31 މެއި 2020 ( އާދީއްތަ )

banner

ޤާނޫނު ނަންބަރު 2013/7 (ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު) ގެ 32 ވަނަ މާއްދާއަށް އެއް އަހަރު ދުވަހަށް އަމަލުކުރުން ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުން ހުއްދަ ދިނުން!

ލިއުނީ: މުޙައްމަދު ރަޝީދު (ދޮންބެ)، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު.

ނޯޓު: މި ލިއުމަކީ 2020 އެޕްރީލް 26 ވަނަ ދުވަހު މި އަހަރުގެ ފުރަތަމަ ދައުރުގެ 30 ވަނަ ޖަލްސާގައި ޤާނޫނު ނަންބަރު 2013/7 (ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު) ގެ 32 ވަނަ މާއްދާއަށް އެއް އަހަރު ދުވަހަށް އަމަލުކުރުން ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުން ދިން ހުއްދައާ ގުޅޭގޮތުން ރައްޔިތުންގެ އިންތިޚާބީ މަންދޫބެއްގެ ހައިސިއްޔަތުން ދެކޭގޮތް ހާމަކުރުމުގެ ގޮތުން ލިޔާ ލިއުމެކެވެ. ދިމާވި ޓެކުނިކަލް މައްސަލައަކާ ގުޅިގެން އެ ބަހުސްގައި އަޅުގަނޑަށް ބައިވެރި ނުވެވުމާއެކު، މިހާ މުހިންމު މައްސަލައަކާ މެދު އަޅުގަނޑު ދެކޭގޮތް އަޅުގަނޑު އިންތިޙާބުކުރި ރައްޔިތުންނަށް އެނގުމަކީ މުހިންމުކަމެއް ކަމުގައި ދެކެމެވެ.

ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް އުފައްދާނޭކަމުގެ ވަޢުދަކީ އެޖެންޑާ 19 ގެ މުހިންމު ވައުދެކެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބު ވީގޮތުން (65 މެންބަރުން އެމް.ޑީ.ޕީ) ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ ރައްޔިތުން ހަވާލު ކުރީ އެމް.ޑީ.ޕީ ގެ މެންބަރުންނާއެވެ.

ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންނެވީ ކުރުމުއްދަތުގައި ދައުލަތުގެ ޚަރަދުތައް ފޫބެއްދުމުގެ ގޮތުން ޕަބުލިކު ބޭންކު އެކައުންޓުން އޯވަރޑުރޯ ކުރެވޭ ލިމިޓު މަތިކުރުމަށެވެ. މިގޮތުން ފިނޭންސް މިނިސްޓަރު އެދިވަޑައިގެންނެވި ކަންތައްތަކަކީ:

1 ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި (ރ) އަދި (ބ) ގައި ބަޔާން ކޮށްފައިވާ ހަމަތަކާއި އުސޫލުތަކަށް 1 އަހަރު ދުވަހުގެ އިސްތިސްނާއެއް ދިނުމަށެވެ.

2 ޕަބުލިކު ބޭންކު އެކައުންޓުން 4.4 ބިލިއަން ރުފިޔާ 1 އަހަރު ދުވަހުގެ މުއްދަތަށް ފައިނޭންސް ކޮސްޓެއް ނުހިމެނޭ ގޮތަށް އޯވަރޑުރޯ ކުރުމުގެ ހުއްދައަކަށެވެ.

މިފަދަ ހައްސާސީ ކަމެއް ކުރުމުގެ ހުއްދަ ދޭންވާނީ ޒިންމާދާރުކަމާއި ވިސްނުންތެރިކަމާ އެކުއެވެ. މިކަމުން ނިކުމެދާނެ މައްސަލަތަކަށް ބަލަންޖެހޭނެއެވެ. އެމައްސަލަތައް ހައްލުކުރާނެ ގޮތުގެ ތަފުސީލު ރައްޔިތުންނަށް އެނގެން ޖެހޭނެއެވެ.

