މާލެގަން ފުޓްސަލް ޗެލެންޖް 2020 ގެ ގަދަ 16 ގެ ފަހު ކުރިމަތިލުމުގައި ރަސްގެފަންނު އެފްސީ، ހޯދަޑު ސްޕޯޓްސް، އެފްސީ ދަޑިމަގު އަދި އެފްސީ ފުނާޑިއަންސް ކާމިޔާބުކޮށްފިއެވެ.
އިއްޔެ ކުޅެވުނު ގަދަ 16 ގެ ފަހު ހަތަރު މެޗުގެ ތެރެއިން ރަސްގެ ފަންނު އެފްސީ ކުޅުނު މެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ އެފްސީ ދަޑިމަގު ޖޫނިއާސް އާއި ވާދަކޮށް 7-3 ލަޑުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރަސްގެފަންނު އެފްސީ ގެ އިސްމާއީލް އަލީފެވެ.
ހޯދަޑު ސްޕޯޓްސް ކްއާޓާ ފައިނަލަށް ދަތުރުކުރީ ދޫޑިގަލާނޯ ޑްރީމްސް އާއި ވާދަކޮށް 8-0 ލަޑުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހޯދަޑު ސްޕޯޓްސްގެ އަޔާޒު އަހުމަދެވެ.
އަދި އެފްސީ ދަޑިމަގާއި އެފްސީ ވަރުނުލާ ވާދަކުރި މެޗު 12-1 ލަޑުގެ ބޮޑު ތަފާތުން ކާމިޔާބުކުރީ އެފްސީ ދަޑިމަގެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްސީ ދަޑިމަގުގެ އަހުމަދު ސިނާހެވެ.
އިއްޔެ އެފްސީ ފުނާޑިއަންސް ކުޅުނު މެޗު އެޓީމު ގެންގޮސްފައިވަނީ 4-1 ލަޑުން ދޫޑިގަލާނޯ ޖޫނިއާސް ބަލިކޮށްގެނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްސީ ފުނާޑިއަންސްގެ ހުސެއިން ވިފާގެވެ.
ވިއްސާރައިގެ ސަބަބުން އިއްޔެނޫން ކުރީ ދުވަހު ކުޅެން އޮތް މެޗުތައް އިއްޔެ އަށް ފަސްކުރުމާއި ވިދިގެން އިއްޔެ ކުޅެން ރޭވިފައިވާ ކްއާޓާ ފައިނަލްގެ މެޗުތަކުގެ މިއަދަށް ވަނީ ޝެޑިއުލް ކުރެވިފައެވެ.
މިއަދުގެ ކުއާޓާ ފައިނަލުގު ފުރަތަމަ މެޗު ފެށޭނީ ހަވީރު 4:00 ގައެވެ. އެމެޗުގައި ބައްދަލުކުރާނީ އެފްސީ ފުނާޑިއަންސް އާއި ހޯދަޑު ސްޕޯޓްސް އެވެ. ދެވަނަ މެޗުގައި އެފްސީ ދިގުވާނޑު ނިކުންނާނީ ރަސްގެފަންނު އެފްސީ އާއި ދެކޮޅަށެވެ. އެމެޗު ފެށޭނީ މިއަދު ހަވީރު 5:00 ގައެވެ. ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި މިރޭ 8:15 ގައި ކުރުބާ އެފްސީ ނިކުންނާނީ ކަންމަތި ސްޕޯޓްސް އާއި ދެކޮޅަށެވެ. ކްއާޓާ ފައިނަލުގެ ފަހު މެޗުގައި އެފްސީ ދަޑިމަގު މިރޭ 9:15 ގައި ނިކުންނާނީ އެފްސީ ދޫޑިގަލާނޯއާއި ދެކޮޅަށެވެ.
ޚިޔާލުތައް