ކޮންމެ އަހަރެއްގެ ވެސް އިންސާނީ ހައްގުތަކުގެ ދުވަސްހުގެ ގޮތުގައި ފާހަގަ ކުރާނީ ޑިސެމްބަރު މަހު 10 ވަނަ ދުވަހެވެ. އެގޮތުން މިއަދަކީ ބައިނަލް އަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހެެވެ.
މިއީ ބައިނަލް އަގުވާމީ ގޮތުން ގާއިމުކުރެވުނު އިންސާނީ ހައްގުތަކާއި ބެހޭ މުއާހަދާ “ޑެކްލްރޭޝަން އޮން ހިއުމަން ރައިޓްސް” އދ.ގެ ޖެނެރަލް އެސެމްބްލީން ބަލައިގަންނަން ފާސްކުރެވުނު ދުވަހެވެ.
މި މުއާހަދާ އދ. އިން ބަލައިގެންފައި ވަނީ 1948 ގައެވެ. ވުމާއެކު މިއީ މި މުއާހަދާ ގާއިމު ކުރެވުނުތާ 70 އަހަރު ފުރޭ ދުވަހެވެ. މިއަހަރުގެ ޝިއާރަކީ “އިންސާނީ ހައްގުތައް ދިފާއު ކުރުމުގައި އިސްނެގުމާއެކު ހައްގުތައް ދެމެހެއްޓުމަށް ތެދުވާށެވެ”.
ކުރުކޮށް ކިޔާާ ޔޫޑީއެޗްއާރު އެކުލެވިގެން ވަނީ އަސާސީ 7 ހައްގަކާއި އެކު ޖުމްލަ 30 މާއްދާއެއް ހިމެނޭ ގޮތަށެވެ. ބައިނަލް އަގުވާމީ މި މުއާހަދާގައި ރާއްޖެއިން ސޮއިކުރީ، އދ. ގައި 1965 ވަނަ އަހަރު ބައިވެރިވުމާއެކު އެވެ.
މިމުއާހަދާގައި އެކުލެވޭ އަސާސީ 7 ހައްގަކީ:
- ހުރިހާ އިންސާނުންވެސް ދުނިޔެއަށް އުފަންވަނީ، މިނިވަންކަމުގައި، ހަމަހަމަ ޙައްޤުތަކަކާއެކު، ހަމަހަމަ ދަރަޖައެއްގައި ކަމޭހިތާނެ ބައެއްގެ ގޮތުގައެވެ. ހެޔޮ ވިސްނުމާއި، ހެޔޮ ބުއްދީގެ ބާރު އެމީހުންނަށް ލިބިގެންވެއެވެ. އަދި އެކަކު އަނެކަކާމެދު އެމީހުން މުޢާމަލާތް ކުރަންވާނީ، އުޚުއްވަތްތެރިކަމުގެ ރޫޙެއްގައެވެ.
- ހަމަ ކޮންމެ މީހަކަށް މެ، މިޤަރާރުގައި ބަޔާންކޮށްފައިވާ ހުރިހާ ޙައްޤުތަކަކާއި މިނިވަންކަމުގެ މިންގަނޑުތަކެއް ހޯދުމާއި، ލިބިގަތުމުގެ ޙައްޤު ލިބިގެންވެއެވެ. އެޙައްޤުތަކާއި އެމިންގަނޑުތައް ލިބިދެނީ، ނަސްލާއި، ކުލައާއި، ޖިންސާއި، ބަހާއި، ދީނާއި، ސިޔާސީގޮތުން ނުވަތަ އެހެންވެސް ކަމަކާ ގުޅޭގޮތުން ވިސްނުން ގެންގުޅޭ ގޮތާއި، ވަކި ޤައުމަކަށް ނުވަތަ މުޖުތަމަޢަކަށް ނިސްބަތްވުމާއި، މުދާ ލިބިހުރުމާއި، އުފަންވީ ޢާއިލާއެއްގެ ސަބަބުން ޤަދަރުވެރިވުމާއި، އެހެންވެސް ސަބަބަކާ ހުރެ ޤަދަރުވެރިވުންފަދަ، އެއްވެސް ބާވަތެއްގެ މިންގަނޑަކުން ތަފާތު ކުރުމެއް ނެތިއެވެ. އަދި މީހަކު ނިސްބަތްވާ ޤައުމަކީ، ނުވަތަ ސަރަޙައްދަކީ ސިޔާސީ ގޮތުން، ނުވަތަ އެޤައުމުގެ ބާރު ހިނގާ ސަރަޙައްދުގެ މިންވަރުގެ ގޮތުން، ނުވަތަ އެޤައުމުގެ ބައިނަލްއަޤްވާމީ ހައިސިއްޔަތުގެ ގޮތުން ނަމަވެސް، އެއްވެސް ތަފާތުކުރުމެއް ގެންގުޅެގެން ނުވާނޭ ގޮތުންނެވެ. އެޤައުމަކީ، ނުވަތަ މީހަކު ނިސްބަތްވާ އެސަރަޙައްދަކީ، މިނިވަން ޤައުމަކަށް ވިޔަސް، ނުވަތަ އެކުވެރި ދައުލަތްތަކުގެ ބެލުމުގެ ދަށުން އެހެން ޤައުމަކުންބަލަހައްޓަމުންދާ ޤައުމެއް ކަމުގައިވިޔަސް، ނުވަތަ އަމިއްލަ ވެރިކަމެއް ނެތް ޤައުމެއް ކަމުގައި ވިޔަސް، ނުވަތަ އެހެންވެސް ގޮތަކުން ސިޔާދަތީ ބާރު މަޙްދޫދު ކުރެވިގެންވާ ޤައުމަކަށް ވީނަމަވެހެވެ.
