31 މެއި 2020 ( އާދީއްތަ )

banner

ފުވައްމުލައް ސިޓީގައި މިއަދު ހުކުރު ނަމާދު ކުރާ މަސްޖިދުލް އިނާރާ.

މިއަދު ހުކުރު ނަމާދުން ފެށިގެން ފުވައްމުލައް ސިޓީގެ މިސްކިތްތަކުގައި އަލުން ޖަމާއަތުގައި ނަމާދު ކުރާނެ

ކޮވިޑް-19 އާއި ގުޅިގެން ފުވައްމުލައް ސިޓީގައި އެޅި ރައްކާތެރިކަމުގެ ފިޔަވަޅަށް ލުޔެއްދީ މިއަދު ހުކުރު ނަމާދުން ފެށިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ފަށާނެކަމަށް އިސްލާމިކް މިނިސްޓީން ރޭ ހާމަކުރައްވައިފިއެވެ.

އެންމެ ފަހުން ފުވައްމުލައް ސިޓީގައި ހުކުރު ކޮށްފައި ވަނީ މީގެ 4 ހުކުރު ކުރިން 17 އޭޕްރިލް 2020 ގައެވެ. ރާއްޖޭގެ އިސްލާމީ ފަތުވާދޭ މަޖުލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން ފުވައްމުލައް ސިޓީގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާފައި ވަނީ ފާއިތުވި އޭޕްރީލް މަހު 18 ވަނަ ދުވަހުއެވެ. ވުމާއިއެކު ޖަމާއަތުގައި ނަމާދުކުރުން މެދުކެނޑިފައި އޮންނަތާ 34 ދުވަހަށް ފަހު އަލުން މިވަނީ ޖަމާއަތުގައި ނަމާދުކުރަން ފަށާފައެވެ.

މިއަދު ފުވައްމުލަކު މިސްޖިދު އިނާރާގައި ނަމާދުކުރަނީ. ފޮޓޯ ހަސަން އަބްދުﷲ

މިއަދުން ފެށިގެން ޖަމާއަތުގައި ނަމާދު ކުރުމަށް ހުއްދަ ދެވިފައިވަނީ ރަށްރަށުގެ މުޖުތަމިއުގެ ތެރިން ބެލިފެތުރިފައި ނުވާ ރަށްްރަށާއި ސިއްޙީ އެކިއެކި ކަންކަމުގައި ބަންދުކުރެވިފައި ނުވާ ރަށްތަކުގައި އެކަންޏެވެ.

ފުވައްމުލައް ސިޓީގައި 10 މިސްކިތެއްގައި ހުކުރު ނަމާދު ކުރަމުން އާދެއެވެ. އެއިގެތެރެއިން މަސްޖިދުލް އިނާރާގައި މިއަދު ކުރާ ހުކުރު ނަމާދު ވީޓީވީން ލައިވް ކުރާއިރު ސިޓީ ކައުންސިލް ފޭސްބުކް ޕޭޖުން ލައިވް ސްޓްރީމު ކުރުމަށްވަނީ ހަމަޖެހިފައެވެ. މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރާއިރު ސަފުތަކުގައި އެކައު އަނެކަކު ތިބެންޖެހެނީ ގާތްގާތާތުގައެވެ. ދެމީހުންގެ ދެމެދު 3 ފޫޓޫ ދުރުމިން ބަހައްޓައިގެން ޖަމާއަތުގައި ސަފު ހަދަން ޖެހޭގޮތަށް ސަފު ނެހެދޭނެ ކަމަށް އިސްލާމިކް މިނިނސްތަރު ވިދާޅުވިއެވެ.

މަސްޖިދުން އިނާރާ މިއަދުގެ ހުކުރު ނަމާދު ލައިވް ކުރުމަށް ތައްޔާރު ކުރެވިފައި – ފޮޓޯ އަހުމަދު ޝަފީގު

މިއަދުގެ ހުކުރު ނަމާދަގެ ލައިވް ސްޓީމް ލިންކް

މިއީ ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅަށް އެންމެ ފުރަތަމަ ލުއިދި ދިން ކަމެވެ. ރޭ ބޭއްވި ނެޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު ވިދާޅުވީ މި ލުއި ދީފައިވަނީ ސިއްޙީ މާހިރުންގެ ލަފާއާއިއެކު ވަކިގޮތަކަށް އަމަލުތައް ބެހެއްޓުމަށް އާއްމުންނަށް އިރުޝާދު ދެމުންނެވެ.

އެގޮތުން ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި:

އުމުރުން ދުވަސްވީ (ބަލީގެ ނުރައްކާ ބޮޑު) މީހުން މިސްކަތަށް ނުދިއުމަށާއި

ރޯގާޖެހި ކިބިހި އަޅާނަމަ (ބަލީގެ އެއްވެސް ނިޝާނެއް ހުރިނަމަ) މިސްކިތަށް ނުދިއުމަށާއި

ގެއިން ވުޟޫކޮށްގެން ދިއުމާއި

މިސްކިތުގައި މާގިނަ ވަގުތު ހޭދަ ނުކުރުމަށާއި،

ނަމާދު ކުރަން މުސައްލަ ގެންދިއުމަށާއި

މާސްކް އަޅައިގެން ނަމަދަށް ދިއުމަށް އެދިފައިވެއެވެ.

މީގެ އިތުރުން މިސްކިތުގެ ކާޕެޓް ނަގާފައި ބޭއްވުމަށް އިރުޝާދު ދީފައި ވެއެވެ.

ފާއިތުވި ހަފުތާގައި ބައެއް މީހުން އައީ ސޯޝަލް މީޑިއާގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމަށް ހުޅުވާލުމަށް ސަރުކާރަށް ގޮވާލަމުންނެވެ.

ފާއިތުވި މާރިޗު މަހު 18 އިން ފެށިގެން މާލޭ ސަރަހައްދުގެ މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާފައި އޮތް އޮތުން އަދިވެސް ދެމި އޮތީ އެގޮތުގައެވެ.

މިއަދު، 22 މެއި 2020ގައި ފުވައްމުލައް ސިޓީގައި ހުކުރު ކުުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކާއި އިމާމުވެ ހުކުރުކުރައްވާ ބޭފުޅުން:

ހުކުރު މިސްކިތް – މުހައްމަދު ފާއިޒު

މަސްޖިދުލް އިނާރާ – އަހުމަދު އަކުރަމް

މަސްޖިދުލް އައްވާބް – ޖައުފަރު އަހުމަދު

މަސްޖިދުލް ހަޟާރާ -އިސްމާއީލް އަހުމަދު ދިދީ

މަސްޖިދުލް ތައުބާ – އަލީ ވަސީމު

މަސްޖިދުލް ހުދާ – އަބްދުﷲ މުފީދު

މަސްޖިދުލް އުއްމުލް ޤުރާ – ހަސްން އިބްރާހިމް

މަސްޖިދުލް ހިދަޔާ -އިބްރާހިމް ރަފީޤު

މަސްޖިދުލް ނޫރު – އަދީބު އަބްދުﷲ

މަސްޖިދުލް ފަލާޙު – އަޙުމަދު ނަސީމު

ފުވައްމުލަކު ދިގުވާނޑު އަވަށު، މަސްޖިދުލް ހިދާޔާގައިވެސް މިއަދު ހުކުރުނަމާދު ކުރާނެ

 



ކިޔުންތެރިންގެ ޚިޔާލު