ފިނޭންސް މިނިސްޓަރު އެދިވަޑައިގެންފައިވާ 4.4 ބިލިއަން ރުފިޔާއިން ދައުލަތުގެ ޚަރަދުބަރަދުތައް ހަމަޖެއްސޭނެކަމަށް (ހުށައަޅާފައިވާ ކަރުދާހުގައި) ވަނީ 3 މަސް ދުވަހަށެވެ. 3 މަސްދުވަހުގެ ފަހުން ހަދާނީ ކިހިނެއްތޯ؟. ޕަބުލިކު ބޭންކު އެކައުންޓުން އޯވަރޑުރޯ ކުރެވޭ ލިމިޓު މަތިކުރަން އަލުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާނީތޯ؟ ޕަބުލިކު ބޭންކު އެކައުންޓުން އޯވަރޑުރޯ ކުރުމާއި ފައިސާ ޗާޕުކުރުމާއި ތަފާތެއް ނެތެވެ. ޕަބުލިކު އެކައުންޓުން އޯވަރޑުރޯ ކުރުމަކީ މަރުކަޒީ ބޭންކުގައި ސަރކިއުލޭޝަނަށް ނުނެރެ ހުންނަ ފައިސާ ބާޒާރަށް (ސަރކިއުލޭޝަނަށް) ނެރުމެވެ. މިހާލަތުގައި އިންފުލޭޝަން މަތިވެ، ތަކެތީގެ އަގު އުފުލި، ޑޮލަރަށް އޮންނަ ޑިމާންޑު ބޮޑުވެ، ޑޮލަރުގެ އަގު އުފުލިގެން ދާނެއެވެ. ބޭރު ފައިސާ ރާއްޖެއަށް ނުވަންނަ ދުވަސް ވަރެއްގައި ދިވެހި ރުފިޔާ މާރކެޓުގައި އިތުރުވެގެން ދިއުމަކީ ޑޮލަރުގެ އަގު އުފުލިގެންދާނެ ކަމެކެވެ. މި ހާލަތުގައި ޑޮލަރަށް އޮންނަ ޑިމާންޑު ކުޑަކުރުމުގެ ގޮތުން ޒަރޫރީ ބޭނުންތަކަށް އެތެރެކުރާ މުދާފިޔަވައި އެހެން ބާވަތްތައް އެތެރެކުރުން މަދުކުރަން ނުވަތަ ހުއްޓާލަން ޖެހެއެވެ.

ފިނޭންސް މިނިސްޓަރު ވަނީ ރައްޔިތުންގެ މަޖިލީހަށް 5 ސިނާރިއޯއެއް ހުށައަޅުއްވައިފައެވެ. އެގޮތުން ފިނޭންސް މިނިސްޓަރު ލަފާ ކުރައްވައިފައިވަނީ މިއަދުގެ ހާލަތަކީ 3 ވަނަ ސިނާރިއޯގެ ހާލަތު ކަމަށެވެ. 3 ވަނަ ސިނާރިއޯގައި ފައިނޭންސްގެ ގޮތުގައި އިތުރަށް 13.2 ބިލިއަން ރުފިޔާ ހޯދަން ޖެހެއެވެ. ނަމަވެސް އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެން މިދަނީ 5 ވަނަ ސިނާރިއޯއާ ދިމާލަށެވެ. އެގޮތުން ފައިނޭންސް ގޮތުގައި އިތުރަށް 16.9 ބިލިއަން ރުފިޔާ ހޯދަން ޖެހެއެވެ. 4 ވަނަ ސިނާރިއޯގައި ފައިނޭންސް ގޮތުގައި އިތުރަށް 15.2 ބިލިއަން ރުފިޔާ ހޯދަން ޖެހެއެވެ.

