ރާއްޖޭގެ ޒުވާން އުއްމީދީ ބެޓްމިންޓަން ކުޅުންތެރިއާ ލައިބާ އަހުމަދު މަހުލޫފް، އަރުމީނިއަން ޔޫތު އޯޕަން ބެޓްމިންޓަން މުބާރާތުގެ 13 އަހަރުން ދަށުގެ ތިން ކެޓަގަރީއިންވެސް ޗެމްޕިއަންކަން ހޯދައިފިއެވެ.
އަރްމީނިއާގެ ޔެރޭވަންގައި ހުކުރު ދުވަހު ފެށި މުބާރާތުގެ 13 އަހަރުން ދަށުގެ އުމުރުފުރާއިން، އަންހެން ސިންގަލްސް އާއި ޑަބަލްސްގެ އިތުރުން މިކްސްޑް ޑަބަލްސް އިވެންޓުން ވެސް ލައިބާ ވަނީ ޗެމްޕިއަންކަން ހޯދާފައެވެ.
މިކްސްޑް ޑަބަލްސްގައި ލައިބާ ކުޅުނީ އަރްމީނިއާގެ އެރިކް އެލޮޔާންއާ އެކު އެވެ. މި ޕެއާ ފައިނަލްގައި މޮޅުވެފައިވަނީ ސައިޕްރަސްގެ އަންޑްރެސް ސްޓްރޮވޮލިޑީސް އާއި އެމީލިއާ ސޮފޮކްލެއޮސްއާ ވާދަކޮށް 21-11، 25-23 އިންނެވެ. ޑަބަލްސްގައި ލައިބާގެ ޕާޓްނަރަކީ ސައިޕްރަސްގެ އެމީލިއާ އެވެ. އެމިލިއާ އާއި ލައިބާގެ ޕެއާ ވަނީ ފައިނަލް މެޗުގައި، ސައިޕްރަސްގެ ޒޯއިއާ ކުޓުޒޯވާ އާއި ޖޯޖޮއާގެ އަނާ ސާކިސިއަންއާ ވާދަކޮށް ދެ ސެޓް ވެސް 21-11 އިން ކާމިޔާބު ކޮށްފަ އެވެ. ސިންގަލްސް ފައިނަލްގައި ވާދަ ކުރީ އޭނާގެ ޑަބަލްސް ޕާޓްނަރު އެމީލިއާއާ ދެކޮޅަށެވެ. ސިންގަލްސް ފައިނަލްގައި ލައިބާ މޮޅުވީ 21-15، 21-11 އިންނެވެ.
މިއީ މިހާތަނަށް ލައިބާގެ ކެރިއަރުގެ އެންމެ ކާމިޔާބު ނަތީޖާ އެވެ. ބޭރުގެ މިކަހަލަ މުބާރާތެއްގައި ދިވެހި ބެޑްމިންޓަން ކުޅުންތެރިޔަކު މިހާތަނަށް މިވަރުގެ ހާސިލްވުމަކާ ހަމައަށް ވާސިލްވެވިފައެއް ވެސް ނުވެ އެވެ. މިއީ ލައިބާ މި އަހަރު ވާދަކުރި ބެޑްމިންޓަން ޔޫރަޕް ޖޫނިއާ ކަލަންޑަރުގައި ހިމެނޭ ތިންވަނަ މުބާރާތެވެ. އޭނާ ވަނީ މޮލްޑޯވާގެ މުބާރާތުން މިކްސްޑް ޑަބަލްސް ރިހި މެޑަލް އަކާއި ޑަބަލްސް އިން ބްރޯންޒް މެޑަލް އެއް ހޯދައިފަ އެވެ. އަދި އިޓަލީގައި އޮތް މުބާރާތުން ވަނީ ޑަބަލްސް އާއި މިކްސްޑް ޑަބަލްސް އިން ބްރޯންޒް މެޑަލް ހޯދައިފަ އެވެ.
ޚިޔާލުތައް