ފުވައްމުލަކަކީ ރާއްޖޭގެ އެހެން ރަށްތަކާއި ހިލާފަތް ގުދުރަތީ ގޮތުން ތަފާތު ސިފަތަކެއް ލިބިފައިވާ، ރާއްޖޭގައި އެފަދަ ދެވަނައެއް ނެތް ރީތީރަށެކެވެ. އެހެންކަމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުން ފުވައްމުލަކަށް ވަރަށް ދާހިތްވެއެވެ.
ނަމަވެސް، ފުވައްމުލަކަށް ދާ ކޮންމެ މެހްމާނަކުވެސް ދަތުރު ނިންމާފައި އެނބުރި ދަނީ ވަރަށް ހިތްދަތިކަމާ އެކުގައެވެ. ފުވައްމުލަކަށް ޗުއްޓީ ހޭދަކޮއްލަން ދިޔަ ބައެއް ރައްޓިހންނާއި ސުވާލެއް ކޮއްލީމެވެ! ސުވާލަކީ ފުވައްމުލަކުގައި އުޅުނު އިރު އެންމެ އުނދަގޫވި ކަމަކީ ކޮބައިތޯއެވެ. ޖަވާބުގައި އެންމެވެސް ބުނީ އާދަޔާ ހިލާފަށް މަދިރި ގިނަވުން ކަމަށެވެ.
ފުވައްމުލަކުގައި އިންސާނުން އުޅެން ކަމުނުދާ ވަރަށް މަދިރި މިހާރުވަނީ ވަކި ހިއްޕާލާފައެވެ. މަދިރި އަކީ ނުރައްކާތެރި އެތަކެއް ބަލިތަކެއް ފަތުރާ އެއްޗަކަށް ވަތީ މިކަމަކީ ސީރިއަސް ވާން ޖެހޭ މައްސަލައެކެވެ.
ރަށުގެ ދުވަސްވީ މީހަކު ބުނިގޮތުގައި އޭނާ ކުޑައިރު މަދިރި މިހާ ގިނައެއް ނޫނެވެ. ވޭތުވެދިޔަ 15 ވަނަ ވަރަކަށް އަހަރު ތެރޭގައި މަދިރިގެ އަބާދީ އާދަޔާ ހިލާފަށް ގިނަވެގެން ދިޔައީ، ނަރުދަމާއެއްނެތި ނަޖިސް ވަޅުތައް ގިނަވުމުން ކަމަށް އޭނާ ބުންޏެވެ. ރަށުގެ އެންމެ ގިނައިން މަދިރި އުފައްދާ ކާރުޚާނާތަކަކީ މިއީކަމަށް އެނާ ގަބޫލު ކުރެއެވެ. ނަޖިސް ވަޅެއްގައި ކުޑަ ލޯވަޅެއް އަޅަފިއްޔާ އެކަން އެނގޭނެ ކަމަށް އެނާ ބުންޏެވެ. ހޯސްލާފައި ދުންހޮޅިއަކުން ކަޅު ދުންއަންނަހެން، އެފަދަ ލޯވަޅަކުން މަދިރިތައް ނުކުމުގެން ދާތަން ފެންނާނެކަމަށް އޭނާ ބުންޏެވެ.
ފުވައްމުލަކު ގިނަ މީހުން ބުނާގޮތުން މަދިރި ފުވައްމުލަކުގައި އެހާ ގިނައީ ޗަކަ ބިން ބޮޑުވެފައި އޮޅުތައް ގިނަވީމައެވެ. ވިއްސާރަ ވެއްޖެނަމަ ފުވައްމުލަކުގެ ޗަކަ ބިންތައް އޮންނަނީ ފެންބޮޑުވެފައެވެ. އަދި މި ފެންތައް ހިނދެނީ މޫސުމް ރަނގަޅުވާތާ ދުވަސްކޮޅެއް ފަހުންނެވެ. އަދި، ރަށުން ފެން ބޭރުކުރަން ހަދާފައިވާ ކާނުތަކުގައި ފެން ހަރުލާފައި އެތައް ދުވަހެއް ވަންދެން ހުރެއެވެ. މިއީ ހައްތާވެސް މަދިރި އާލާވާ ތަންތަނެވެ.
މަދިރި ކޮންމެ ގޮތަކަށް އުފެދުނަސް، މިހާރު ފުވައްމުލަކުވަނީ މަދިރީގެ ހާއްޔަކަށްވެފައެވެ. އިންސާނުން އުޅެން ހަޤީޤަތުގައި ކަމުނުދާ ހިސާބަށް މަދިރި ގިނައެވެ. މަދިރިތައް ފަތުރާ ވަރަށް ނުރައްކާތެރި ބޮޑެތި ބަލިތައް އެބަހުއްޓެވެ. ފުވައްމުލަކަށް މީގެ ބައްޔެއް ތަޢާރަފް ވެއްޖެނަމަ ދެނަކާ ދެނެއް ނޯންނާނެއެވެ. ދުނިޔޭގެ އެއްބިތުގައި ކިތަންމެ ނުރައްކާތެރި ބައްޔެއް ފެތުރުނަސް އަޅުގަނޑުމެން ދިވެހިން ތިބީ މިހާތަނަށް ރައްކާތެރިކަމުގެ ތެރޭގައެވެ. ނަމަވެސް، ޒަމާން ބަދަލުވެ ދަތަރު ކުރުން ގިނަވުމުގެ ސަބަބުން ދުނިޔޭގައި ކިތަންމެ ނުރައްކާ ބައްޔެއް ފެތުރުނަސް އެބައްޔެއް ރާއްޖެއަށް ނައިސް ނުދެއެވެ. މަދިރީގެ ސަބަބުން ޖެހޭ ނުރައްކާތެރި ފުރާނައަށް ގެއްލުންވާ ބައްޔެއް ފުވައްމުލަކު ފަދަ ރަށަކަށް ފާ ނުކުރައްވަނީ ހަމަ ﷲ ގެ އޯގާވެރިވަންތަކަމުން ކަން ޔަޤީނެވެ.
މަދިރި ކޮންޓްރޯލް ކުރުމާ ގުޅޭ ވާހަކަ ދައްކާ އަޑު ދޭތެރެއަކުން އިވެއެވެ. ދޭތެރެއަކުން ކޮށްލާ ހައިރާތެއްގައި ރަށުތެރެއަށް ފޮގް ކުރާ ވާހަކަވެސް އަޑުއިވެއެވެ. އެކަމަކު ގަބޫލުކުރަން ޖެހޭ ހަޤީޤަތަކީ މަދިރީގެ އަދަދު މަދުކުރުމަށް މިހާތަނަށް ފުވައްމުލަކުގައި ސީރިއަސް މަސައްކަތް ތަކެއް ކުރެވިފައި ނެތްކަމެވެ. ސަބަބެއްކަމަށް ބެލެވެނީ މިކަމުގެ ސަބަބުން ދިމާވާ އެތަކެއް ބަލިތަކުން ލިބިދާނެ ގެއްލުމަކަށް އަޅާނުލެވުމާއި މަދިރީގެ ސަބަބުން ދިމާވާ ދަތިތަކަށް ރައްޔިތުންނާއި ވެރިންގެ ފަރާތުން މާބޮޑު ފަރުވާލެއް ނުބެހެއްޓެވުމެވެ. ފުވައްމުލަކު ރައްޔިތުންނަށް މަދިރީގެ ދުއްތުރާތަކާއެކު ދިރިއުޅެން މިހާރު ވަނީ އާދަވެފައެވެ.
މިދާއިރާއިން ފުންނާބުއުސް ފަރާތެއްގެ ގާތުގައި ފުވައްމުލަކުގައި މަދިރީގެ އަދަދު ހަމަ މަދު ނުކުރެވޭނެ ބާވައޭ އެހުމުން ވިދާޅުވީ މަދިރި މަދުކުރުމަކީ ރަނގަޅަށް އެކަން ކޮށްފިއްޔާ ފަސޭހަކަމާއެކު ވެދާނެ ކަމެއް ކަމަށެވެ. އެގޮތުން ދެ ހަފްތާއިން އެއް ހަފްތާގައި ގަވާއިދުން ފޮގް ކުރެވޭނަމަ މަދިރި ވަރަށް ބޮޑުތަން މަދުވެގެން ދާނެ ކަމަށް އޭނާ ބުންޏެވެ. ސިއްޚީގޮތުން ރައްޔިތުންނަށް ލިބޭ ގެއްލުން ތަކުން ސަލާމަތްވުމަށް އެއީ ކޮންމެހެން ކުރަން ޖެހޭ ޚަރަދެއް ކަމަށާއި އަދި އެފަދަ މުހިއްމު ކަމެށް ކުރުމަށް ހޭދަކުރަން އެއީ މާ ބޮޑު ޚަރަދެއް ނުންކަމަށް ވިދާޅުވިއެވެ. އަދި އެއީ މިއަށްވުރެ މަދިރި މަދު ގައުމުތަކުގައިވެސް އާންމުކޮށް ކޮށްއުޅޭ ކަމެއްކަމަށް އޭނާ ބުންޏެވެ.
މަދިރީގެ އުނދަގޫތަކުން ސަލާމަތްވުމަށް އަމަލީ މަސައްކަތްތަކެއް މިހާރުން މިހާރަށް ކުރަންޖެހެއެވެ. ވެރިކަން ކުރާރަށް މާލެ ގައި މަދިރީގެ ދުއްތުރާތަކާއި ކުރިމަތިލާން ޖެހިއްޖެނަމަ، އެކަންވީ ވަރަށް ސީރިއަސް ކަމަކަށެވެ. ކަމާބެހޭ އިދާރާތަކައި ޓިވީރޭޑިއޯއިން އެ ހަބަރު ވަރަށް ޝައުގުވެރި ކަމާއި އެކު ކަވަރު ކުރާނެއެވެ. އެހެންނަމަވެސް ފުވައްމުލަކު ރައްޔިތުން މަދިރި ތެރޭގައި ކައިބޮއި، ފެންވަރައި، ދަރިން ނިންދުވައި، ދެންވެސް ކުރަން ހުރި ކަންތައްތައް ކުރަމުންދާއިރު އެއީ އެއްވެސް ކަމަކަށް ނުވާކަހަލަ އެވެ. ބަލަ، ރާއްޖެތެރެއަށް ނިސްބަތް ވިޔަސް އެވެސް ދިވެހި ރައްޔިތުން ނޫންތޯއެވެ؟؟
ޚިޔާލުތައް