ބިޔަ ބޮޑު ހައިމާކުން ކޮންމެވެސް ދިމާލަކުން ވަޅުގަނޑެއް ކޮނެ ފަސް ނަގައިގެން ޓްރެކްޓަރަށް ފަސްކޮޅު ލައިގެން ގެންގޮސް މަގަށް އަޅާާލާނެއެވެ. ކުދިބޮޑު އެންމެން ނިކުމެ ތިބެ ލޯޑަރުން މަގު ކަހާލާއި ފަސްކޮޅު އެއްވަރު ކުރާތަން ބަލަން ތިބޭނެއެވެ. މަގު ހަދާތަން ބަލާށެވެ. ޅަފުރާގެ ދުވަސްތައް ހަނދާން އެބަހުރި ހެއްޔެވެ؟ އޭރު ފުވައްމުލަކުގެ މަގުތަކުގެ ހާލަތު ހުރި ގޮތް ހަނދާން އެބަހުރި ހެއްޔެވެ؟ ފުވައްމުލަކު ގިނަ ރައްޔިތުން އަދިވެސް ހަނދާން ހުންނާނެއެވެ. ފުވައްމުލަކު ގިނަ މަގުތަކުގެ ހާލަތު މިއަދާއި ޖެހެންދެން ހުރީ ނިކަމެތިި ހާލަތެއްގައެވެ.
ދިވެހިރާއްޖޭގައި ތާރުއަޅައިގެން ޒަމާނީ ފެންވަރަށް މަގު ހަދަން ފެށުމާއިއެކު އެންމެ ފުރަތަމަ ހެދުނު މަގުތަކުގެ ތެރޭގައި ފުވައްމުލަކު ތާރުމަގު ހިމެނެއެވެ. އެއީ ރައީސް މައުމޫންގެ ވެރިކަމުގައި 2002ވަނަ އަހަރުއެވެ. އެފަހުން މިހާރު 17 އަހަރަށްވުރެ ގިނަ ދުވަސްވީއެވެ. އެފަހުން ފުވައްމުލަކު ރައްޔިތުންނަށް ތާރު ވަސް ދުވީ ހަމައެކަނި ރައީސް ނަޝީދުގެ ވެރިކަމުގައި އެއަރޕޯޓް އެޅިއިރު އެއަރޕޯޓުންނެވެ.
ޒަމާނީ ފެންވަރަށް ތާރުއެޅިގެން ރަށުގެ މަގުތައް ހެދިފައި އޮތުމަކީ ތޭރަހާސް ފުވައްމުލަކު ރައްޔިތުންގެ ހުވަފެނެކެވެ. ރައީސް މައުމޫންގެ ވެރިކަމުގައި ބަނދަރުން ފެށިގެން މާނޭރެ އާއި ހަމަޔަށް ވަނީ ރަނގަޅު ފެންވަރަކަށް ތާރުއަޅައިގެން މަގެއް ހައްދަވާދެއްވާފައެވެ. އޭގެ ފަހުން ވެރިކަމަށް ވަޑައިގެންނެވި ރައީސް ނަޝީދުގެ ދައުރުގައި މަގު ހަދަން އުޅުނެވެ. ހޮސްޕިޓަލާއި ސްކޫލުތައް ހުންނަ މަގާއި، ހެރަހަ މަގު އަދި ކްރިކެޓް ސްޓޭޑިއަމް ހުންނަ ސަރަހައްދުގެ މަގު ހަދައި ރަށު ތެރޭގެ މުހިންމު މަގުތައް ހެދުމަށް އިސްކަން ދެއްވައިގެން ފުވައްމުލަކު ބައެއް ސަރަހައްދުތަކުގައި މަގުހެދުމުގެ މަޝްރޫއެއް ފެއްޓުމަށް ބޭނުންވާ ގާފަދަ ތަކެތި ރަށަށް ގެނައެވެ. ނަމަވެސް އޭރު އަތޮޅު ކައުންސިލްގައި އިނދިކޮޅަށްތިއްބެވި ބޭފުޅުން ނަރުދަމާގެ މަސައްކަތް ނިންމުމަށްފަހު ނޫނީ މަގުތައް ހަދަން އެއްބާރުލުމެއް ނުދީ ތިބެ ވެރިކަން ބަދަލުވެ މަގު ހެދުން ހުއްޓުމަކަށް އައީ އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި 2016ވަނަ އަހަރު އޯގަސްޓްމަހު ފުވައްމުލަކު މަގު ހެދުމުގެ މަސައްކަތް 1 އަހަރު ދުވަސްތެރޭގައި ނިންމާ ގޮތަށް އެމްއާރުޑީސީ އާއި ހަވާލުކުރިއެވެ. އެވެރިކަމުގައި މަގުގެ ފަސްކޮޅު އެއްވަރު ކުރުމާއި، ހިލަ ފުންޏަކާއި. މަގުގެ އަރިމަތީގައި ގާ ޖެހުން ފިޔަވައި އިތުރު ކަމެއް ނުކުރެވުނެވެ. މަގު ހެދީ ނޫސްތަކުގެ ފަލަ ސުރުހީގައެވެ. ތާރު އެޅީ ސޯޝަލް މީޑިއާގައެވެ. މަގު ހަދަން ހަވާލުކުރި އެމްއާރުޑީސީ ކުންފުނި ކޮރަޕްޝަނުގެ ކަނޑަކަށް އަރަގުވެގެން ދިޔައީއެވެ. މަގު ހަދާ ވާހަކަ ދެކެވުނަސް މަގެއްނެހެދެއެވެ.
އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ފުވައްމުލަކުގެ މަގުތައް ހެދުމުގެ މަސައްކަތް
ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެވަޑައި ގެންނެވި އިރު ފުވައްމުލަކުގެ މަގުތަކުގެ ހާލަތު އޮތީ ވަރަށް ނިކަމެތިކޮށެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ފުވައްމުލަކު ބޮޑެތި މަގުތަކުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހައްދަވައި ދެއްވާނެ ކަމުގެ ވައުދާއިއެކުއެވެ. އެހެންކަމުން ކުރީ ސަރުކާރުތަކުން ހަދަން އުޅެއުޅެ ނުހެދި އޮތް ނައިބުތުއްތުމަގު ހެދުމުގެ މަސައްކަތަށް ސޯލިހް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވިއެވެ.
އެގޮތުން ތާރުމަގު ހެދުމުގެ އަމަލީ މަސައްކަތް ސަރުކާރުގެ ފުރަތަމަ މަސައްކަތުގެ 100 ދުވަހުގެ ތެރޭގައި ފެށުމަށް ހަމަޖެއްސިއެވެ. ނަމަވެސް ރައްޔިތުން އެދޭގޮތަށް އެމަސައްކަތް ކުރަން އިތުރު ޚިޔާލު ހޯދަން ވެގެން އެދުވަހަށް ނުފެށުމުން ފުވައްމުލަކު ރައްޔިތުންނަށް މާޔޫސްކަން ލިބުނެވެ. ކުރީ ސަރުކާރުން ދެއްކި ހުވަފެން ދައްކަނީ ކަމަށް ބުނެ އެމަގު ނެހެދޭނެއޭ ބުނެ ޗެލެންޖްކުރި މީހުންވެސް މަދެއް ނޫނެވެ.
މާޔޫސްވެފައި ތިބި ރައްޔިތުންނަށް އާ އުއްމީދެއް ލިބުނީ ސޯލިހްގެ ވެރިކަމުގެ ފުރަތަމަ އަހަރު މާރޗު މަހު 27 ވަނަ ދުވަހު ތާރު އަޅައި ޒަމާނީ ފެންވަރަކަށް އެމަގު ހެދުމަށް 32މިލިއަން ރުފިޔާއަށް އެމްޓީސީސީ އާއި ހަވާލުކުރުމުންނެވެ. ފަންނީ މާހިރުންގެ ލަފަޔާއި ރައްޔިތުންގެ މަޝްވަރާ ސިޓީ ކައުންސިލް މެދުވެރިކޮށް ހޯދުމަށްފަހު މަގު ހަދާނެ ގޮތާއި ޑިޒައިން ފައިނަލް ކުރުމަށްފަހު ތާރުމަގު ހެދުމުގެ މަސައްކަތް ފެށުނެވެ. ފެންނަ ފެނުމަށް އެމަސައްކަތް މިއަހަރު ތެރޭގައި މަސައްކަތް ނިމޭނެއެވެ.
ރައީސް ސޯލިހުގެ ސަރުކާރުގެ ވައުދާއި އެއްގޮތަށް ފުވައްމުލަކު ބޮޑެތި އެހެން މަގުތައް ހަދަންވެސް ވަނީ މިހާރު ބަޔަކާއި ހަވާލުކުރެވިފައެވެ. 270 މިލިއަން ރުފިޔާއަށް އެމްޓީސީސީ އާއި ހަވާލުކޮށްގެން ގެންދާ މިމަސައްކަތް 2 އަހަރު ދުވަސް ތެރޭގައި ނިންމަން ޖެހެއެވެ.
ފުވައްމުލަކު މަގުތައް ހެދުމާއި ގުޅޭ މަސައްކަތުގެ މައުލޫމާތު
– މަގު ހެދުމަށް ރައްޔިތުންެ ހިޔާލު ހޯދައި އެންމެ ބޭނުންވާ މަގުތަކަށް އިސްކަންދީގެން މަގުތައް ހެދުން
– ފުވައްމުލަކު ރިންގް ރޯޑް ތާރު ޢަޅައިގެން ހެދުން (2.9 ކިލޯމީޓަރު)
– ފުވައްމުލައް ސިޓީގެ 31 މަގެއްގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހަދާނެ (16 ކިލޯމީޓަރު)
– މަގުމަތީބައްތި ޖެހުން
– މަގުމަތީގެ ސަލާމަތާބެހޭ ކަންތައްތައް ހިމެނުން
– 2 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ފުރިހަމަ ކުރުން
– ފުވައްމުލަކު މަގުތައް ހެދުމުގެ މަޝްރޫއުތަކަށް 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީކަނޑައެޅިފައި
މިދުވަސްކޮޅު ސޯޝަލްމީޑިޔާ އަށް ވަދެލުމުން ފެންނަނީ ފުވައްމުލަކު ރިންގް ރޯޑު ހެދުމުގެ މަސައްކަތް ކުރިޔަށް ދާ ގޮތެވެ. ތާރު އަޅަމުން ގެންދާ ތަނުގެ ފޮޓޯ ތަކެވެ. މަގު ހަދަން ފެށި ތާރު އެޅުމުގެ މަސައްކަތް ފެށުމާއި އެކު ފުވައްމުލަކު ރައްޔިތުންނަށް މިވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ. އެއް ބަޔަކު ޝުކުރިއްޔާ ރައީސް ސޯލިހް ޝުކުރިއްޔާ ނައިބު ރައީސް ފައިސަލް ނަސީމޭ ވެސް ދަންނަވަތެވެ. އަނެއްބަޔަކު އެޖެންޑާ19 ސަޅިއޭ ކިޔައި ފުވައްމުލަކު މަޖިލިސް ތިން މެމްބަރުން ކުރަމުންދާ މަސައްކަތް ފާހަނގަ އެބަކުރެއެވެ.
ޚިޔާލުތައް