3 ވަނަ ސިނާރިއޯގައި ވާގޮތުން ދައުލަތަށް އާމްދަނީގެ ގޮތުގައި އޭޕްރީލް (881.2 މިލިއަން)، މެއި (598.2 މިލިއަން)، ޖޫން (731.6 މިލިއަން)، ޖުލައި (996.00 މިލިއަން)، އޮގަސްޓު (805.4 މިލިއަން) އަދި ސެޕްޓެންބަރ (925.1 މިލިއަން) ރުފިޔާ ލިބޭނޭކަމަށް ލަފާކޮށްފައި ވެއެވެ. ފިނޭންސް މިނިސްޓަރު ހުށައަޅުއްވައިފައިވާ ކަރުދާހުގައި އެވާ އަދަދަށް (މިއަހަރު ބާކީ މިއޮތް މުއްދަތުގެ ތެރޭގައި)އާމްދަނީ ލިބިދާނެ ކަމަކަށް ނުފެނެއެވެ. އަދި މިއަހަރު ބާކީ މިއޮތް މުއްދަތުގައި ޓުވަރިސްޓުން ރާއްޖެ އަންނާނެ ކަމަކަށްވެސް ނުބެލެވެއެވެ.

މިހާލަތުގައި ހަދާނީ ކިހިނެއްތޯ؟. ބައެއް ބޭފުޅުންގެ ހިޔާލަކީ ޕުރައިވެޓައިޒޭޝަން އަށް ހުޅުވާލުމެވެ. ޕުރައިވެޓައިޒޭޝަން އަށް ހުޅުވާލަން މިއީ އެންމެ ރަގަނޅު ވަގުތު ކަމުގައި އަޅުގަނޑު ނުދެކެމެވެ. ސަބަބަކީ މިވަގުތު އެކަށީގެންވާ ރަނގަޅު އަގެއް ލިބިދާނެކަމަށް ނުފެންނާތީއެވެ. ރަނގަޅު އަގެއް ނުލިބި އެކަން ކޮއްފި ކަމުގައިވާނަމަ ދުރު މުސްތަގުބަލުގައި އެކަމުން އިގުތިސާދަށް ކުރާ ނޭދެވޭއަސަރު ބޮޑު ވާނެއެވެ.

މިއީ ދިވެހިރާއްޖޭގެ އިޤުތިސާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވާ ބަރޯސާވުން ނިމުމަކަށް ގެނެސް އިތުރު ސިނާޢަތްތައް ކުރިއަރުވަން ފަށަންވީ ވަގުތެވެ. އެގޮތުން މަސްވެރިކަމާއި ދަނޑުވެރިކަން ބޮޑުތަނުން ކުރިއަރުވަން ފައްޓަންވީވަގުތެވެ. ފަތުރުވެރިކަމަށް މިލިއަން ޑޮލަރުން އިންވެސްޓު ކުރުމަށް މަގުފަހި ކޮށްދިންގޮތަށް ދަނޑުވެރިކަމަށް މިލިއަން ޑޮލަރުން އިންވެސްޓު ކުރުމަށް މަގުފަހި ކޮށްދީ، ހުޅުވާލަންވީ ވަގުތެވެ. ވަކިޓާގެޓުތަކެއް ކަނޑައަޅައިގެން ވަކި ބާވަތްތަކެއް އެތެރެކުރުން ހުއްޓާލެވޭވަރަށް ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރަން އެބަޖެހެއެވެ. މިސާލަކަށް 3 އަހަރު ތެރޭ ކަނޑައެޅޭ 10 ބާވަތެއް މާކެޓަށް ބޭނުންވާވަރަށް އުފެއްދުމަށް އަމާޒު ހިފިދާނެއެވެ. އެއަށްފަހު އެއުފެއްދުންތަކުގެ އިންޕޯޓު ޑިއުޓީ ބޮޑުކޮށްލެވިދާނެއެވެ.

ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން އެކަށީގެންވާ އުފެއްދުންތެރިކަން ނުނެރެވޭ ފަރާތްތަކުން އެރަށްތައް އޮންނަ އުސޫލުގެތެރެއިން އަތުލުމަށްފަހު ދަނޑުވެރިކަމަށް ސިނާޢީލެވެލެއްގައި އިންވެސްޓުކުރަން ތިބިފަރާއްތަކަށް އެރަށްތައް ލުއިގޮތެއްގައި ލިބޭނެގޮތް ހަމަޖައްސައިދޭން އެބަޖެހެއެވެ.

ކާބޯތަކެތީގެ ޔަގީންކަމަކީ ކޮންމެ ގައުމަކުންވެސް އެންމެ އިސްކަންދޭ ކަންތަކެވެ.

ދިވެހިރާއަޖެއަށް އަދި މުޅިދުނިޔެއަށް ވެސް މިވަނީ އިޤުތިސާދީ ހާއްސަހާލަތެއް ދިމާވެފައެވެ. މިހާލަތުން އަރައިގަތުމަށް ސަރުކާރުންދަނީ ގިނަގުނަ މަސައްކައްތަކެއް ކުރަމުންނެވެ. ދައުލަތަށް އާމުދަނީ ވަންނަ ހުރިހާ ދޮރުތަކެއް މިވަނީ ބަންދުވެފައެވެ.

މިހާރު ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ އިތުރަށް، އިތުރު ފިޔަވަޅުތައް އަޅަން އެބަޖެހެއެވެ. އެގޮތުން ރާއްޖޭން ބޭރުގައި ހުޅުވާފައި ތިބި ބައެއް ޑިޕޮލަމެޓިކު މިޝަންތައް ވަގުތީގޮތަކަށް ބަންދު ކުރެވިދާނެއެވެ. އަދި ބާކީ ތިބި މިޝަންތަކުން މުވައްޒަފުން މަދުކުރެވިދާނެއެވެ. މިހާރުވެސް ބައެއް ތަންތާގައި މުވައްޒަފުން ގިނަކަން ފާހަގަ ކުރެވެއެވެ. ދެވަނަ ކަމެއްގެ ގޮތުގައި ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ނަތީޖާ ނުނެރެވޭ ކުންފުނިތައް ޚަރަދު ކުޑަކުރުމުގެ ގޮތުން  އުވާލެވިދާނެއެވެ.

މިހާލަތުގައި މިކަމުން އަރައިގަތުމަށް ކުރެވެންހުރި ކަންތައްތަކަކީ ޚަރަދު ކުޑަކުރުމާއި އުފެއްދުންތެރިކަން އިތުރުކުރުމެވެ. އެގޮތުން ސިޔާސީ މަގާމަތަކާއި، މިނިވަން މުއައްސަސާތަކާއި، ސަރުކާރުގެ ކުންފުނިތަކުގެ މުސާރަ %50 ކުޑަކުރުމަކީ މުހިންމު ކަމެކެވެ. އަދި އިތުރަށް މިހާލަތު މިގޮތަށް ދިގުދެމިގެންދާނަމަ ސިވިލްސާވިސްގެ މުވައްޒަފުންގެ ތެރެއިން 15000 ރުފިޔާއިން މަތިން މުސާރަލިބޭމީހުން 15000 ރުފިޔާގައި ހިފެހެއްޓުމުގެ އިތުރަށް ސިވިލްސާވިސްގެ މުވައްޒަފުންގެ އިތުރުގަޑި އާއި އިތުރު އެލެވެންސްތައް ކަނޑާލައިގެން ނޫނީ މިހާލަތުން އަރައިގަންނަން އުނދަގޫވާނެއެވެ. މުސާރަ ކުޑަކުރުމާއެކު ދިރިއުޅޭ ތަންތަނުގެ ކުލި %50 ކުޑަކުރެވިގެން ދާނެގޮތެއް ހޯދައިދޭން ޖެހޭނެއެވެ.

ޚަރަދު ކުޑަކުރުމުގެ ޚާއްސަ އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ، އިޤުތިސާދީގޮތުން ވަރަށްފުން ވަޅުގަނޑަކަށް މިގައުމު ވެއްޓިގެންދިއުމަކީ ދުރުކަމެއް ނޫނެވެ.

“ނުފޯރާ ފޮތިން ފޫގަޅަން އުޅެގެން ފެންނާނީ އެހެންތަނެކެވެ.”

އިޤުތިސާދީ މި ޚާއްސަ ހާލަތުން އަރައިގަތުމަށް ވަޒީފާގެއްލޭ ފަރާތްތަކަށް ގޮތްތަކެއް ހޯދައިދޭން އެބަޖެހެއެވެ. ރިސޯޓުތަކުގައި މަސައްކަތްކުރި ވަރަށް ގިނަފަރާތްތަކެއްގެ ވަޒީފާވަނީ ގެއްލިފައެވެ. މިވަގުތަށް ކުރެވިދާނެ އެއްކަމަކީ ސަރުކާރާއި އަމިއްލަ ކުންފުނިތަކުގައި މަސައްކަތްކުރާ ބޭރުމީހުންގެ ބަދަލުގައި ދިވެހިން އެވަޒީފާތަކަށް ނެގުމެވެ. މިސާލަކަށް އެކައުންޓެންޓެއްގެ ވަޒީފާގައި ހުރި ބޭރުމީހާގެ ބަދަލުގައި ރިސޯޓުން ވަޒީފާގެއްލުނު ދިވެހި އެކައުންޓަންޓަކަށް އެވަޒީފާ ހަމަޖެއްސިދާނެއެވެ. މިއީ ކުރަން އެހާފަސޭހަ ކަމަކަށް ނުވެދާނެއެވެ. އެކުންފުނިތަކުގައި އެތައް އަހަރުތަކެއް ވަންދެން މަސައްކަތްކުރި މީސްމީހުން ކުއްލިއަކަށް ފޮނުވާލުމަކީ ފަސޭހަކަމަކަށް ނުވެދާނެއެވެ. ނަމަވެސް ގައުމައްޓަކައި ބައެއްފަހަރު ހިތިބޭސް ބޯންވެސް ޖެހިދާނެކަން ޤަބޫލުކުރަން ޖެހެއެވެ.

މިގޮތަށް ވެއިޓަރުންނާއި، އިންޖިނިއަރުންނާއި، ޕުރޮޖެކުޓު މެނޭޖަރުންނާއި، ސުޕަރވައިޒަރުންނާއި، ލޭބަރުންނާއި، ޕާރޗޭސިން މެނޭޖަރުންގެ އިތުރުން މިފަދަ ކިތަންމެ ވަޒީފާތަކަކަށް ދިވެހީން ހަމަޖެއްސިދާނެއެވެ.

އަޅުގަޑުގެ މިލިއުން ނިންމާލުމުގެ ކުރިން، މިބަރަކާތްތެރި ރަމަޟާންމަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް، އަދި ވަކިން ޚާއްސަކޮށް ފުވައްމުލައް ސިޓީގެ ހުރިހާ ރައްޔިތުންނަށް އަރިސްކުރަމެވެ. އަޅުގަނޑުގެ ދުޢާއަކީ ކޮރޯނާ ވައިރަސްއާ ހެދި އަޅުގަނޑުމެންގެ އިޤުތިސާދަށް ކުރިމަތިވެފައި މިވާ ޚާއްސަހާލަތުން އަރައިގަތުމަށް އަޅުގަނޑުމެން އެންމެން ކުރަމުން މިގެންދާ މަސައްކަތުގައި މާތްﷲ ބަރަކާތްލައްވައި، މިކަމުން އަރައިގަނެވޭނެ ދުވަހެއް މިންވަރު ކުރެއްވުމެވެ.


ކިޔުންތެރިންގެ ޚިޔާލު