A wide advertisement which will be shown on all devices. (700 x 100)

ދިރާގް އިން 4ޖީގެ ޙިދުމަތް ފުވައްމުލަކަށް ތައާރަފްކޮށްފި

4ޖީގެ ޙިދުމަތް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ދިރާގްގެ 4ޖީގެ ޚިދުމަތް ފުވައްމުލަކަށް މިއަދު ތައާރަފް ކޮށްފިއެވެ.
ހާފިޒް އަހްމަދު ސުކޫލްގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި 4ޖީގެ ޙިދުމަތް ތައާރަފްކޮށްދެއްވީ ދިރާގްގެ ޗެއާމަން ރިލްވާން ޝަރީފްއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ދިރާގުގެ ޗެއާމަން ރިލުވާން ޝަރީފް ވިދާޅުވީ ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި މިހާރު 4ޖީގެ ޙިދުމަތް ދޭންފައްޓާފައިވާ ކަމަށާއި އަދި އެޚިދުމަތް ފުޅާކުރަމުން ގެންދާކަމަށެވެ.
“ފުވައްމުލަކަކީ ދިރާގުގެ ޚިދުމަތްތަކުގައި ވަރަށް ތާރީޙީ ރަށެއް، އެގޮތުން ދިރާގުގެ ޚިދުމަތްދިނުމުގައި އެންމެ އުސް ޓަވަރެއް ޖަހަންޖެހުނީވެސް ފުވައްމުލަކުގައި، އެއީ ގައްދޫއިން ފުވައްމުލަކަށް ޚިދުމަތް ފޯރިކޮށްދިނުމަށް، އެއީ 90ގެ ފަހުކޮޅު ކަމަށްވެފައި އެއީ ދިރާގުގެ ޚިދުމަތްދިނުމުގައި ކުރަންޖެހުނު މަސައްކަތުގެ ތެރެއިން ވަރަށް ބޮޑު ޗެލެންޖެއް،ނަމަވެސް މިއަދު ފައިބާ އޮބްޓިކަލް ކޭބަލް ބޭނުންކޮށްގެން ފުވައްމުލަކަށްވެސް ޚިދުމަތް އެބަދެވޭ” ރިލުވާން ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އިސްމާއިލް ވަހީދުގެ އިތުރުން ޑައިރެކްޓަރ ކަސްޓަމަރ ސާރވިސް އެންޑް ސޭލްސް އަލީ ރިޔާޒްވެސް ވާހަކަ ދެއްކެވިއެވެ. ހުރިހާ ބޭފުޅުންގެ ވާހަކައިގައިވެސް ދިރާގުން ދޭ ޚިދުމަތްތައް ފުޅާވަމުންދާ މިންވަރު ފާހަނގަކުރުމުގެ އިތުރުން ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުމުގެ މައްޗަށް ވާހަކަ ދެއްކެވިއެވެ.
ޑައިރެކްޓަރ ކަސްޓަމަރ ސާރވިސް އެންޑް ސޭލްސް އަލީ ރިޔާޒް ވިދާޅުވީ ދިރާގުގެ ކަސްޓަމަރުންނަށް އަބަދުވެސް އެންމެ ފަހުގެ ޚިދުމަތް ދިނުމުގައި މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ދިރާގުން ތައާރަފްކޮށްފައިވާ ބައެއް އާލާތްތަކުގެ މައުލޫމާތުވެސް ރިޔާޒް ދެއްވިއެވެ.
4ޖީ ތަޢާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރަސްމިއްޔާތަށް ދައުވަތު ދެވިގެން ވަޑައިގަތް ބޭފުޅުންގެ ތެރެއިން ލަކީޑްރޯއެއް ބާއްވާ ހާއްސަ އިނާމްތަކެއް ދީފައިވެއެވެ. އެގޮތުން އެންމެ ފަހުގެ ފޯންތައް ކަމަށްވާ އައިފޯން6 ޕްލަސް އާއި ސެމްސަންގް ގެލެކްސީ ނޯޓް4 ގެ އިތުރުން އިތުރު ފޯންތަކެއް ގުރުއަތުން ހޮވުނު ފަރާތްތަކަށް ދީފައިވެއެވެ. އަދި މީގެ އިތުރުން 4ޖީ ޑޮންގުލްވެސް ގުރުއަތުން ހޮވުނު ފަރާތްތަކަށް ދީފައިވެއެވެ.
މިރަސްމިއްޔާތުގައި 4ޖީ ތައާރަފް ކުރިކަމުގެ ހަނދާނީ ފިލައެއް ދިރާގުގެ ފަރާތުން ދިނުންއޮތެވެ. ފިލަޔާއި ހަވާލުވެވަޑައިގަތީ އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ފަލާހް ޝަރީފް އެވެ.
ފުވައްމުލަކު ރައްޔިތުންނަށް ދިރާގް އިން ތައާރަފްކޮށްފައިވާ 4ޖީގެ ޚިދުމަތާއި ބެހޭ މައުލޫމާތު ދިނުމުގެ ހަރަކާތްތަކެއް މިއަދު ހަވީރު “މާނޭރެ” ސަރަހައްދުގައި އޮންނާނެކަމަށް ދިރާގުން ވިދާޅުވިއެވެ. އަދި މިހަރަކާތުގައި 4ޖީ ޚިދުމަތްދޭ ސިމް ހިލޭ ލިބޭނެކަމަށްވެސް ދިރާގުން ބުންޏެވެ.
ފުވައްމުލަކުގެ އިތުރުން މާލެއާއި ކުޅުދުއްފުށި، ގދ.ތިނަދޫ އަދި ގއ. ވިލިގިލީގައިވެސް 4ޖީގެ ޙިދުމަތް މިހާރު ލިބޭނެކަމަށް ދިރާގުން ބުންޏެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !