‘ސިސްޓަރ އައިލެންޑް’ ކޮންސެޕްޓް ގެ ދަށުން ގއ. އަތޮޅުގެ ރަށްތަކާއި ފުވައްމުލައް ސިޓީ އާއި ދެމެދު ގުޅުން ގާއިމުކުރުމަށް ބާއްވާ ފުރަތަމަ ކޮންކޮންފަރެންސް ގއ.ގެމަނަފުށީގައި އިއްޔެ ބާއްވައިފިއެވެ. މި ކޮންފަރެންސްގައި އެކި ދާއިރާތަކުން އެހީތެރިކަން ދިނުމުގެ އެއްބަސްވުމުގައި ގއ. އަތޮޅުގެ ރަށު ކައުންސިލް ތަކުން އިއްޔެ ވަނީ ސޮއިކޮށްފައެވެ. މިއީ ފުވައްމުލައް ސިޓީ ކައުންސިލުން އިސްނަގައިގެން ގއ. އަތޮޅު ކައުންސިލާއި ގުޅިގެން ހިންގާ ހަރަކާތެކެވެ. ގއ.އަތޮޅު ކައުންސިލާއި ފުވައްމުލައް ސިޓީ ކައުންސިލްގެ ދެމެދުގައި މީގެ ކުރިން ވަނި އެއްބަސްމެއް ގާއިމުކޮށްފައެވެ.
ފުވައްމުލައް ސިޓީއާއި، ގއ.އަތޮޅުގައި ހިމެނޭ 9 ރަށުގެ ކައުންސިލަރުންނާއި އިސްވެރިން ވަނީ އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.

ސިސްޓަރ އައިލެންޑް ކޮންސެޕްޓްގެ ފުރަތމަ ކޮންފަރެންސަށް ގެމަނަފުށި ތައްޔާރުވެފައި. ފޮޓޯ: ގެމަނަފުށީ ކައުންސިލް
‘ސިސްޓަރ އައިލެންޑް’ ކޮންސެޕްޓްގެ ދަށުން އެއްރަށުން އަނެއްރަށުގެ ވަޞީލަތްތައް ބޭނުންކުރުމަށް މަގުފަހިކުރުމާއި އެއްރަށުން އަނެއް ރަށަށް އެހީތެރިވުމަށް ފަހުމުނާމާއެއް ގާމިމުކޮށް މިވަނީ އެއްބަސްވެފައެވެ. ފުވައްމުލައް ސިޓީ އާއި ހުވަދު އަތޮޅު އުތުރުބުރީގެ އަތޮޅު ކައުންސިލާއި އެ އަތޮޅުގެ ހުރިހާ ރަށްތަށް ގުޅިގެން މިވަނީ ދެ އަތޮޅުގެ ތަރައްޤީއާއި ކުރިއެރުމަށް އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ރަސްމީކޮށް އިއްޔެ ވަނީ ފަށާފައެވެ.
އެގޮތުން ފުވައްމުލައް ސިޓީގެ ލޮލުގެ ޚާއްސަ ޑޮކްޓަރު ވަނީ ގއ. ގެމަނަފުށީގެ ލޮލުގެ ކޭމްޕެއް ބާއްވާފައެވެ. މިކޭމްޕްގައި 45 މީހުން ޑޮކްޓަރަށް ދައްކާފައެވެ. އަންނަ އޮކްޓޯބަރު މަހު ގެމަނަފުށީގައި ހޭންޑްބޯލް ކޯޗިންގ ކޭމްޕެއްވެސް ފުވައްމުލައް ސިޓީގެ ކޯޗުން ގެންގޮސްގެން ބޭއްވުމަށް ނިންމާފައިވާ ކަމަށް ގެމަނަފުށީގެ ކައުންސިލްގެ ރައީސް ޢަބްދުﷲ ޝިޔާން ވިދާޅުވިއެވެ. މީގެ އިތުރުން ތަޢުލީމީ ދާއިރާއިން ވެސް އެކިކަހަލަ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް ރާވާފައިވެއެވެ. އަދި މިނޫނަސް އެކި ދާއިރަތަކުން ގުޅުން ބަދަހިކުރުމަށް ގިނަ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

ސިސްޓަރ އައިލެންޑް ކޮންސެޕްޓްގެ ފުރަތަމަ ކޮންފަރެންސްގެ ބައިވެރިން ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް
މި ކޮންފަރެންސް އާއި ގުޅޭ ގޮތުން ޕީއެސްއެމަށް މައުލޫމާތު ދެއްވަމުން ގެމަނަފުށީ ކައުންސިލްގެ ރައީސް ޢަބްދުﷲ ޝިޔާން ވިދާޅުވީ ސިސްޓަރ އައިލެންޑް ކޮންސެޕްޓްގެ ދަށުން އެންމެބޮޑަށް ބޭނުންވާނީ ވަސީލަތް ހުރި ރަށްރަށުން އަތޮޅުގެ އެހެން ރަށްރަށަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން މިކޮންފަރެންސްގައި ވަނީ އިޖްތިމާޢީ ގޮތުންނާއި، އިޤްތިސާދީގޮތުންނާއި، ކުޅިވަރާއި ތަޢުލީމީ އަދި ސިއްޙީ ދާއިރާގެ ކަންކަމުގައި އެއްރަށުން އަނެއް ރަށަށް އެހީތެރިކން ފޯރުކޮށް ދިނުމާއި ގުޅޭގޮތުން މަޝްވަރާކޮށް، ކަންކަން ކުރިއަށްގެންދާނެ ގޮތުގެ ޕްރޮގްރާމްތަކެއް ނިންމާފައެވެ.
“މި މަސައްކަތުގެ މައި ރަށަކަށް ވާނީ ފުވައްމުލައް ސިޓީ. އެގޮތުން ފުވައްމުލަކުގައި ހުރި ވަސީލަތް އެހެން ރަށްރަށުގެ ތަރައްގީއަށް ބޭނުންކުރުން. އަދި އެހެން ރަށްރަށުގައި ހުރި ވަސީލަތްތައް އެއްރަށް އަނެއްރަށަށް ބޭނުންކުރުން. މިއީ މިގޮތަށް މުޅިން އަލަށް ކުރިއަށްގެންދާ މަސައްކަތެއް.” ޝިޔާން ޕީއެސްއެމަށް ވިދާޅުވިއެވެ.
މިއެއްބަސްވުމާއި އެއްގޮތަށް އެއްރަށް އަނެއް ރަށާއި އެކުގައި މަސައްކަތް ކުރާނޭ ގޮތް ފަސޭހަކުރުމަށް މިހާރު ގާއިމުކުރެވިފައިވާ ފެރީ ދަތުރުތައް އިތުރަށް ވަރުގަދަކުރުން ހިމެނެއެވެ. މިއަހަރު ހައްޖު މަހު އީދުން ފެށިގެން ގއ. އަތޮޅާއި ފުވައްމުލައް ސިޓިއާއި ދެމެދު އަންނަނީ ފެރީ ބާއްވަމުންނެވެ. އެއާއެކު މިސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ގއ.އަތޮޅާއި ފުވައްމުލައް ސިޓީ ވައިގެ މަގުން ގުޅާލުމަށް ވެސް ސަރުކާރަށް ހުށަހެޅުމަށް ބައްދަލުވުމުގައި ނިންމާފައި ވާކަމަށް ޝިއާން ވިދާޅުވިއެވެ.
ހުރިހާ ކަމެއްގައި މާލެއަށް ބަރޯސާވުމުގެ ބަދަލުގައި ކައިރީ އެހެން ރަށްތަކާއި އަތޮޅުތައް ގުޅިގެން ގިނަކަންތައްތައްކެއް ކުރެވޭނެ ކަމަށް ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވިއެވެ.

ސިސްޓަރ އައިލެންޑް ކޮންސެޕްޓްގެ ފުރަތމަ ކޮންފަރެންސްގައި ފުވައްމުލައް ސިޓީ ކައުސިލްގެ ޑިރެކްތަރ ޖެނެރަލް ހުށަހެޅުން ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް
ގއ. ގެމަނަފުއްޓަކީ ޒަމާނުއްސުރު ފުވައްމުލަކާއި ޚާއްސަ ގުޅުމެއް އޮންނަ ރަށެކެވެ. ފުވައްމުލަކުން ޕްރައިމަރީ އަދި ސެކަންޑަރީ ތައުލީމު ހާސިލުކުރި ގިނަ ބަޔަކު ގެމަނަފުށީގައި ތިބޭނެއެވެ. ކުރިން ގެމަނަފުއްޓާއި ހުވަދު އަތޮޅުގެ ބައެއް އެހެން ރަށްރަށުގެ ގިނަބަޔަކު ތައުލީމު ހާސިލުކުރުމަށްޓަކައި މާލޭގެ ބަދަލުގައި ޚިޔާރުކުރީ ފުވައްމުލަކެވެ.
މި ދެ އަތޮޅޮކީ އެއް އަތޮޅު އަނެއް އަތޮޅާ ގުޅުން ބަދަހިކުރުމަށް އަބަދުވެސް އަތޮޅު ފެންވަރުގައި މަސައްކަތްތައް ކުރަމުން އައިސްފައިވާ ދެއަތޮޅެވެ. އެގޮތުން މީގެ ކުރިންވެސް ފުވައްމުލައް ސިޓީ ކައުންސިލްގެ ރަސްމީ ދަތުރުތަކެއް ގއ. އަތޮޅަށް ކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.

ސިސްޓަރ އައިލެންޑް ކޮންސެޕްޓްގެ ފުރަތަމަ ކޮންފަރެންސްގެ ބައިވެރިން ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް
ޚިޔާލުތައް