- ހަމަ ކޮންމެ މީހަކަށްމެ ދިރިހުރުމުގެ ޙައްޤާއި، މިނިވަންކަމުގެ ޙައްޤާއި، ތިމާގެ ހަށިގަނޑާއި ނަފްސުގެ ރައްކާތެރިކަމުގެ ޙައްޤު ލިބިގެންވެއެވެ.
- އެއްވެސް މީހަކު، އަޅުވެތިކަމުގައި، ނުވަތަ މަޖުބޫރުން ޚިދުމަތް ކުރުވުމުގައި، ގެންގުޅެވިގެން ނުވާނެއެވެ. އަޅުވެތިކަމާއި، އަޅުންގެ ވިޔަފާރިއަކީ، އޭގެ ހުރިހާ ބާވަތެއްވެސް ހިމެނޭގޮތުން، މަނާކުރެވިގެންވާ ކަންކަމެވެ.
- އެއްވެސް މީހަކު، އަނިޔާވެރިކަމަށާއި، އަނިޔާވެރި، ނުވަތަ ލާއިންސާނީ، ނުވަތަ އިންސާނީ ޤަދަރަށް ކުޑައިމީސްކަން ލިބެނިވި ގޮތްގޮތަށް ކުރެވޭ މުޢާމަލާތްތަކަށާއި އަދަބުތަކަށް ހުރަހެޅިގެން ނުވާނެއެވެ.
- ހަމަ ކޮންމެ މީހަކަށްމެ، ޤާނޫނުގެ ކުރިމަތީގައި، އެއީ ފަރުދެއް ކަމުގައި ބަލައިގަނެ ޤަބޫލުކުރުމުގެ ޙައްޤު، ކޮންމެ ތަނެއްގައި އޭނާ ހުރި ކަމުގައިވީ ނަމަވެސް، ލިބިގެންވެއެވެ.
- ހުރިހާ އެންމެންނަކީވެސް ޤާނޫނުގެ ކުރިމަތީގައި ހަމަހަމަވެގެންވާ ބައެކެވެ. އެއްވެސް ތަފާތު ކުރުމެއް ނެތި، ޤާނޫނުގެ ހަމަހަމަ ރައްކާތެރިކަން ލިބިގަތުމުގެ ޙައްޤު، އެމީހުންނަށް ލިބިގެންވެއެވެ. މިޤަރާރާ ޚިލާފަށް އެއްވެސް ތަފާތެއް ކުރެވޭނަމަ، ނުވަތަ އެފަދަ ތަފާތެއް ކުރުމަށް ހިތްވަރު ދޭނަމަ، އެކަމަކުން ރައްކަތެރިކަން ލިބިގަތުމުގެ ޙައްޤު އެންމެނަށްމެ ލިބިގެންވެއެވެ.
2005 ވަނަ އަހަރު އޭރުގެ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖުލީހުން މިމުއާހަދާގައި އިސްލާމްދީނާއި ތައާރަޒުވާ ކަންތައްތައް ހުރިކަމަށް ބުނެ، މުއާހަދާގައި ބައިވެރިވުން މަނާކުރިއެވެ.
ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް އެކުލަވާލި ދިވެހިރާއްޖޭގެ ގާނޫނު އަސާސީށް މިވަނީ 10 އަހަރު ފުރިފައެވެ.
މިއަދު ވެސް ކުރެވޭ ސުވާލަކީ ދިވެހިންގެ އިންސާނީ ހައްގުތައް ހިމާޔަތް ކުރެވިއްޖެ ތޯ އުފެދޭ ސުވާލެވެ. ހައްގަކާއި ނުލައި ދައުލަތުގެ ފަރާތުން އަނިޔާ ލިބޭ، ޖަލަށް ލެވޭ މީހުންގެ ހައްގުތަކަށް ބަދަލު ލިބޭ ބާވައެވެ؟
ޚިޔާލުތައް