25 ފެބުރުއަރީ 2020 ( އަންގާރަ )

banner

މީގެ 115 އަހަރު ކުރީ ރާއްޖޭގައި ޖިންސީ ފުރައްސާރައިގެ ހާލަތު ބަޔާންކޮށްދޭ ލިޔުންކޮޅެއް

މާސް ކޮލަމް: ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ ސަގަފަތެއް ރާއްޖޭގައި އޮތްކަން ހާމަވޭ

ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ ސަގާފަތެއް އޮތްކަން ހާމަވާ ބައެއް ތާރީޚީ ލިޔުންތައް ވެސް އެބަހުއްޓެވެ. މީގެ އިތުރުން މިކަހަލަ ސަގާފަތެއް ފުވައްމުލައް ސިޓީގައި ވެސް އޮތްކަން ހާމަވާ އެތައްކަމެއް މުޖުތަމިއުން ފެނިފައިވެއެވެ.

ފޫޅު ދިގު ހަންޑި ވާހަކައާއި ރަންނަމާރީގެ ވާހަކައިގެ އަސްލެއް އޮންނާނެ ކަމަށް ގަބޫލުކުރެވެއެވެ. މިފަދަ އެތައް ވާހަކައެކެވެ. ދޫދޫމަތިން ދެކެވެ ނުލިޔެވި ހުރި ވާހަކަތައް މާގިނައެވެ.

އެގޮތުން 1980ގެ ކުރީ ކޮޅުން ފެށިގެން އެއިގެ ކުރިޔަށް ފުވައްމުލަކުގެ އިޖުތިމާއީ މަސްރަހަށް ވިސްނާލައްވާށެވެ. އެދުވަސްވަރު ފުރާވަރަށް އަރައިގެން އަންނަ އަންހެން ކުދިންނާއި ބެހިލުމަކީ ޝަރަފެއްގެ ގޮތުގައި އެދުވަސްވަރުގެ ޒުވާން ފިރިހެން ކުދިންނަށް ވެސް އޮތީ ހީވެފައެވެ. އަދި ރޭގަނޑު އަންހެން ކުއްޖަކަށް ޖިންސީފުރައްސާރައާއި ކުރިމަތި ނުލައި މަގަކުން ދެވޭނީ މަދު ފަހަރަކުއެވެ. މުޖުތަމައުގެ އެހާ އާއްމު ކަމަކަށްވުމުން އެދުވަސްވަރު އެކަން އާއިލާތަކުން ވެސް ބަލައިގަނެ އަންހެން ކުދިން ރޭގަނޑު ބޭރަށް ދިއުން ވަރަށްބޮޑަށް މަނާކުރެއެވެ. އަދި އެފަދަ ހާދިސާތައް ދިމާވާ ކުދިން ގެއަށް އައިސް އެވާހަކަ ދެއްކިޔަސް ގިނަފަހަރާ ކުށްވެރިވާނީ އެކުދިންނެވެ. އެއީ އެކުދިން ގެއިން ބޭރަށް ދިޔައީމަވީގޮތް ކަމަށް ބުނެއެވެ.

މީގެ އިތުރުން ރޭގަނޑު ގޭގެއަށް ‘އަންހެނުން ކައިރައަށް ވަނުން’ އެއީ ވެސް ބައެއް މީހުންގެ ތަބީއީ ސިފައެއް ކަމުގައި މުޖުތަމިއުން ބަލައިގެންފައި ވެއެވެ. އެކަހަލަ ވާހަކައެއް މީހަކު ބުނާއިރަށް އެއީ އޭނާގެ އާދައެއްކަމަށްބުނެ އެކަން ކުރިކޮށްލަނީއެވެ. މައްސަލާގައި ހައްލެއް ހޯދާނެ ގޮތެއް ފެންނާން ނެތުނުން، ކިތަންމެ ނުރުހުންވިޔަސް އިތުރަށް ކުރެވޭނެ މާބޮޑު ކަމެއް ނޯވެއެވެ.

ބޮޑެތި މީހުން ކުޑަކުދިންނާއި ބެހޭ ވާހަަކަ އަޑެއް ނީވޭނެއެވެ. އެއީ ބޮޑެތި މީހުންނަށް އެކަން ނުކުރާތީއެއް ނޫނެވެ. އެމީހުންނަށް އިހުތިރާމު ކުރުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައި އެކަން ބޭއްވުމަށް އާއިލާއާއި މުޖުތަމިއުން ވެސް އެދޭތީއެވެ. އެފަދަ ވާހަކައެއް ދައްކައިފިނަމަ ބެޒާރުވާނީ އެކަމެއް ދިމާވި އަންހެން ކުއްޖާ ކަމަށް ބުނެއެވެ. އެއި އެފަދަ އަމަލުތައް ފޮރުވަން އެމީހުން ގެންގުޅުނު އުކުޅެކެވެ. މީގެ ސަބުން ބޮޑެތި މީހުންގެ މިފަދަ އަމަލުތައް ގިނަފަހަރާ ވަނީ ވަޅުޖެހިފައެވެ. އެކަން އެނގޭނީ އެކަން ދިމާވާ ކުއްޖަކަށާއި އެކުއްޖާގެ މަންމަ ނުވަތަ ދައްތަ ފަދަ މަދު މީހަކަށް އެކަންޏެވެ. އެވާހަކަ ދެއްކުން މަނަލެވެ.

ފުވައްމުލައްކުގެ މުޖުތަމިއުގައި ވެސް އެފަދަ ނޭއްގާނި އަމަލުން ހައްދު ފަހަނަޅާފައިވާ ފަރާތްތައް ގިނަ މީހުންނަށް އެނގެއެވެ. ނަމަވެސް އެވާހަތަތައް ދައްކާކަށް އެއްވެސް ބަޔަކު ބޭނުމެއް ނުވެއެވެ. ނަތީޖާއަކީ އެފަދަ ފިރިހެނުންގެ އެނުބައި އަމަލުތަކަށް ނިމުމެއް ނައިސް ބައެއް މީހުން މިދުނިޔެ ދޫކޮށް ދިއުމާއި ހަމަޔަސްވެސް އެކަމުގެތެރޭގައި އުޅެން ޖެހުމެވެ.

ދައްތަގެ ފިރިމީހާ ކޮށްކޮއާއި ބެހޭކަމުގެ ވާހަކަ ދެއްކުމުން ކުށްވެރި ވަނީ ކޮއްކޮއެވެ. އެންމެ ފަހުން އެއިގެ ނާޖާއިޒު ފައިދާ ނަގަނީ އެއްކަލަ ފިރިހެން މީހާއެވެ. ދައްތަޔާއެކު އެއްގެގައި އުޅޭ ކޮއްކޮއާއި ބެހެމުން ދާ ފިރިމީހާ އެންމެ ފަހުން ދައްތަ ވަރިކޮށްފައި ކޮއްކޮއާއި ކާވެނި ކުރާތަން ވެސް ފެނިފައި ވަނީ މަދެއްކޮށެއް ނޫނެވެ. ދޮންދަރިންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ ހާލަތަށް ވިސްނާލައްވާށެވެ.

ޒަމާން ބަދަލުވަމުން އައިކަމުގައި ވިޔަސް އެއަމަލުތަކުގެ އަސަރު އެއްކޮށް ފޮހެވިގެނެއް ނުދެއެވެ. އަންހެނުންނަށް މަގުމަތި ތަންކޮޅެއް އަމާންވިޔަސް ޖިންސި ފުރައްސާރަކުރުމުގެ އަމަލުތައް މުޖުތަމިއުގެ ހުރިހާ ލެވެލެއްގައި ވެސް ހިނގައެވެ. ކިޔަވާދޭ ޓީޗަރުން ދަރިވާރާއި އެކިގޮތްގޮތުން ފޮށުން، އޮފީހުގެ އިސްމީހާ ސެކެރެޓަރީގެ ފަލަމަސްގަނޑުގައި މޭޒު ދޮށުން ކޮށްޓާލުުން، އެއް އޮފީހެއްގައި އެކުގައި އުޅޭ އެއްލެވެލްގެ އަންހެން މުވައްޒަފަށް ފިރިހެން މުވައްޒަފު ޖިންސީ މައްލަވަ ކުރުން، ރަސްމީ ވަޒީފާއަކަށް ނުދާ ފިރިހެން މީހާ އޭނާ އާއި ދިމާވާ އަންހެނުންނަށް އެކިގޮތްގޮތުން ކުރާ ޖިންސީ ގޯނާ ގޮސް ނިމެނީ ކިހާހިސާބަކުން ބާއެވެ؟ ބައެއްފަހަރު ކައިވެންޏަށް ބަދަލުވިޔަސް އަނެއްބައި ފަހަރު ބޮޑު ސިއްރުގެ ގޮތުގައި ބާއްވަނީ އެވެ.

މިކަންކަމުން އެނެގެނީ މިއީ ދިވެހިންގެ ތެރޭގައި މޫލާފައިވާ ނުބައި އަމަލެއް ކަމެެވެ. ގާނޫނުތައް ހަދައިގެން މިކަން ހައްލުވޭތޯ ފެށި މަސައްކަތަށް މަޑުމަޑުން ކުރިއެރުން ލިބޭ ކަން އެނގެނީ ދޭތެރެދޭތެރެއިން ފެންމަތިވާ ބޮޑެތި ކަންތައްތަކުންނެވެ.

ކުޑަކުދިންނާއި ބެހުމުގެ މައްސަލަތަކުގެ ދަފުތަރެއް އެކުލަވާލިއިރު ފުވައްމުލަކަށް ނިސްބަތްވާ 6 މީހުން އޭގައި ތިބި އިރު އެއީ ހަތްތާވެސް ނިކަމެތި އާއިލީ ގޮތުން ދަށްފަންތީގެ މީހުންކަމަށް ބެލެވޭ މީހުންނެވެ. އެމީހުންނާއެކު މިލސްޓަށް އަރަންޖެހޭ އެތައްފަރާތެއް މުޖުތަމިއުގައި ދޫވެފައިވާކަން ފުލުހުންގެ ރެކޯޑުތަކުން ވެސް އެނގޭނެއެވެ. ބުނަން ބޭނުންވަނީ ފުވައްމުލައްކުގައި ތިބި ޖިންސީ ފުރައްސާރަކުރާ ކުރާ މީހުން ނަކީ ހަމައެކަނި އެލިސްޓގައި އެތިބަ މީހުނެއް ނޫން ކަމަށެވެ. އެތައްބައިވަރު އިތުރު މީހުންގެ މައްސަލަތައް ތިލަކުރެވިއްޖެނަމަ އެލިސްޓަށް އަރާނެ މާގިނަވާނެއެވެ.

ގެތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަވީ މީހުންނަށް އައި ހޭލުންތެރިކަމާއި ތަރައްގީއާއެކުއެވެ. މިހާރު ގޭގެއަށް އަންހެނުން ކައިރިއަށް ވަންނަ ބަޔަކު ފުވައްމުލަކުގައި އުޅޭ ކަމުގެ އަޑެއް ނީިވެއެވެ. ނަމަވެސް ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކުން ކުދިން ހެއްދުމާއި ބްލެކްމެއިލް ކުރުމުގެ ގާނާތައް މަދެއް ނޫނެވެ. ނަމަވެސް ގޭތެރެއިންނާއި އަވަށްޓެރީންނާއި ކިރިޔާ ދަންނަމީހުންގެ މިފަދަ އަމަލުތަކަށް ހުށިޔާރުވާން ޖެހެއެވެ. ކުރިމަތިވެދާނެ އެފަދަ އަމަލުތަކަށް ކުދިން ތައްޔާރުކުރަން ޖެހެއެވެ. ބޮޑު ސިއްރުގެ ގޮތުގައި ނުބާއްވާ ކަންކަން ހާމަކޮށްދޭން ޖެހެއެވެ.

ގާނޫނުތަކަށް އާއްމު މީހުން ހޭލުންތެރިވީ ވަރަކަށް މިކަހަލަ އަމަލުތަކަށް އޮންނަ މަގު ހަނިވާނެއެވެ. ކުށްވެރިއަކީ ޖިންސި ފުރައްސާރައިގެ ޝިކާރައަކަށްވާ ކުއްޖާ އެއް ނޫނެވެ. އެކަން ކުރާ މީހާކަން ބުނެދޭށެވެ. އެފަދަ އަމަލުތަކުގެ ވާހަކަ ހިއްސާ ކުރަން ހާމަކުރަން ހިތްވަރު ދޭށެވެ. އެފަދަ އަމަލު ސިއްރުކުރުމަކި އެކަމެއް ތަކުރާރުކުރުމަށް ދެވެ ހިތްވަރެއް ކަމން ބުނެދޭށެވެ.

މިފަދަ ބޮޑު ކަމެއްވާއިރަށް ތެޅިގެން އެންމެ ހަރުކަށި އަދަބުދޭން ގޮވާލިއަކަސް މިކަމަށް ހައްލެއް ނެތެވެ. އިސްތިއުފާއަށް ގޮވިޔަކަސް މިކަން ނުހުއްޓޭނެއެވެ. ނުބަިއ އަމަލާއި ދެކޮޅަށް މަސައްކަތް ކުރާށެވެ. އެކަމަށް ފަހިވެފައިވާ ދޮރުތައް ބަންދުކުރުން އިސްނަގާށެވެ.

ކުޑަކުދިންނާއި ބެހުމުގެ ކަންތައްތަކަކީ އަޅާނުލާ ދޫކޮށްލެވޭ ވަރަށްވުރެ މާ ބޮޑުކަމެކެވެ. ކުޑަކުއްޖެއްގެ މުޅި ހަޔާތަށް އެޅޭ ހުރަހެއްކަން ދަނެ އެކަން ހުއްޓުވަން މަސައްކަތް ކުރެވެންހުރި ހުރިހާ ރޮނގަކުން މަސައްކަތް ކުރަން ޖެހެއެވެ.ކިޔުންތެރިންގެ ޚިޔާލު