A wide advertisement which will be shown on all devices. (700 x 100)

ކޮލަމް ސުމެއް: ދާއިރާ ބަހަންވާނީ އެއްވެސް ރައްޔިތެއްގެ ހައްގު ނުގެއްލޭގޮތަށް

ފުވައްމުލައް ސިޓީގެ އިންތިޚާބީ ދާއިރާތައް ބަހަން އިލެކްޝަންސް ކަމިޝަނުން ކަނޑައަޅާފައިވާ 6 ދާއިރާ

މިދުވަސްވަރު ފަތު އަޑުކިޔާފައި އިވެމުންދަނީ، ލޯކަލް ކައުންސިލަށް ފުވައްމުލަކުގެ އިންތިޚާބީ ދާއިރާތައް ބަހާލި ގޮތާއި މެދު ހިތްހަމަ ނުޖެހިގެން ދައްކަމުންދާ ވާހަކަތަކުގެ އަޑެވެ. އެއްބަޔަކު އަވަށްތައް ފޮތިފޮތި ކޮށްލުމާއި ދެކޮޅެވެ. އަނެއް ބަޔަކު ހިތްހަމަ ނުޖެހިގެން ދައްކަމުންދާ ވާހަކައަކީ ބައެއްގެ ހައްގު ގެއްލިގެންދާ ވާހަކައެވެ. މިއީ ސިޔާސީ މުފައްކިރުން ވިސްނަންޖެހޭ ކަންތައްތަކެވެ. އަހަންޖެހޭ އަޑުތަކެވެ. ޑިމޮކްރަސީގެ އެންމެ ބާރުވެރި ފަރާތަކީ އާންމު ރައްޔިތުންނެވެ. އެހެންކަމުން، އާންމު ރައްޔިތުން ދައްކާ ވާހަކަ އަޑު އަހަންޖެހެއެވެ. ދިރާސާ ކުރަންޖެހެއެވެ. އަމަލު ކުރަންޖެހެއެވެ. ދައްކަން މިއުޅެނީ އެފަދަ ވާހަކައެކެވެ. ޑިމޮކްރަސީގެ އެންމެ އަސާސީ އެއް ހައްގަކީ ވޯޓުލުމުގެ ހައްގެވެ. އަދި އިންތިޚާބީ މަގާމުތަކަށް ކުރިމަތިލުމުގެ ހައްގެވެ. މިހައްގަށް އުނިކަން އަންނަ ގޮތަކަށް އިންތިޚާބީ ދާއިރާތައް ބަހާލުމަކީ ޑިމޮކްރަސީ އާއި ބީރަށްޓެހި ޑިމޮކްރަސީ އާއި ފުށުއަރާ ކަމެކެވެ. މިބީދައިން ވިސްނާކަމުގައިވާ ނަމަ ފުވައްމުލައް 6 ބަޔަށް ބަހާލުމަކީ ޑިމޮކްރަސީ އާއި ޚިލާފު ކަމެކެވެ. މިކަމާއި އިލެކްޝަންސް ކޮމިޝަނުން ވިސްނަންޖެހެއެވެ. ފުވައްމުލަކު މެމްބަރުން ބަސް ކިޔަންޖެހެއެވެ. އާންމުން ބަސް އިއްވަންޖެހެއެވެ. މިފަހަރުގެ ސުމެއްގެ ވާހަކައަކީ ފުވައްމުލައް 6 ބަޔަށް ބަހާލުމަކީ ޑިމޮކްރަސީ އާއި ޚިލާފުކަމެކޭ ބުނެ މިދައްކާ ވާހަކައެވެ.

ޑިމޮކްރަސީން ލިބިދޭ އެންމެ މުހިންމު އެއް މިނިވަންކަމަކީ އިންތިޚާބީ މަގާމުތަކަށް ކުރިމަތިލުމުގެ މިނިވަންކަމެވެ. މިމިނިވަން ކަމަށް އަރައިގަތުމަކީ ޑިމޮކްރަސީ  އާއި ޚިލާފު ޚުދުމުޚުތާރު ނިންމުމެކެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ފުވައްމުލަކަށް ޚާއްސަވެފައިވަނީ 7 ގޮޑިއެވެ. އެއީ މުޅި ރަށުން ހޮވާލެވޭ މޭޔަރުގެ ގޮޑިއާއި އަންހެން މެންބަރުންނަށް ޚާއްސަކުރެވޭ 2 ގޮޑިއާއި ބާކީ 4 ގޮޑިއެވެ. މިއީ ލޯކަލް ކައުންސިލް ގާނޫނުން ގޮޑިތައް ބަހާލެވުނު މިންވަރެވެ. މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުން އެކުލަވާލި ގަވާއިދެއްގެ ދަށުން ފުވައްމުލައް 6 ބަޔަށް ބަހާލާ 6 ބައިގެ ތެރެއިން 2 ބަޔެއް އަންހެނުންނަށް ޚާއްސަކުރަން މިވަނީ ނިންމާފައެވެ. މީގެ މާނައަކީ އެދެ އިންތިޚާބީ ދާއިރާއަށް އެއްވެސް ފިރިހެން ކެންޑިޑޭޓަކަށް ކުރިމަތި ނުލެވޭނެއެވެ. އަދި އެދެދާއިރާ ނުހިމެނޭ އަނެއް 4 ދާއިރާއިން އެއްވެސް އަންހެނަކަށް އަންހެނުންނަށް ޚާއްސަކުރެވޭ ގޮޑިއަށް ކުރިމަތި ނުލެވޭނެއެވެ.

އަންހެނުންނަށް 2 ގޮޑި ޚާއްސަކުރުމަކީ ދެ އިންތިޚާބީ ދާއިރާއެއް އަންހެނުންނަށް ޚާއްސަކުރުން ކަމުގައި ބެލެވިގެންނުވާނެއެވެ. އެހެނީ އަންހެނުންނަށް ގޮޑި ޚާއްސަކޮށްފައި ވަނީ ސިޓީ ކައުންސިލްގެ މެންބަރުންގެ އަދަދުވެސް އިތުރުކޮށްގެނެވެ. އެހެންކަމުން، އެދެގޮނޑިއަކީ ޚާއްސަ ދެގޮޑިއަކަށްވުން މުހިންމެވެ. އެދެގޮޑި ބަހާލެވެންވާނީ މުޅި ރަށަށެވެ. ނޫނީ މުޅި ރަށް ދެބަޔަކަށް ބަހާލެވިގެނެވެ.

އަންހެނުންނަށް ދެދާއިރާއެއް ޚާއްސަ ކުރުމުން އެގެއްލެނީ ހަމައެކަނި ފިރިހެނުންގެ ހައްގެއް ނޫނެވެ. އަންހެނުންގެ ތެރެއިން ބައެއް ފަރާތްތަކަށް (ޚާއްސަކުރެވުނު ދެދާއިރާ ނޫން ދާއިރާތަކުގެ އަންހެން ބޭފުޅުންނަށް) ހަމަހަމަ ފުރުސަތެއް ނުލިބެއެވެ. މިދަންނަވާ ވާހަކައަކީ މިސާލަކަށް އަންހެނުންނަށް ޚާއްސަކުރެވުނީ ފުވައްމުލަކުގެ ދެކޮޅު ދެގޮޑި ކަމަށްވާނަމަ، އަނެއް 4 ހަތަރު ދާއިރާގެ އަންހެނުންނަށް އަންހެނުންގެ ގޮޑިއަށް ވާދަކުރުމުގެ ފުރުސަތު ގެއްލުނީއެވެ. އެ ހަތަރު ދާއިރާގެ އަންހެން ކަނބަލުންގެ ތެރެއިންވެސް އަންހެން ގޮޑިއަށް ވާދަކުރަން ބޭނުންވާ ފަރާތްތައް ތިބޭނެއެވެ. އެހެންކަމުން އެފަރާތްތަކަށް ލިބިދީފައިވާ ހައްގަށް އުނިކަން އަންނަ ގޮތަކަށް އިންތިޚާބީ ދާއިރާތައް ބަހާލުމަކީ ޑިމޮކްރަސީ އާއި ޚިލާފުކަމެކެވެ.

އަންހެނުންގެ ތެރެއިން ބައެއްގެ ހައްގު ގެއްލުމުގެ އިތުރަށް ފިރިހެނުންނަށް ހައްގު ގެއްލުމަކީ ފުވައްމުލައް 6 ބަޔަށް ބަހާލުމުން އެންމެ ކަންބޮޑުވާ އެއްކަމެވެ. ފުވައްމުލަކުގެ ދެ ގޮޑިއެއް އަންހެނުންނަށް ޚާއްސަކުރުމަކީ އެދެދާއިރާގެ ފިރިހެން ބޭފުޅުންނަށް ގާނޫނު އަސާސީ އިން ލިބިދީފައިވާ ހައްގަށް ލިބުނު އުނިކަމެކެވެ.

އަންހެނުންނަށް ޚާއްސަކުރާ ދާއިރާ ކަނޑައަޅަނީ ގުރުއަތުންނެވެ. ފުރަތަމަ ފަސް އަހަރަށް ނެގޭ ދެދާއިރާ ބޭރުކުރުމަށްފަހު އަނެއް 5 އަހަރަށް އާ ދެދާއިރާއެއް ގުރުއަތުން ނެގެއެވެ. އެހެންކަމުން، 6 ދާއިރާ ހިމެނޭ ފުވައްމުލަކު ހުރިހާ ދާއިރާއަކަށް އަންހެން ބޭފުޅުންނަށް ޚާއްސަ ގޮޑި ބަހާ ނިމޭނީ 15 އަހަރުންނެވެ. މީގެ މާނައަކީ ކޮންމެވެސް ދެދާއިރާއެއްގެ އަންހެން ބޭފުޅުން އަންހެނުންނަށް ޚާއްސަ ގޮޑިއަށް އިންތިޒާރުކުރާނަމަ 10 އަހަރުގެ އިންތިޒާރެއް ކުރަން ޖެހޭނެއެވެ. ކުރުކޮށް ދަންނަވާނަމަ ފުވައްމުލަކު އާބާދީގެ 33 އިންސައްތަ އަންހެނުން، އަންހެނުންނަށް ޚާއްސަ ގޮޑިއަށް ކުރިމަތިލުމަށް 10 އަހަރަށް އިންތިޒާރު ކުރަންޖެހިދާނެއެވެ. މިއީ އެކަށީގެންވާ މުއްދަތެއްތޯއެވެ. އަންހެނުންނަށް ގޮޑި ޚާއްސަކުރުމަކީ މިއީތޯއެވެ.

ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުސަތު ލިބިދާނެ މިއަށްވުރެ ރަގަޅު ގޮތަކަށް ފުވައްމުލަކުގެ އިންތިޚާބީ ދާއިރާތައް ނުބެހޭނެ ހެއްޔެވެ. މިކަމަށް ބަސްކިޔައި ޚިޔާލު ދެވިދާނެ ސިކުޑިތަކެއް ނެތީ ހެއްޔެވެ. ނޫނީ އެފަދަ ފުރުސަތުތަކެއް އިލެކްޝަންސް ކޮމިޝަނުން ހުޅުވާނުލީ ހެއްޔެވެ. ނޫނީ މިފަދަ ކަންކަން ތަދުބީރު ކުރާނެ މޮޅު ސިކުޑިތަކެއް ސިޔާސީ މައިދާނުގައި ނެތީހެއްޔެވެ. ނޫނީ އަޅުގަނޑަށް މިދެއްކެނީ ސެމެއްގެ ވާހަކައަކަށް ވަނީ ބާވައެވެ.

އަޖުމަ ބަލާލުމަށް ފުވައްމުލައް 4 ދާއިރާއަކަށް ބަހާލަންވީ ނޫންހެއްޔެވެ. އަދި ކޮންމެ 2 ދާއިރާއެއްކުރުމަށްފަހު އަންހެނުންނަށް ޚާއްސަ ދާއިރާކަމަށް ކަނޑައަޅަންވީއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !