ފާއިތުވި 2022 ވަނަ އަހަރު ފުވައްމުލައް ސިޓީގައި ރަޖިސްޓްރީވެފައިވާ އާބާދީ އަކީ 13524 ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުގެ ހިސާބުތަކުން ދައްކައެވެ. އެއީ އެއިގެ ކުރީ 2021 ވަނަ އަހަރަށް ވުރެ 153 މީހުން އިތުރު އަދަދެކެވެ. މިއަދަދު ތަކުން ދައްކާ ގޮތުން ފާއިތުވި 3 އަހަރު ފުވައްމުލައް ސިޓީގެ އާބާދީ އިތުރުވާ ނިސްބަތް ވަނީ ދަށްވެފައެވެ.
ފާއިތުވި 4 އަހަރުގައި މުޅިއެކު އާދާދީ އަށް އިތުރުވެފައި ވަނީ ޖުމުލަ 614 މީހުންނެވެ. އެއީ ފާއިތުވި 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް 153 މީހުންންނާއި އެއިގެ ކުރީ 2021ގައި އިތުރުވި 165 މީހުންނާއި 2020 ވަނަ އަހަރު އިތުރުވި 242 މީހުންނާއި 2019 ވަނަ އަހަރު އިތުރުވި 54 މީހުންނެވެ.
ފުވައްމުލައް ސިޓީގެ އާބާދީ އަށް ބަލާއިރު 2022 ޑިސެމްބަރުގެ ނިޔަލަށް ފުވައްމުލައް ސިޓީގެ ރަޖިސްޓްރީ ވެފައިވާ އާބާދީގައި އަންހެން ފިރިހެން ނިސްބަތް އުޅެނީ ދާދީ އެއްވަރެއްގައެވެ. އެގޮތުން ތިބީ ފިރިހެން %51 އަދި އަންހެން %49 މީހުންނެވެ. އަވަށްތަކުގެ ނިސްބަތުން ފިރިހެނުންނަށް ވުރެ އަންހެނުން ގިނައީ މާލެގަމާއި ފުނާޑު އަވަށުގައެވެ.
ފުވައްމުލައް ސިޓީގެ ރަޖިސްޓްރީ އާބާދީ އަކީ 13524 މީހުންނަ ކަމުގައި ވިޔަސް ފުވައްމުލައް ސިޓީގައި ދިރިއުޅޭ އާބާދީ އަކީ 9193 ކަމަށް 2021 ވަނަ އަހަރު ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވާފައި ވެއެވެ. އެއީ ފުވައްމުލައް ސިޓީގައި ދިރިއުޅޭ 800 އެއްހާ ބިދޭސީން ވެސް ހިމަނައިގެންނެވެ. މިއަދަދަށް މާކަ ބޮޑު ބަދަލެއް އައިސްފައިވާކަމަށް ނުދެއްކި ނމަވެސް މިހާރު ބިދޭސީންގެ އަދަދު މަދުވާނެ ކަމަށް ރަށުގެ ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ފުވައްމުލައް ސިޓީގެ އަވަށްތަކުގެ އާބާދީއަށް ވެސް މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. އެގޮތުން ފާއިތުވި 2022ގައި މީހުން އެންމެ ގިނަ ދޫނޑިގަމު އަވަށަށް އިތުރުވެފައި ވަނީ 16 މީހުން (2021ގައި 28+) މީހުން ދެވަނަ މިސްކިތްމަގު އަވަށަށް 48 މީހުން އިތުރުވިއިރު 3ވަނަ އާބާދި އަށް ދަޑިމަގު ޖެހުނީ 25 މީހުން އިތުރު ވެގެންނެވެ. 4 ވަނާގައި ހޯދަޑު އަވަށަށް އިތުރުވެފައިވަނީ 8 މީހުންނެވެ. އާބާދީ އެނެމް މަދު މާލެގަމާއި މާދަޑު އަވަށް އިތުރު ވެފައިވަނީ 7 މީހުންނާއި 6 މީހުނެވެ.
ފާއިތުވި 2022 ވަނަ އަހަރު ޖުމުލަ އާބާދީ ކުޑަކޮށް މައްޗަށް ޖެހުނު ކަމުގައި ވިޔަސް އެއިގެ ކުރީ ދެ އަހަރު ވެސް 2022 ގައި އާބާދީ އިތުރުވި މިންވަރު ދިޔައީ ދަށަށެވެ. 2014 ގެ ބޯހިމެނުމުގެ ހިސާބުތަކުން ދައްކާ ގޮތުގައި ފުވައްމުލަކުގެ އާބާދީ އިތުރުވާ ނިސްބަތް އުޅެނީ 2.76 ގައެވެ. މާނައަކީ ދަރިމައިވާ އުމުރުގެ ކޮންމެ އަންހެނަކަށް ލިބޭ ކުދިންގެ އަދަދު އެވެރެޖް ހުރީ 2 އާއި 3 އާއި ދެމެދުގައި ކަމެވެ. އަދި މިއަދު ކުރިޔަށް އޮތްތަނުގައި މިއަށްވުރެން ވެސް ދަށްވެގެން ދާނެކަމަށް ދައްކައެވެ. އާބާދީ ދަށަށް ދިއުމުގެ އެއްސަބަބަކީ ދައިރިމައިވުން މަދުވުމާއި ރަށުން ބޭރަށް ހިޖުރަކުރުން އިތުރުވުމެވެ. އެގޮތުން ބޮޑަށް ބެލެވެނީ ފުވައްމުލަކުގެ އާބާދީގެ ކުރިއާ އަޅަބަލާއިރު ނިސްބަތުން ގިނަ މީހުން އެހެން ސަރަހައްދަށް ހިޖުރަކޮށްފައިވާ ކަމަށެވެ.
ފުވައްމުލައް ސިޓީގެ އާބާދީ އަހުރާމު ނުވަތަ ޕޮޕިއުލޭޝަން ޕިރަމިޑަށް ބަލާއިރު އެނެމް ގިނައީ ވޯކިން ޕޮޕިއުލޭޝަން ގެ މީހުންނެވެ. ނަމަވެސް އާއްމުކުރެވިފައިވާ މައުލޫމާތުގެ ހަނިކަމުން ރަނގަލު މަންޒަރެއް ދެނުން ދުރުވަނީ އުމުރުފުރާތައް ބަހާފައި ހުރި ގޮތުންނެވެ. އަދި އަންހެން ފިރިހެން ވަކިން އުމުރުފުރާ ތަކުން އެނގެން ނެތުމުންނެވެ. މިފަދަ މައުލޫމާތު ޝާއިއުކުރާއިރު އެއިން ބޭނުންހިފޭނެ ގޮތަށް ވިސްނުން މުހިންމެވެ. އެގޮތުން އެއްވަރަކަށް އުމުރުފުރާގެ ކެޓަގަރީތައް ބަހާލުން މުހިންމުވެވެ.
ފުވައްމުލައް ސިޓީގެ އާބާދީ 2022 ޑިސެމްބަރުގެ ނިޔަލަށްފުވައްމުލައް ސިޓީގެ އާބާދީ 13000 އިން މައްޗަށް އެރީ 2018 ވަނަ އަހަރުުގެ ޑިސެމްބަރު މަހުއެވެ. އެއީ 13002 އެވެ. އެއިގެ ފަހުން މިވީ 4 އަހަރު ދުވަހުގައި އާބާދީއަސް އަތުރުވީ އެންމެ 600 އެއްހާ މީހުންނެވެ.
ވުމާއެކު އާދާދީ މިނިސްންބަތުން އިތުރުވާނަމަ ފުވައްމުލައް ސިޓީގެ އާބާދީ 15000 އާއި ހަމަވާނެ ކަމަށް ބެލެވެނީ އަދި 12 ވަރަކަށް އަހަރު ފަހުން 2034 ހިސާބުގައެވެ.
ޚިޔާލުތައް