ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ރާއްޖެ އައިސްގެން އުޅެނީ ކީއްކުރަން ތޯ ބައެއް މީހުން އަންނަނީ ސޯޝަލް މީޑިއާ އާއި ތަފާތު ފޯރަމްތަކުގައި ސުވާލު އުފައްދަމުންނެވެ. ބައެއް ފަރާތްތަކުން މިސުވާލު އުފައްދަނީ ކަމުގެ ހަގީގަތް ނޭނގި ކަމުގައި ގަބޫލުކުރަން ވެސް ދައްޗެވެ. އެހެނީ އެފަރާތްތަކަކީ ކަމުގެ ހަގީގަތް އެނގޭނެ ފަރާތްތަކެއް ކަން ގަބޫލުކުރެވޭތީއެވެ. އެފަދަ ފަރާތްތަކުން މިކަން ސިޔާސީކޮށް މައުލޫމާތު ފުރިހަމައަށް ނޭނގޭ ފަރާތްތަކަށް ހަގީގަތް އޮޅުވާލާއި ސިޔާސީ ކަންބޮޑުވުމެއް ގައުމުގައި އުފައްދަން އުޅެނީ ކަމަށް ވެސް ބުނެވެއެވެ.
މިކަމުގައި ހަގީގަތް ހާމަކޮށްދިނުމުގެ ގޮތުންކުރީގެ އެމްއެންޑީއެފްގެ ކެޕްޓަން އަލީ އިހުސާން ޓްވީޓް ކުރައްވަމުން ހާމަކޮށްފައި ވަނީ ސިޔާސީ ކަންކަމުގެ ތެރެއަށް މިލިޓަރީ ނުވެއްދުމަށެވެ.
އިންޑިއާ ސިފައިންގެ ގިނަ ބަޔަކު މިދުވަސްކޮޅު ރާއްޖެ އައިސްގެން އުޅެނީ، މާ ކުރީގެ އާދައެއްގެ ގޮތުން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވާ މިލިޓަރީ ތަމްރީނެއްގައި ބައިވެރި ވުމަށެވެ. “ދޯސްތީ” އަދި ‘އެކުވެރިން’ ގެ ނަމުން ނަން ދެވިފައިވާ މި ތަމްރީނުގައި އެއް އަަހަރު އިންޑިއާ ސިފައިން ރާއްޖެ އަންނަ ގޮތަށް، އަނެއް އަހަރު ރާއްޖެ ސިފައިން ތަމްރީނު ހެދުމަށް ދަނީ އިންޑިއާއަށް ކަމަށް އިހުސާން ލިޔުއްވާފައި ވެއެވެ.
މިއީ ސިޔާސީ ކަމެއް ނޫން ކަމަށާއި، ކަމުގެ މައުލޫމާތު ނޭނގޭ ފަރާތްތަކުން ކަންކަން އޮޅުވާލާ މަސްހުނިކުރަން ނޫޅެ، ސިފައިން އެމީހުގެ ޕްރޮފެޝަންލަ ކަންކަން ކުރުމަށް ދޫކޮށްލުމަށް އޭނާ ގޮވާލާފައިވެއެވެ.
މިއީ 1992 ވަނަ އަހަރުން ފެށިގެން ކުރިޔަށްގެންދާ ތަމްރީނު ތަކެކެވެ. މިތަމްރީނުތަކުގައި ސްރީލަންކާ އިން ބައިވެރިވާން ފެށީ 2012 ވަނަ އަހަރުން ފެށިގެންނެވެ. މިއީ މިތަމްރީނު ސިލްސިލާ ޕްރޮގްރާމުގެ 14 ވަނަ ފަހަރެވެ. މިފަހަރުގެ ތަމްރީނުތަކުގައި ތިން ގައުމުން 200 އެއްހާ ސިފައިން ބައިވެރިވާނެ ކަމަށް ކޯސްޓްގާޑު ސެކްޝަންގެ ލެފްޓިނެންޓް ކާނަލް މުހައްމަދު ސަލީމު ވަނީ ކުރިން މީޑިއާގައި ވިދާޅުުވެފައެވެ.
މިއީ އިންޑިއާ ގެ މިލިޓަރީ ބޭސްއެއް ރާއްޖެގަިއ ހެދުމެއް ނޫންކަމަށާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ގުޅޭގޮތުން އެއްވެސް އެއްބަސްވުމަށް ހަދާފައި ނެތް ކަމަށާއި އަދި ހަދަން ނުވިސްނާ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ މީޑިއާގައި ވިދާޅުވެފައެވެ.
ނަމަވެސް އިންޑިއާއިން ރާއްޖެ ހަދިޔާކުރި މިލިޓަރީ ދެ ހެލިކެޕްޓަރު ރާއްޖޭގައި ބާއްވާނެ ކަމަށާއި އެއީ އިމަރޖެންސީ ހާލަތްތަކުގައި ރަށްރަށުން ބަލިމީހުން އުފުލުމަށް ބޭނުންކުރަން ކަމަށް ރައީސް އިބްރާހިމް މުހައްމަަދު ސޯލިހު ވިދާޅުވެފައި ވެއެވެ. އަދި މިކަމާއި ގުޅޭގޮތުން އިންޑިއާ ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސް ވުން މިހާރު ވަނީ އާކޮށްފައެވެ.
ޚިޔާލުތައް