށް މިހާރު ނޫހުން ރިޕޯޓްކޮށްފައި ވެއެވެ. “ދަރުމަވަންތަ ހޮސްޕިޓަލްގެ 18 ވަނަ ފްލޯގައިވާ ޕްރައިވެޓް ރޫމްތައް އާއްމުކޮށް މީހުން އެޑްމިޓްވާން ދޫކުރާ އުސޫލެއް ހަމަޖެހިފައިވޭތޯ އާއި ވާނަމަ އެތަންތަން ދޫކުރަން ފެށީ ކޮން އިރަކުތޯ އައިޖީއެމްއެޗުން އަދި ސާފުކޮށެއް ނުދެއެވެ. އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބަޔާނުގައި ހުރި މައުލޫމާތަށް ވުރެ އިތުރަށް އެކަމުގެ ތަަފްސީލު ހޯދަން އަދި ވަގުތު ނަގާނެ ކަަމަށެވެ.” މިހާރު ނޫހުގައި ރިޕޯޓުކޮށްފައި ވެއެވެ.

އޭގެ ފަހުން ސޯޝަލް މީޑިއާއަށް ތިލަވެފައިވާ ގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ދެބަލި މީހުންނަކީ އަލް ސުލްތާން ހަސަން ނޫރައްދީނުގެ ދަރިކަލުން އަލްއަމީރު މުހައްމަދު ނޫރައްދީނާއި ކޮލިގޭ ނާސިރާއެވެ.

މިޚަބަރާއި ގުޅިގެން ދިޔަރެސް ނޫހުން ރިޕޯޓުކޮށްފައި ވަނީ 1 މޭއި އިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ 18 ވަނަ ފަންގިފިލާގައި ޑޭކެއަރ އުސޫލުން ފަރުވާދެމުން ދަނީ ރައީސް އޮފީހުގެ ސަބްރާ ނޫރައްދީނުގެ ކާފަ އާއި މާމަ ކަމަށެވެ. ސަބްރާ ނޫރައްދީނަކީ އަލްއަމީރު މުހައްމަދު ނޫރައްދީނަށް ކާފަ ވިދާޅުވާ ބޭފުޅެކެވެ. އެ ދެމީހުންނަށް ފަރުވާ ދެމުން ގެންދަނީ އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު ޑރ.މޫސާ މުރާދުގެ ބެލުމުގެ ދަށުންކަމަށާއި އަދި އައިޖީއެމްއެޗް އިން 10 ނަރުހުން ހަމަ އެކަނި އެ ދެމީހުންނަށް ހާއްސަކޮށްފައިވާ ކަމަށާއި މީގެ އިތުރުން 18 ވަނަ ފަންގިފިލާއަށް އެހެން އެއްވެސް ބަޔަކު އެރުންވެސް މަނާކޮށްފައިވާ ކަމަށްވެސް ދިޔަރެސް އިން ރިޕޯޓްކުރެއެވެ.

ދިޔަރެސް އިން އިތުރަށް ރިޕޯޓްކޮށްފައި ވަނީ އެ ހަބަރު ދިވެހި ޗެނަލް އިން ގެނެސް ދިނުމުން ރައީސް ނަޝީދު ވަނީ ވަރަށް ނުރުހުންވެ ވަޑައިގެން އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕެއްގައި ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ ބައެއް އެކްޓިވިސްޓްން ދަނީ ސޯޝަލް މީޑިއާގައި މިވާހަކަތައް ދައްކަމުންނެވެ. “މުހައްމަދު ނޫރުއްދީނަކީ ދައުލަތުގެ އިއްޒަތްތެރިއެއް. އެއީ ރަސްކަލެއްގެ ދަރިއެއް. 1954 ވަނަ އަހަރު މަޖިލީހުން ވަނީ އެބޭފުޅުންނަށް ހާއްސަ އިނާޔަތްތަށް ދިނުމަށް ޤަވާއިދެއް ފާސްކޮށް” ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ޓުވީޓުކޮށްފައެވެ.

ނާޒިމު އިތުރަށް ކުރެއްވި ޓްވީޓެއްގައި ވަނީ ކޮލިގޭ ނާސިރާ އާއި މުހައްމަދު ނޫރައްދީނު ހޮސްޕިޓަލުން ބޭރުކޮށްފައި އެއްވެސް ވެރިކަމެއް އޮންނާނީ ކިހިނެތް ތޯ؟ އެވެ.

އަލް އަމީރު މުހައްމަދު ނޫރައްދީނަކީ ރާއްޖޭގެ ރަސްކަން ކުރެއް ހަސަން ނޫރައްދީނުގެ ދަރިކަލެކެވެ. ހަސަން ނޫރައްދީން ރާއްޖޭގެ ރަސްކަން ކުރައްވާފައި ވަނީ މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުން އަޒުލުކުރުމަށް ފަހު 1935 ވަނަ އަހަރުން ފެށިގެން 1943 ވަނަ އަހަރާއި ހަމައަށެވެ. ހަސަން ނޫރައްދީންގެ ވެރިކަން ސިފަކުރެވިފައި ވަނީ ރަމްޒީ ނުވަތަ ޝަރަފުވެރިކަމުގެ މަގާމެއްގެ ގޮތުގައެވެ. ރަސްރަސްކަލުންނަށް ލިބޭފަދަ އާރާއި ބާރެއް ނުލިބެއެވެ. އަލްސުލްތާން ހަސަން ނޫރައްދީނުގެ ބޭބޭފުޅުންގެ ތެރޭގައި ދާދިފަހުން ނިޔާވި އަނީސާ ނޫރައްދީނާއި އަލް އަމީރުގެ މުހައްމަދު ނޫރައްދީނު ހިމެނިވަޑައިގަންނަވައެވެ. މި ދެ ބޭފުޅުންގެ ވެސް މައިކަނބަލަކީ މާބަނޑޭރިގޭ އައިޝަތު ދީދީއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !