ފޯޅަވަހީގައި ބަނޑަހަ ޖަހައިގެން، މަސްވެރިކަމުގައި ގޮސް އުޅުނީ ދިވެހިން، ހާއްސަ ގޮތެއްގައި ފުވައްމުލަކު މީހުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ، “ފޯއްޅަވަހި: ރާއްޖޭގެ ފަޅުރަށެއް” މި ނަމުގައި އެމަނިކުފާނު ލިޔުއްވާފައިވާ ލިޔުމެއްގައެވެ.
އެ ލިޔުމުގައި ވިދާޅުވެފައިވަނީ 1700 ގެ އަހަރުތަކުގައި ފޯޅަވައްސަށް ގިނަ އަދަދަކަށް އަޅުން ގެންދެވުނު ކަމަށާއި ހަމަ އެ ދުވަސްވަރު ރާއްޖެއަށްވެސް ގިނަ އަދަދަކަށް އަޅުން ގެނެވޭކަމަށް ވިދާޅުވިއެވެ. އަދި ފޯޅަވައްސަށާއި މާލެއަށްވެސް އަޅުން ގެންނަނީ އެއްތަނަކުން ކަމަށާއި ފަރަންސޭސި ވިލާތާއި އިނގިރޭސި ވިލާތާއި ދެމެދު ހިންގަމުން ގެންދިޔަ ހަނގުރާމަތަކުގައި ކުރި ލިބޭ ގައުމަކަށް ފޯޅަވަހީގެ ސިޔާދަތީ ބާރު ފުރޮޅެމުން ދިޔަ ކަމަށެވެ.
މީގެ އިތުރުން 1965ވަނަ އަހަރު ފޯޅަވަހި ބަލަހައްޓަވަމުން ގެންދެވީ އިނގިރޭސިވިލާތުން ކަމަށާއި އެ ގައުމުގެ ދައުލަތުން ފޯޅަވަހި ދޫކޮށްލެއްވިއިރު އެރަށުގެ ސިޔާދަތީ ބާރު އެންމެ ފުރަތަމަ އެނބުރުނީ އެރަށުގެ އަހުލުވެރިންނަށް ކަމަށް ބުނެފައިވެއެވެ. އެހެންކަމުން ފޯޅަވަހިން އިނގިރޭސިން ފައިބާއިރު ޑިއޭގޯ ގާސިއާ އަދި އެހެނިހެން ބައެއް އަތޮޅުތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ފުރޮޅުނަސް ފޯޅަވަހީގެ ސިޔާދަތީ ބާރު އެންމެ ހައްޤީ ދިވެހިންނަށް ކަމަށް ވެސް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.
މިމޭރުމުން ރައީސް ނަޝީދު ލިއުއްވާފައިވާއިރު މީގެ ކުރިން އެމަނިކުފާނު ވިދާޅުވެފައިވަނީ އިހުޒަމާނުގައި ފޯޅަވައްސަކީ މީހުން ދިރިއުޅޭ ތިޔާގި ރަށެއް ކަމަށާއި، 1500 ގެ އަހަރު ތަކަށްފަހު ކުރަހަމުން އައި ދިވެހިރާއްޖޭގެ ގިނަ ޗާޓު ތަކުގައި އައްޑޫގެ ދެކުނުނަށް ފޯޅަވަހި ކުރަހާފައި އޮންނަ ކަމަށް، އަދި 1560 ވަނަ އަހަރު 9 ވަނަ ހަސަން ރަސްގެފާނު ގެ ސިޓީއެއްގައި އެ ރަދުން ބަޔާންކުރައްވަނީ ފޯޅަވަހީގެ 7 ރަށް އެއީ ރާއްޖޭގެ ރަށްތަކެއްކަމަށެވެ.
ފޯޅަވަހީގެ ސިޔާދަތީ ބާރުވެރިކަން ހޯދުމަށް އަދި މޮރީޝަސްގެ އިން ކަނޑައެޅުމަށް އެގައުމުން ހުށަހަޅާފައިވާ މައްސަލައިގައި، މިކަމުގައި ދިވެހިންގެ ތެރޭގައި ހުރި ކަމުގެ ތަޖުރިބާކާރުންނާއި، މާހިރުން އަންނަނީ އެބޭފުޅުންގެ ރައުޔު އިއްވަމުންނެވެ. ބައެއް ފަރާތްތަކުން ފޯޅަވަހީގައި ދިވެހިން ދިރިއުޅުނު ކަމުގެ ހެކިތައް ނުވަތަ ފޯޅަވައްސަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި އޮތްކަމުގެ ހެކި ފެންނާން އެބައޮތްކަމަށް ވިދާޅުވާއިރު، އަނެއްބައި ބޭފުޅުން ވިދާޅުވަނީ އެއްވެސް އިރެއްގައި އެއްވެސް ގޮތަކުން ދިވެހިންނާއި ފޯޅަވައްސާއި ގުޅުވެން ނެތްކަމަށެވެ. އަދި ދިވެހިންނަށް އެތަނުގެ މިލްކުވެރިކަމަށް ދައުވާ ނުކުރެވޭނެ ކަމަށެވެ.
ޚިޔާލުތައް