ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފުވައްމުލަކުގެ މަގުތަކުގައި ބޮޑުވާ ފެންގަނޑު ހިންދުމަށް އެކި ހިސާބުތަކުގައި ކާނު ހަދައި ޑްރެއިން ޖަންކްޝަންތައް ބަހައްޓަން ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ފަށާފައެވެ.
އެގޮތުން މާދަޑު، ޕޮލިސް އިމާރާތުގެ ފަހަތުން ތިރި ސަރަހައްދުގައި ކާނު ހަދައި ޖަންކްޝަން ބަހައްޓާފައި ވެއެވެ. ނަމަވެސް މިޖަންކްޝަންތައް ފުވައްމުލަކުގައި ފެން ބޭރުކުރުމަށް ގާއިމުކުރެވިފައިވާ އެއްވެސް ނިޒާމަކާއި ސީދާގޮތުން ގުޅިފައިވާ ކަމަކަށް ނުވެއެވެ. މީގެ ދުވަސްތަކެއް ކުރިން ފުވައްމުލަކުގެ ބޮޑެތި މަގުތަކުގައި ފެންބޮޑުވެ ހިނގާބިގާވެ އުޅުމަށް އުނދަގޫވާތީ އޭރު މަގުތަކުގެ މަސައްކަތް ބެލެހެއްޓި “ސައިޓް އޮފީހުން” މަގުގެ އެއްފަރާތުން ހުސް ބިންތަކުގައި ބޮޑެތި ވަޅުގަނޑުތަކެއް ހަދައި އެތަންތަނަށް ފެން ޖަމާވާގޮތަށް ވެސް ހަދާފައި ވެއެވެ.

މަގުތަކުން ފެންހިންދުމަށް ބަހައްޓާ ޖަންކްޝަނާއި ކާނުތައް
މިހާރު ހަދާ ކާނުތަކާއި ޖަންކްޝަންތަކުގެ ނިޒާމަކީ ވެސް އެފަދަ ވަގުތީ ނިޒާމެއް ކަމަށް ބެލެވެއެވެ. ފުވައްމުލަކަށް ވެހޭ ވާރޭފެން މެނޭޖުކުރާނެ ގޮތުގެ ދާއިމީ ހައްލެއްގެ ބޭނުން އިންތިހާއަށް މިވަނީ ޖެހިފައެވެ. “ސްޓޯމް ވޯޓާ” ނުވަތަ ރަށަށް ވެހޭ ފެން މެނޭޖު ނުކުރެވުމުގެ ސަބަބުން ދިމާވާ ގެއްލުންތައް ވެސް ބޮޑެވެ. އެގޮތުން ފުވައްމުލަކުގައި ގާއިމުކުރެވިފައިވާ ނަރުދަމާ ނިޒާމުގެ ތެރެއަށް ރަށަށް ވެހޭ ވާރޭފެން ގިނަ އަދަދަކަށް އެޅި އެސިސްޓަމަށް ބާރުބޮޑުވާ ކަމަށް އެނިޒާމުގެ މަައްސަލަތައް ދިރާސާކުރި ފަރާތްތަކުން ހާމަކޮށްފައި ވެއެވެ.
ފުވައްމުލަކަށް ވެހޭ ވާރޭފެނާއި ރަށުގައި ބޭނުންކުރާ ފެން، ރަށުން ބޭރުކުރުމަށް ދެ ނިޒާމެއް ގާއިމުކުރެވިފައި ވެއެވެ. އެއީ ފުވައްމުލަކު ނަރުދަމާ ނިޒމުގެ ތެރެއިން ބޭރުކުރާ ފެނާއި ފުވައްމުލަކަށް ވާރޭވެހި ބޮޑުވާ ފެން ރަށުން ބޭރުކުރުމަށް ގާއިމުކުރެވިފައިވާ ދުވަސްވީ ކާނު ނުވަތަ އާރުތަކުގެ ނިޒާމެވެ.
ފުވައްމުލަކަކީ ބޯތައްޓެއްގެ ސިފާގައި ރަށުގެ ވަށައިގެން އަރިމަރިން އުސްކޮށް އޮވެފައި މެދަށް އަޑިކޮށް އޮންނަ ރަށަކަށް ވުމުން ރަށަށް ވެހޭހާ ފެނެއް ރަށުގެ މެދުން މީހުން ގިނައިން ދިރިއުޅޭ ހިސާބުތަކަށް ޖަމާވެ، ފެނުގެ އުނދަގުލާއި މީހުންނަށް ކުރިމަތިލާން ޖެހެއެވެ.

މިއަދުގެ ވަރޭގައި ފެން ވަދެފައިވާ ގެއެއް
ބޯކޮށް ވާރޭ ވެހޭ ދުވަސްވަރު ފުވައްމުލަކުގެ މަގުތަކާއި އެކިއެކި ސަރަހައްދުތަކުގައިި ފެންބޮޑުވެ ހިނާބިގާވެ އުޅުމާއި ދަތުރުފަތުރު ކުރުމަށް އަދި އެސަރަހައްދުތައް ބޭނުންކުރުމަށް ދަތިވެއެވެ. މިކަން ހައްލު ކުރުމަށް ފުވައްމުލަކުގެ އެކި ސަރަހައްދުތަކުގެ ކާނުތަކެއް ގާއިމުކޮށްފައިވަނީ މީގެ އެތައް އަހަރެއް ކުރިންނެވެ. ނަމަވެސް އެކާނުތަކާއި ހަމަޔަށް ފެންޑު ދައުރުކޮށްދޭނެ ނިޒާމެއް ގާއިމުކޮށްފައެއް ނުވެއެވެ. ކާނުތަކާއި ހަމަޔަށް ފެން ދައުރުވެގެންދަނީ މައިގަނޑު ގޮތެއްގައި ރަށުގެ އޮޅުތަކުގެ ތެރެއިންނެވެ.
ކުރިން ފުވައްމުލަކުގެ ހުރިހާ އަވަށަކުންހެން ވަކި އާރެއް (ކާނު) ބަލަހައްޓަމުން ގޮސްފައިވެއެވެ. އެގޮތުން:
ދަޑިމަގު: ދަޑިމަގު ބެލެހެއްޓީ މިހާރުވެސް ބޭނުންކުރަމުން އަންނަ ދަޑިމަގު އާރެވެ.
ދިގުވާޑު: ދިގުވާނޑު މީހުން ބެލެހެއްޓި މިހާރު ވެސް ބޭނުންކުރާ ހޯދަޑު މާބުރުގެ އާއި ރަތްލިލީގެ ކައިރީގައި އޮތް މިހާރު ކިޔާގޮތުން ހޯދަޑު އާރެވެ.
ހޯދަޑު: ހޯދަޑު މީހުން ބެލެހެއްޓީ މާރަނގައާއި ބުގެއާއި ދެމެދުގައި އޮތް އާރެވެ. މިހާރު މިއާރު ބޭނުުމެއް ނުކުރެއެވެ.
މާދަޑު: މާދަޑު މީހުން ބެލެހެއްޓިކަމަށް ވަނީ ހޯދަޑު މަތިމަގު ސަރަހައްދުން، ކުމެރީގެއާއި ޒަމްހަރީރުގެ ކައިދީ އޮތް “ފޯކަހިދޫކޮއެ އާރު ” އެވެ. މިއާރު ވެސް މިހާރު ބޭނުމެއް ނުކުރެއެވެ.
މިސްކިތްމަގު: މިސްކިތްމަގު މީހުން ބަލހައްޓަމުން އައީ މާލެގަމު މުދިންގެ ހިސާބުގައި (ރަސްގެފަންނާއި ބަޑަހަލް ފަންނާއި ދެމެދު) އޮތް އާރެެވެ.
މާލެގަން: މާލެގަމު މީހުން ބަލަހައްޓަމުން އައީ މިހާރުވެސް ބޭނުންކުރަމުން އަންނަ މާލެގަމު އާރެވެ.
ފުނާޑު: ފުނާޑު މީހުން ބަލަހައްޓަމުން ވަރަށްފަހަކާ ޖެހެންދެން ބޭނުންކުރަމުން އައި ފުޏާޑު އާރެއެވެ. ފުވައްމުލަކު އެއާރ ޕޯރޓުގެ ރަންވޭއާއި އެއާރުގެ ނިމޭކޮޅާއި ދިމާވާތީ ފެން ބޭރުކުރާ ނިމޭކޮޅު މިހާރުވަނީ ބަންދުކުރެވިފައެވެ.
ދޫނޑިގަން: ދޫނޑިގަމު މީހުން އާރެއް ބަލަހައްތަމުން ގޮސްފައިވާކަން އެގިފައެއް ނެތެވެ.

ދަޑިމަގު އާރުން ފެން ބޭރުކުރުމަށް ހުޅުވަނީ. ފޮޓޯ ފުވައްމުލައް ސިޓީ ކައުންސިލް
މި 7 އާރުގެ ތެރެއިން 2 އާރު ކަމަށްވާ ދަޑިމަގު އާރު އާއި ފުނާޑު އާރުން ފެންބޭރުކުރަނީ ފުވައްމުލަކުގެ ދެކުނު ފަރާތުން މޫދަށެވެ. އަނެއް 5 އާރުން ފެން ބޭރުކުރަނީ ފުވައްމުލަކުގެ އިރުމަތީ ފަރާތުން މޫދަށެވެ. އާއްމުގޮތެއްގައި ރާއްޖެއަށް ހުޅަނގު މުސުމުން ދިގުވެފައި ކުރާ ވިއްސާރި ގިނައެވެ. ވުމާއެކު 5 އާރު ރަށުގެ އުތުރު ފަރާތަށް އޮތުމަށް މުހިންމު ވީ ކަމަށް ބެލެވެއެވެ. އަދި ކުރިން ދަޑިމަގު އާރާއި ފުނާދު އާރު ބޭނުންކުރަންޖެހެނީ ވެސް ވަރަށް މަދުން ކަމަށް ވެއެވެ.
ޚިޔާލުތައް