ފުވައްމުލަކު ސިޓީގައި ކުރިއަށްދާ މާލެގަން ފުޓްސަލް ޗެލެންޖްގެ އެންމެގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ތިން ކުޅުންތެރިން މިއަދު ހާމަކުރިއިރު އެމަގާމުގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. މިމުބާރާތުގެ ދެވަނަބުރާއި ކުއާޓާފައިނަލުގައި ހޯދަޑު ކުޅުނު މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަޔާޒު އަހުމަދު މިހާތަނަށް 19 ގޯލް ކާމިޔާބުކޮށް ލަނޑު ލިސްޓްގެ އެއްވަނައިގައިވީ ނަމަވެސް، އަޔާޒަށްވުރެ އެއްގޯލް މަދުން ކާމިޔާބުކޮށް ލަނޑު ލިސްޓްގެ ދެވަނަ ހޯދާފައިވާ އަހުމަދު ސިނާހަށް ވެސް ލަނޑު ލިސްޓްގެ އެއްވަނަ ލިބުނު ފުރުސަތު ނުގެއްލެއެވެ. ދެވަނަ ބުރުގައި ދަޑިމަގު އެފްސީ ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަހުމަދު ސިނާހު މިހާތަނަށް 18 ގޯލް ކާމިޔާބު ކުރެވިފައިވުމާއި އަދި މާދަމާގެ ފައިނަލް މެޗަށް ނިކުންނައިރު އެންމެ ގޯލެއްގެ ތަފާތުން ދެވަނައިގައި ވުމަކީ ސިނާހަށް ލިބޭ ހިތްހަމަޖެހުމެކެވެ. ލަނޑު ލިސްޓްގެ ތިންވަނާގައި ވަނީވެސް ދަޑިމަގު އެފްސީ ގެ ކުޅުންތެރިއެކެވެ. ދަޑިމަގު އެފްސީ ކުޅުނު ކުއާޓާ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ ހާފިޒު ވަނީ 16 ގޯލު ކާމިޔާބުކޮށް ލަނޑު ލިސްޓްގެ ތިންވަނަ ހޯދާފައެވެ.
މާދަމާގެ ފައިނަލް މެޗަށް ހޯދަޑު ސްޕޯޓްސް އާއި ދަޑިމަގު އެފްސީ ނިކުންނައިރު މިދެޓީމުގެ އެންމެ އުއްމީދީ ދެލަޑު ޖެހުންތެރިން ލަނޑު ލިސްޓްގެ 1 އަދި 2 ގައި ވުމަކީ ޗެމްޕިއަން މަގާމަށް ވާދަކުރުމުގެ އިތުރުން އެންމެ ގިނަ ގޯލް ކާމިޔާބުކުރާ ކުޅުންތެރިޔާގެ މަގާމަށްވެސް ކުރެވޭ ވާދައެކެވެ. ގުރޫޕް ސްޓޭޖުގައި 35 ގޯލް ކާމިޔާބުކުރި ދަޑިމަގު ޓީމު ގްރޫޕް ސްޓޭޖްގެ އިތުރުން ދެވަނަ ބުރާއި ކްއާޓާ ފައިނަލުގައިވެސް ހޯދަޑު ސްޕޯޓްސްއަށްވުރެ ގިނަ ގޯލް ކާމިޔާބުކުރިއެވެ. ނަމަވެސް، ސެމީ ފައިނަލުގައި އެންމެ ގޯލެއް ދަޑިމަގު ޓީމުން ކާމިޔާބު ކުރެވުނު އިރު ހޯދަޑު ކުޅުނު ސެމީ ފައިނަލުގައި އެޓީމުން 4 ގޯލް ވަނީ ކާމިޔާބުކޮށްފައެވެ.
މިއާއިއެކު، މާދަމާ ރޭ 8.30 ގައި ފެށޭ ފައިނަލް މެޗަކީ ހުރިހާ ގޮތަކުންވެސް ވާދަވެރި ފައިނަލަކަށް ވެގެންދާނެއެވެ.
ޚިޔާލުތައް