މިހާރު އައްޑޫ ސިޓީ ހިތަދޫ މަނިކް ސްޓޭޑިއަމްގައި ކުރިޔަށްދާ ވަގުތު ފުޓްސަލް ޗެލެންޖްގައި ފުވައްމުލައް ސިޓީއިން ބައިވެރިވި 3 ޓީމު ވެސް 2 ވަނަ ބުރުގައި ވާދަކުރަން ވަނީ ކޮލިފައިވެފައި ވެއެވެ. މުބާރާތުގެ ދެވަނަ ބުރަށް މުޅިއެކު 16 ޓީމަކުން ވަނީ ކޮލިފައިވެފައެވެ.
މިއަދު ހަވީރު ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ވާދަކުރަނީ އައްޑޫ ސިޓީ ދެ ޓީމު، އަދި މިދިޔަ އަހަރުގެ ޗެމްޕިއަން އެފްސީ އުސްގަނޑަ އާއި އެފްސީ ހަބޭސް އެވެ. ދެވަނަ ބުރަށް ދަތުރުކޮށްފައިވާ ހޯދަޑު ސްޕޯޓްސް ޓީމާއި އައްޑޫ ސިޓީއަށް ނިސްބަތްވާ ލޮނަ ޓީމު ބައްދަލު ކުރާ މެޗު ފަށާނީ މިރޭ 8:00 ގައެވެ.
އަދި މިރޭގެ 2 ވަނަ މެޗުގައި މާލެގަމު ސްޕޯރޓްސް ކްލަބް ބައްދަލުކުރާނީ ގއ. ނިލަންދޫއަށް ނިސްބަތްވާ އެފްސީ ޓޮޕް ބްރަދާސް އާއެވެ. މިމެޗު ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 9:00 ގައެވެ. ދެވަނަ ބުރުގެ 4 ވަނަ މެޗުގައި މިރޭ 10:00 ގައި ވާދަކުރާނީ ޒިލޮން ޓީމާއި ޒަފޮން ޓީމެވެ.
ފުވައްމުލައް ސިޓީއަށް ނިސްބަތްވާ މާލެގަމު ސްޕޯޓްސް ކްލަބު ވާދަކުރާނީ އެފްސީ ބޭރުމަތިއާ މާދަމާ ރޭ 9:00 ގައެވެ. މާދަމާ ވެސް 4 މެޗު ކުޅެ ދެވަނަ ބުރުގެ މެޗުތައް ނިމޭނެއެވެ.
މިއަހަރުގެ މުބާރާތުގައި 26 ޓީމަކުން ބައިވެރިވިއެވެ. އައްޑޫސިޓީގެ ޓީމުތަކުގެ އިތުރުން އެހެން ފުވައްމުލަކުގެ 3 ޓީމުގެ އިތުރުން ގއ. ނިލަންދޫ ޓީމަކާއި ރިޒޯޓަކަށް ނިސްބަތްވާ ޓީމުތައް ވެސް ބައިވެރިވެއެވެ.
މިއީ އޮންލައިން ނޫހެއް ކަމަށްވާ ‘ވަގުތު’ އިން ބައްވާ 4 ވަނަ ފުޓްސަލް މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ތައިޓްލް ސްޕޮންސަރަކީ ޑްރީމްސް ޕިއްޒާ އެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 150،000ރ.، ރަނަރަޕް ޓީމަށް 75،000ރ. އަދި 3 ވަނަ އަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން ކަނޑައަޅާފައި ވެއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާއަށް މަޝްޢަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާދަތުރެއް ދޭން ހަމަޖެހިފައި ވެއެވެ.
ޚިޔާލުތައް